ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސްކަމުން މުހައްމަދު ޝަހީބް އިސްތިއުފާ ދެއްވައިފި އެވެ.

ބްރޯޑްކޮމްގެ ރައީސްކަމުން ޝަހީބް އިސްތިއުފާދެއްވި ކަމުގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް މިއަދު ފޮނުއްވިކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވަނީ ވީނިއުސްއަށް ޔަގީން ކޮށްދީފައެވެ.

ޝަހީބު އިސްތިއުފާ މި ދެއްވީ އޭނާ އާއި އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވުމުން މިއަދަށް އެ މައްސަލަ އެޖެންޑާ ވެސް ކޮށްފައި ވަނިކޮށެވެ.

ރައީސް ސޯލިހަށް އެޑްރެސް ކުރައްވައި ޝަހީބު މިއަދު ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ވެސް މަސައްކަތް ކުރަމުން އައީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، އެއާ ގުޅިގެން ހަދައިފައިވާ ގާނޫނުތަކާއި، އިސްލާމް ދީނާއި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި، ރާއްޖޭގެ އެހެން ގާނޫނުތަކާ އެއްގޮތަށް، ތެދުވެރިކަމާއި އިޚުލާސްތެރިކަމާ އެކު ކަމަށެވެ.

" ވަކި ބަޔަކަށް ތަފާތުކުރުމެއް ނެތި، މީޑިއާގެ މިނިވަންކަމަށް ތަރުހީބު ދީގެންނެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރިޔާސަތުގައި އަޅުގަނޑު ހޭދަކުރަމުން މި އައި ދިގު މުއްދަތުގައި ވެސް އަޅުގަނޑު މަސައްކަތްކޮށްފައި ވާނީ އިސްވެ ދެންނެވި ގޮތަށް، ހަމަހަމަކަމާއި އިންސާފުންނެވެ. ނަމަވެސް، ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާ ހުރިހާ ނިންމުންތަކަކީ ކޮމިޝަންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުންތަކެއް ކަމުން، އަދި އެ ހުރިހާ ނިންމުންތަކަކީ އަޅުގަނޑަށް ތާއީދު ނުކުރެވޭ ނިންމުން ތަކެއް ކަމަށް ވީ ނަމަވެސް، ރިޔާސަތު ބަލަހައްޓާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ގާނޫނު ލާޒިމްކުރަނީ އަޣުލަބިއްޔަތަށް ތަބާވެ، އެ ނިންމުންތައް ތަންފީޒުކުރުމަށެވެ. " ޝަހީބުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އަނިޔާ އާއި ބޭއިންސާފާ ދެކޮޅަށް އުފުލާ އަޑުތައް ގިނަވެފައިވާ ދަނޑިވަޅެއްގައި "ވަޒީފާގެ ބިރާ" ކުރިމަތިލާންޖެހޭ މީހަކަށް ވެދާނެ ކަމަށް ވެސް އުންމީދުކޮށްގެނެއް ނޫނެވެ.އިސްވެ ދެންނެވި ސަބަބުތަކާ ހެދި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުގައި އިތުރަށް ހުންނަން އަޅުގަނޑު ބޭނުންނުވާތީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާދިންކަން މަނިކުފާނަށް ދަންނަވާލުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ.
އިސްތިއުފާގެ ސިޓީގައި ޝަހީބު ވިދާޅުވެފައި ވެއެވެ.

މެމްބަރަކަށް 2011 ގައި އައްޔަން ކުރެއްވި ޝަހީބުގެ ސިޓީގައި އިތުރަށް ބުނެފައި ވަނީ ކޮމިޝަންގެ މެމްބަރުކަމުން ވަކިކުރަން މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން 24 ޖުލައި 2019 ގައި ނިންމެވި ނިންމެވުމަކީ "އިންސާފުގެމަގު"ން އެއްކިބާވެ ނިންމަވައިފައިވާ، ގާނޫނު އަސާސީއާ ޚިލާފު، ނާއިންސާފު ނިންމެވުމެއް ކަމުގައި ގަބޫލްކުރެވޭ ކަމަށެވެ.

ޝަހީބުގެ އިތުރުން ނައިބު ރައީސް ޒައިނާ މެންބަރުކަމުން ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނީ ހުސްވި ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. ކޮމެޓީގެ އެދުވަހުގެ ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ ވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާގުންނެވެ. ޝަހީބާއި ޒައިނާ ވަކިކުރަން ކޮމިޓީއަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އެވެ.

މެންބަރުކަމުން ޝަހީބު މިއަދު އިސްތިއުފާ ދެއްވިއިރު، މީގެ ކުރިން އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، މިނިވަންކަމެއްނެތި ސަރުކާރުގެ ނުފޫޒުގައި ޖެހިގެން ހިންގި މުއައްސަސާތަކުގެ ތެރެއިން ބްރޯޑްކާސްޓިންގް ކޮމިޝަނަކީ ފާހަގަކޮށްލެވޭ މުއައްސަސާއެކެވެ. ބްރޯޑްކާސްޓިންގް ކޮމިޝަނުން ވަނީ ސިޔާސީ ވިސްނުމުގައި ބައެއް މީޑިއާތަކަށް ބޮޑެތި އަދަބުތައްދީ، އެ މީޑިއާތައް ހުއްޓުވަން ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

ޝަހީބަކީ ނޫސްވެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި މީޑިއާ ސްޓޭޝަންތަކުގެ އިސް މަގާމުތައް ވެސް ފުރުއްވާފައިވާ ބޭފުޅެއްކަން ވެސް ފާހަގަ ކޮށްލެވެއެވެ.