ކުރީގެ ރައީސް ޢަބްދުﷲ ޔަމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިންމައި ހުކުމް ކުރުން ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

ބުދަ ދުވަހު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ ދެފަރާތުން ޚުލާޞާ ބަޔާން ހުށަހަޅާފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާ އޭސީސީގެ އެސްކްރޯ އެކައުންޓަކަށް ޖަމާކުރަން އެންގުމުން، އެހެން އެއް މިލިއަން ޑޮލަރެއް އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައެވެ.

ބުދަ ދުވަހު ހުލާސާ ބަޔާން އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައި ހުރި ފައިސާކަމަށް އެކަށީގެންވާ މިންވަރަށް ޝައްކުކުރެވޭ ކަމަށެވެ.

އަދި އިސްލާމިކް ބޭންކުގައި ހުޅުވާފައި ހުރި އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެސްއޯއެފުން ލިބުނު ފައިސާ ނޫން ކަމަށާއި އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ ޔާމީންގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރު ފޮނުވި ފައިސާކަން އެނގޭ ކަމަށެވެ.

އަދި އެގޮތަށް އަމަލުކޮށްފައިވުމުން އެއީ މަނީ ލޯންޑަރިންއަށް ތުހުމަތުކުރެވޭ އަމަލެއް ކަމަށް ދައުލަތުން ބުނޭ،، އަދި އެފައިސާ އިސްލާމިކް ބޭންކްގެ އިންވެސްޓްމަންޓް އެކައުންޓަށް ޓްރާންސްފާ ކުރީ ފައިސާގެ އަސްލު އޮޅުވާލުމަށް ކަމަށް ބެލެވޭ ކަމަށްވެސް ދައުލަތުން ބުނެއެވެ.

ހުލާސާ ބަޔާން އިއްވަމުން ޔާމީންގެ ގާނޫނީ ވަކީލް ފާހަގަކުރައްވާފައިވަނީ ކުރީގެ ނައިބުރައީސް އަޙުމަދު އަދީބުއާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސް ނަގާފައިވުމުން އެދެބޭފުޅުންނަކީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ތުހުމަތު ކުރެވޭ ދެބޭފުޅުން ކަމަށް ވުމުން އެދެބޭފުޅުންގެ ހެކިބަސް ނުނެގޭނެ ކަމަށެވެ.

ޔާމީންގެ ގާނޫނީ ވަކީލް ވިދާޅުވީ މިދައުވާ އަކީ ސިޔާސީ ދައުވާއެއް ކަމަށާ ދައުލަތަށް މިދައުވާ ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.

އެސްއޯއެފްއަކީ ސަރުކާރުގެ އެކި ކުންފުނިތަކާއި ހާއްސަކޮށް އެމްއެމްޕީއާރުސީއާއި އެކު ފައިސާގެ މުޢާމަލާތްތައް ކޮށްފައިވާ ކުންފުންޏަކަށް ވާއިރު އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ ޚިޔާނާތުގެ ފައިސާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށްވެސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.

މިމައްސަލާގައި ދައުލަތުގެ ފާރާތުން ގިނަ ހެކިތަކެއް ހުށަހަޅާފައިވާއިރު ޔާމީންގެ ފަރާތުން ހުށަހަޅާފައިވަނީ ދެ ހެއްކެކެވެ. އެއީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރ އަޒީމާ އާދަމް އާއި އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެކެވެ.

އަޒީމާ މާލޭގައި ނޫޅުއްވާތީ އަޒީމާގެ ހެކިބަސް ނަގާފައެއް ނުވެއެވެ. އަޒީމާ ރާއްޖެއިންބޭރުގައި ހުންނަވައި ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ އެ މައްސަލައިގާ އިތުރަށް ދެއްވާނެ ހެކިބަހެއް ނެތް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާއާއި ގުޅިގެން ކުރިއަށް ގެންދާ ހުރިހާ އަޑުއެހުމެއް ވެސް ޓީވީ ސްޓޭޝަންތަކުން ވަނީ ވަގުތުން ގެނެސްދީފައެވެ.