• މުބާރާތުގެ އިއުލާނު ވަނީ ގެޒެޓުކޮށް، ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވާފައި
  • މުބާރާތް ކުޅެވޭނީ ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް

ކުޅިވަރާބެހޭ ވުޒާރާއާއި އެފްއޭއެމް ގުޅިގެން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަން ބުރުގައި ބައިވެރިވާން ބޭނުންވާ ރަށްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕަކީ މިދިޔަ ސަރުކާރުން ފެށި މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރިބްރޭންޑުކޮށް ބޮޑެތި ބަދަލުތަކާ އެކު އަލުން އިއުލާނުކުރި މުބާރާތެކެވެ. ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕް ކުރިޔަށްދާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

އެފްއޭއެމުން ބާއްވާ ކޮލިފިކޭޝަން މުބާރާތުގެ އިއުލާން މިހާރު ވަނީ ގެޒެޓް ކޮށް ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވައިފައެވެ. އެ މުބާރާތް ކުޅެވޭނީ ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ އެރަށެއްގެ ކްލަބް ، ޖަމްއިއްޔާ ، ޖަމާއަތްތަކަށެވެ. އަދި އެ މުބާރާތް ރާވާ ހިންގާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.

އަންނަ އަހަރުގައި އޮންނަ ބޮޑު މުބާރާތަށް ކޮލިފައިވާ އިރު އެ މުބާރާތަށް ދާ ޓީމުތަކަށް ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 ގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ރަށު ކައުންސިލްތަކުން ބައިވެރިވުމަށް އެދި 17 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 3:00ގެ ކުރިން އެފްއޭއެމުން ހާއްސަކޮށްފައިވާ މެއިލްއަށް ފޮނުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މިދިޔަ މުބާރާތާއި ހިލާފަށް މިފަހަރު ބާއްވަން ހަމަޖެހިފައިވާ މުބާރާތް ބާއްވާނީ ރަށު ފެންވަރުގައި މުބާރާތެއް ކުޅުމަށްފަހު އެ މުބާރާތް ކާމިޔާބު ކުރާ ޓީމު ޖަޒީރާ ޗެމްޕިއަންޝިޕުގެ ބޮޑު މުބާރާތަށް ކޮލިފައިވާ ގޮތަށެވެ. އަންނަ އަހަރު އޮންނަ ބޮޑު މުބާރާތުގައި ބައިވެރިވެވޭނީ ރަށްރަށަށް ނިސްބަތްވާ ކުލަބު ޖަމިއްޔާތަކަށް ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

މުބާރާތުގެ މައިގަނޑު މަގުސަދަކީ ރަށު ފެންވަރުގައި ގިނަ ކުޅުންތެރިންތަކަކަށް ކުޅުމުގެ ފުރުސަތު ހުޅުވާލުމުގެ އިތުރަށް ރަށުގައި ހަރާކާތްތެރިވަމުންދާ ކްލަބް ޖަމްއިއްޔާ ޖަމާއަތްތަކަށް ފުރުސަތު ހޯދައިދީ އަދި އެ ފަރާތްތަށް އިތުރަށް ބާރުވެރިކުރުވުން ކަމަށް އެފްއޭއެމުން ހާމަކުރެއެެވެ.