މުސާރަ އާއި އުޖޫރައިގެ ގޮތުގައި އެންމެ ކުޑަކޮށް ދެވޭނެ އަދަދެއް ކަނޑައެޅުމަށް ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ސާވޭއެއް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ

އިކޮނޮމިކް މިނިސްޓްރީ އާއި ރިޔަން ޕްރައިވެޓް ލިމިޓެޑާއި ދެމެދު މިހާރު ވަނީ، ރާއްޖޭގައި ހިންގާ ވިޔަފާރިއާ ބެހޭ ސާވޭ ނުވަތަ އެންޓަޕްރައިސް ސާވޭއެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އިނިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިމަހު ފެށުމަށް ހަމަޖެހިފައިވާ މިސާރވޭ ހަތަރު ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާނެ އެވެ. ރާއްޖޭގެ ދެކުނާއި އުތުރުގެ ރަށްތަކުގައި ކުރުމަށް ހަމަޖެހިފައިވާ މި ސާވޭ ކުރާނީ މާލެ އާއި އައްޑޫ އަދި ފުވައްމުލައް ހިމެނޭ ގޮތަށް، އިތުރު ހަތް ރަށެއްގަ އެވެ.

މައިގަނޑު ގޮތެއްގައި މި ސާވޭ ކުރިއަށް ގެންދާނީ ޓޫރިޒަމް އަދި ކޮންސްޓްރަކްޝަންގެ އިތުުރުން، ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރިތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ. މި ސާވޭގައި، މިހާރުގެ ވަޒީފާގެ ހާލަތައި މުސާރަ އާއި މިނިމަމް ވޭޖް ކަނޑައެޅުމުގެ ކަންކަމުގައި ވިޔަފާރިތަކުން ދެކޭ ގޮތް ނުވަތަ އެ ކަމާ ގުޅޭ ގޮތުން ހިޔާލު ހޯދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އެ ސާވޭގެ މައިގަނޑު މަގުސަދަކީ މާލެ އާއި އަތޮޅުތެރޭގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންނަށް ކުރެވޭ ޚަރަދުތަކާއި އެ ވިޔަފާރިތަކުގެ މާލީ ހާލަތު ދެނެގަތުމެވެ. އަދި ސާވޭ ބައްޓަން ކުރެވިފައި ވަނީ ވަކި ވަކި ވިޔަފާރިތަކަށް ޒިޔާރަތްކުރުމަށްފަހު އެ ވިޔަފާރިތަކުގެ ޒިންމާދާރު ފަރާތްތަކާ ބައްދަލުކޮށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ސާވޭ ކުރިއަށް ދާއިރު ސާވޭގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް ޓީމަށް އެއްބާރުލުން ދިނުމާއި އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދިނުމަށް މުސާރަ އާއި އުޖޫރާއާ ގުޅޭ ގޮތުން ލަފާ ދޭ ބޯޑުން ވަނީ އެދިފަ އެވެ.

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ކުރަމުން އަންނަ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ.