ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގައި ހިފާގެންގުޅޭ ޒަރޫރީ ތަކެއްޗަށް ލިބުނު ގެއްލުން އެއްމިލިއަނަށްވުރެ އިތުރުކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ- އެންޑީއެމްއޭއިން ބުނެފިއެވެ.

ހ. ތިލަފުށީގޭގައި ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މިންވަރު ބެލުމަށް އެންޑީއެމްއޭއިން ވަނީ އެސެސްމަންޓެއް ހެދުމުގެ މަސައްކަތްފަށާފައެވެ. މި ހާދިސާގައި ގެއްލުންވި ގެތަކާއި ގޭބިސީތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު ލިބުނު ގެއްލުން ވަަޒަންކުރަން ހެދި މި އެސެސްމަންޓް ހަދަމުންދަނީ މައިގަނޑު ދެބަޔަކަށް ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މީގެ ތެރޭގައި ހިމެނެނީ ގޭބިސީތަކުގައި ބޭނުން ކުރަމުންދިޔަ ހިފައި ގެންގުޅޭ ޒަރޫރީ ތަކެއްޗަށް ލިބުނު ގެއްލުމާއި އަލިފާނުގެ ސަަބަބުން ގޭގެ އިމާރާތަށް ލިބުނު ގެއްލުމުގެ ތަފްސީލެވެ. ގޭބިސީތަކުގައި ބޭނުންކުރަމުންދިޔަ ހިފައި ގެންގުޅޭ ޒަރޫރީ ތަކެއްޗަށް ލިބުނު ގެއްލުން ވަޒަންކުރުމަށް 18 ގެއެއްގެ 92 ގޭބިސީގެ އެސެސްމަންޓްވަނީ އެންޑީއެމްއޭއިން ހަދާފައެވެ.

މި އެސެސްމަންޓްތަކުން ދައްކާގޮތުން ހިފާގެންގުޅޭ ޒަރޫރީ ތަކެއްޗަށް ލިބުނު ގެއްލުމުގެ ޖުމްލަ 1،036،651.00 ރުފިޔާއަށް އަރައެވެ.

41 ގޭބިސީގެ ހިފާގެންގުޅޭ ޒަރޫރީ ތަކެތި އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާކަން އެސެސްމަންޓް ހެދިއިރު ފާހަގަކުރެވިފައިވާކަަމަށްވެސް އެންޑިއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ އިމާރާތަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް 31 ގެއެއްގެ އެސެސްމަންޓް މިހާރު ހެދިފައިވާކަމަށާއި މިގެތަކުގެ ތެރެއިން އިތުރަށް ގެއްލުން ވަޒަންކުރަންޖެހޭ 3 ގެއެއްގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. މި އެސެސްމަންޓްތަކުން ދައްކާގޮތުން ޖުމްލަ 14 އިމާރާތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވެފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި މީގެ ތެރޭގައި އަލިފާނުގެ ސަބަބުން އާންމުންގެ ސަަލާމަތާއި ރައްކާތެރިކަމަށް ތަޅާލެވުނު ގުދަންތައްވެސް ހިމެނެއެވެ.

އިމާރާތްތަކަށް ލިބުނު ގެއްލުމުގެ އެސެސްމެންޓްތައް އަންނަ ހަފްތާގެ ހޯމަ ދުވަހާއި ހަމައަށް ނިންމާލެވޭ ކަމަށް ވެސް ނެޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީން ބުނެއެވެ.