ވޮލީބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އިންތިޚާބު ކުރުން މިމަހުގެ 24 ވަނަ ދުވަހު ބާއްވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

އެ އެސޯސިއޭޝަނުން މި ގޮތަށް ނިންމާފައިވަނީ ނޯމަލަިޒޭޝަން ކޮމިޓީން ވޮލީ ޓީމްތަކާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ވޮލީބޯލް އެސޯސިއޭޝަނުން އިންތިޚާބު އަލުން ބޭއްވުމަށް ނިންމާފައިވަނީ ރާއްޖޭގެ ވޮލީގެ ހާލަތު އިސްލާހު ކުރުމަށް އުފައްދާފައިވާ ނޯމަލައިޒޭޝަން ކޮމެޓީން ވޭތުވި 3 އަހރު އިންޑޯ ވޮލީބޯލް މުބާރާތްތަކުގައި ބައިވެރިވި ޓީމުތަކާއި އެކު މަޝްވަރާ ކުރުމަށް ފަހު އެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭ ނޯމަލައިޒޭޝަން ކޮމިޓީން، ވޮލީ ޓީމްތަކާއި އެކު ޔޫތު މިނިސްޓްރީގައި ވަނީ ބައްދަލު ވުމެއް ބާއްވާފަ އެވެ.

މި ބައްދަލުވުމަށް ފާއިތުވި 4 އަހަރުގެ ތެރެއިން 3 އަހަރު ރާއްޖޭގައި ބޭއްވި އިންޑޯ ވޮލީބޯލް މުބާރާތްތަކުގައި ބައިވެރިވި 8 ކުލަބަކަށް ދައުވަތު ދީފައި ވާއިރު މި ބައްދަލު ވުމުގައި ބައިވެރިވެފައިވަނީ 6 ކުލަބަކުންނެވެ. އެ ކުލަބް ތަކަކީ ޕޮލިސް ކުލަބް، ގުޑީސް ސްޕޯޓްސް ކުލަބް، ކުލަބް ހާފްލައިން، ލިންކޭޖް ސްޕޯޓްސް ކުލަބް ސިޓީ، ޔޫތު ނިއު ޖެނެރޭޝަން، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް އެވެ. މި ބައްދަލު ވުމުގައި ބައިވެރިވެފައި ނުުވަނީ ސިފައިންގެ ކުލަބާއި ސްޕޯޓްސް ކުލަބް ހޯކްސް އެވެ.

މި ބައްދަލު ވުމުގައި ހިންގާ ކޮމެޓީގެ އަސާސީ ގަވައިދުތަކަށް ކުލަބުތަކުން އިސްލާހު ހުށައެޅުމާއި އިޞްލާހުތައް ފާސް ކުރުން ކުރިއަށް ގެންގޮސްފައިވާކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ބުނެ އެވެ.

ވޮލީބޯލް އެސޯސިއޭޝަނުން އިންތިޚާބެއް ބޭއްވުމަށް ނިންމާފައި މިވަނީ ، ރާއްޖޭގެ ވޮލީބޯޅައިގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެތެރޭގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ސްޕޯޓްސް ކޮމިޝަނަރު ވަނީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ވޮލީބޯޅަ އެސޯސިއޭޝަނުގެ ނޯމަލައިޒޭޝަން ކޮމެޓީއެއް އެކުލަވާލާފަ އެވެ. އެކަމަކު ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ ކަމަށްވާ އެފްއައިވީބީން ވަނީ އެ ކޮމެޓީ ބަލައިނުގަންނަން ނިންމާފަ އެވެ. އަދި އެފްއައިވީބީން އެންގި ގޮތަށް އެ ފެޑެރޭޝަނުގެ ނިންމުމަށް އިހުތިރާމްކޮށް، ވީއޭއެމް ހިންގުން ލަތީފްގެ ލީޑަޝިޕާ ހަވާލުކުރުމަށް އެދި އޭނާ ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް އަރިހަށް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ސިޓީއެއް ފޮނުވާފަ އެވެ. އެހެންނަމަވެސް ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ ސައްހަ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި ކޮމިޝަނާ އޮފް ސްޕޯޓްސްގެ އެންގުމާ އެއްގޮތަށް ވީއޭއެމް ހިންގުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ނޯމަލައިޒޭޝަން ކޮމިޓީން ދިޔައީ ކުރަމުންނެވެ.

ރާއްޖޭގެ ވޮލީގެ ހާލަތު ރަގަޅު ނުކޮށްފި ނަމަ ރާއްޖެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑުކަމަށް އެފްއައިވީބީ އިން ވަނީ އަންގާފައެވެ. އެހެންނަމަވެސް ކުޅިވާރާއި ބެޙޭ ވަޒީރު އަޙްމަދު މަޚުލޫފް ވިދާޅުވެފައިވަނީ އެފްއައިވީބީން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެފްއައިވީބީއާއި ނޯމަލައިޒޭޝަން ކޮމިޓީއާ މުއާމަލާތު ކުރުމުގައި އުދަނގޫ ކަމެއް އުޅެނީ ނޯމަލައިޒޭޝަން ކޮމިޓީއަކީ އިންތިޚާބު ކޮށްފައިވާ ކޮމިޓީއަކަށް ނުވާތީ ކަމަށް ގަބޫލުކުރެވޭ ކަމަށާ، އިންތިހާބެއް ބޭއްވުމުން އެފްއައިވީބީ އާއިމެދު އޮތް މައްސަލަ ހައްލުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް މަޚްލޫފް ވަނީ ވިދާޅުވެފައެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދު ފާސްކުރުމަށް ބައްދަލު ވުމެއްބާއްވަން ތައްޔާރުވަމުން ދިޔައިރު ނޯމަލައިޒޭޝަން ކޮމެޓީން ބާއްވާ ކޮންގްރެސް ހުއްޓުވައިދިނުމަށް އެދި އެ އެސޯސިއޭޝަނުގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ކިބައިން ވަނީ އެދިފަ އެވެ.