އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިިން ރާއްޖެއަށް 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދިމުނަށް ދިވެހި ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން ލޯން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަދި އައިޓީއެފްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ އިންޖިނިއާ ހާނީ ސަލީމް ސޮންބޮލް އެވެ.

ވިޔަފާރިއާ އިގްތިސާދީ ދާއިރާގެ ކަންކަން ކުރިއެރުވުމަށް ސޮއިކުރި މިފްރޭމްވޯކް އެގްރީމެންޓަކީ 1.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެކެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރު އިބްރަހީމް އަމީރު ވިދަޅުވީ ސޮއިކުރެވުނީ 1.5 ބިލިޔަން ޑޮލަރުގެ އެގްރިމެންޓެއްގައި ކަމަށް ވިޔަސް މިއެގްރިމެންޓަކީ އަގު ނުކުރެވޭނެ ވަރުގެ އެގްރިމެންޓެއް ކަމަށެވެ. އަދި އައިޓީއެފްސީއަކީ ރާއްޖެއަށް އެކި ގޮތްގޮތުން ގިނަ އެހީތަކެއް ފޯރުކޮށްދޭ ކޯޕަރޭޝަނެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ރާއްޖޭގައި އުފައްދާ ކަރަންޓަށް ބޭނުންވާ 80 އިންސައްތަ ތެލަކީ އައިޓީއެފްސީގެ އެހީގައި ގަންނަ ތެޔޮކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ތެޔޮ އެތެރެ ކުރުމަށް އައިޓީއެފްސީން ދީފައިވާ އެހީއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ހިއްސާއެއްކަމަށެެވެ.

މީގެއިތުރުން މި އެގްރިމެންޓްގެ ދަށުން ލިބޭ އެހީ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުން ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެފަރާތްތަކުގެ ގާބިލްކަން ހޯދުމަށް މި އެހީ ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުންތަކެއް އަންނާނެކަމަށް ވެސް މިނިސްޓަރު އަމީރުވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޓީއެފްސީގެ ސީއީއޯ އިންޖިނިއާ ހާނީ ސަލީމް ސޮންބޮލް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުތެރޭ އައިޓީއެފްސީއިން އެންމެ ބޮޑު އެހީތައްދޭ ގައުމަކަށް ދިވެހިރާއްޖެ ވެފައިވާކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް އައިޓީއެފްސީއިން މަޝްވަރާކުރާނެ ކަމަށެވެ.

ސަލީމް ވަނީ އައިޓީއެފްސީގެ މެންބަރު ގައުމަކަށް ވުމަށް ރާއްޖެއަށް ދައުވަތު ދެއްވާފައެވެ.

2008ވަނަ އަހަރު އުފެދުނު އައިޓީއެފްސީއިން މާލީ އެހީފޯރުކޮށްދޭ މައިގަނޑު ފަރާތްތަކުގެ ތެރޭގައި ރާއްޖެހިމެނެއެވެ. އެގޮތުން އެސްޓީއޯއިން އެތެރެކުރާ ތެލުގެ 80 އިންސައްތައަކީ އައިޓީއެފްސީގެ މާލީ އެހީތެރިކަމާއެކު އެތެރެކުރެވޭ ތެލެވެ. އައިޓީއެފްސީ އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ކުޑައިގެ ދަށުގައި ހިމެނޭ މާލީ އެހީ ފޯރުކޮށްދޭ ފަރާތެކެވެ.