މާލޭގެ ބައެއް ސުކޫލްތަކުން ޖާގަ ހޯދުމަށް ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް މަސައްކަތްކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ 2020 ވަނަ އަހަރު މާލޭގެ ސްކޫލުތަކުން ދަރިވަރުންނަށް ޖާގަ ދިނުމުގެ އުސޫލެއް ކަނޑައަޅާފައެވެ.

މި އުސޫލާ ގުޅޭ ގޮތުން އެ މިނިސްޓްރީން ނެރިފައިވާ ބަޔާނުގައި ވަނީ މިފަދަ އުސޫލެއް ހަދަން ޖެހުނީ އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސުކޫލުގައި އަންނަ އަހަރު އަލަށް ގުރޭޑް އެކަކަށް ވައްދާ ދަރިވަރުންނަށް ދެވެންހުރި ޖާގައިގެ އަދަދަށްވުރެ، އެ ސުކޫލްތައް ހިމެނޭ ކެޗްމަންޓް އޭރިއާގައި ދިރިއުޅޭކަމަށް ހުށަހަޅާފައިވާ ދަރިވަރުންގެ އަދަދު އިތުރުވެފައިވުމުން ކަމަށެވެ.

ބައެއް ސުކޫލްތައް ހިމެނޭ ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް އެސަރަޙައްދުގައި ނޫޅޭ ފަރާތްތަކުން އެސަރަހައްދުގައިއުޅޭކަމަށް ލިޔެކިޔުން ހުށަހަޅައި ސުކޫލުން ޖާގަ ހޯދުމަށް މަސައްކަތް ކުރާ ކަމަށާއި އެކަމުގެ ސަބަބުން އެސުކޫލް ހިމެނޭ ސަރަހަައްދުގައި ދިރިއުޅޭ ދަރިވަރުންނަށް ޖާގަ ލިބުމުގެ ފުރުސަތު ހަނިވެގެން ގޮސްފައިވާ ކަމަށް މި ބަޔާނުގައިވަނީ ބުނެފައެވެ.

މި ބަޔާނުގައި ވާގޮތުން އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސުކޫލު ހިމެނޭ ސަރަހައްދުގައި ހުރި ބައެއް ގޭގޭގައި 40އާއި 50 އާއި ދެމެދުގެ އަދަދަކަށް ގްރޭޑް 1އަށް ވަންނަ އުމުރު ފުރާގެ ދަރިވަރުން ދިރިއުޅޭކަމަށް ސިޓީ ހުށަހަޅާފައިވާކަމަށެވެ.

އެ މިނިސްޓްރީން ބެލި ބެލުމުން މިގެތަކުގައި އެއަދަދަށް ދަރިވަރުން ދިރިނޫޅޭކަން ފާހަގަކުރެވިފައިވާކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

އެހެންކަމުން މިއުސޫލުގެ ދަށުން އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސުކޫލް ހިމެނޭ ސަރަހައްދުން ސުކޫލަށް ވަނުމަށް އެދިފައިވާ ދަރިވަރުންނަށް އިންސާފުވެރިކަމާއެކު ފުރުސަތު ދެވިގެންދާނެ ކަމަށާއި މާލެ ސަރަޙައްދުގައި ހިމެނޭ އެހެން ހުރިހާ ސުކޫލްތަކުން އެސުކޫލް ހިމެނޭ ސަރަޙައްދުތަކުން ސުކޫލަށް ވަނުމަށް އެދިފައިވާ ދަރިވަރުންނަށް ޖާގަ ދެވޭނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

މި މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރަނީ ދަރިވަރުންނާއި ބެލެނެވެރިންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއި އިންސާފުން ޚިދުމަތް ފޯރުކޮށްދިނުމަށް
އެޑިޔުކޭޝަން މިނިސްޓްރީ

އިސްކަންދަރު ސްކޫލަށް ގްރޭޑް 1 އަށް ޖާގަދެވެނީ 90 ދަރިވަރުންނަށް ކަމަށާއި ނަމަވެސް އެ ސްކޫލު ހިމެނޭ ކޗްމަންޓް އޭރިޔާގައި 288އަށްވުރެ ގިނަ ދަރިވަރުން ހިމެނޭކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަދި ޖަމާލުއްދީން ސްކޫލުން ގްރޭޑް 1 އަށް ޖާގަދެވެނީ 120 ދަރިވަރުންނަށް ވާއިރު އެ ސްކޫލު ހިމެނޭ މެޗްމަންޓް އޭރިޔާގައި 396އަށްވުރެ ގިނަ ދަރިވަރުން ހިމެނޭކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.