- ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައިވަނީ މޭޖާ ލީގު ސޮކާގެ ސީޒަން ނިމުނުތާ ދެ ދުވަސްފަހުން
- އަދިވެސް ފުޓުބޯޅައަށް ހިދުމަތްކުރުމުގައި ދެމިހުންނާނަން: ޝްވައިންސްޓައިގާ
ޖަރުމަނުވިލާތާއެކު 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި މިޑްފީލްޑަރު ބަސްޓިއަން ޝްވައިންސްޓައިގާ އުމުރުން 35 އަހަރުގައި ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
ޝްވައިންސްޓައިގާ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވަނީ އޭނާ މިހާރު ކުޅެމުން އަންނަ އެމެރިކާގެ މޭޖާ ލީގު ސޮކާގެ ސީޒަން ނިމުނުތާ ދެ ދުވަސްފަހުންނެވެ.
އެމެރިކާގެ މީޑިއާތަކުގެ ހާޒިރުގައި ކުޅުން ހުއްޓާލިކަން އިއުލާންކުރަމުން ޝްވައިންސްޓައިގާ ބުނީ ފުޓްބޯޅަ އަށް އަލްވަދާއު ކިޔަން ޖެހުމަކީ ވަރަށް އުނދަގޫވާނެ ކަމެއް ކަމަށާއި ކުޅުން ހުއްޓާލަން ޖެހުމުން ވަރަށް ދެރަވާ ކަމަށެެވެ. އަދި މިއީ އޭނާގެ ހަޔާތުގައި ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަމަށާއި ކުރިޔަށް އޮތް ތަނުގައިވެސް ފުޓުބޯޅައަށް ހިދުމަތްކޮށްދިނުމުގައި ދެމިހުންނާނެ ކަމަށްވެސް ބުންޏެވެ.
ފުޓުބޯޅައިގައި ކާމިޔާބުކަމާއެކު ރިޓަޔާކުރާނީ ވަރަށް ގިނަބައެއްގެ އެހީ ލިބިގެންކަން ފާހަގަކުރަމުން ޝްވައިންސްޓައިގާ ބުނީ އޭނާގެ ކެރިއަރުގެ އެކި ހިސާބުތަކުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށާއި، ހާއްސަކޮށް އޭނާ ހޯދި ހުރިހާ ކާމިޔާބެއްގެ ހިއްސާ އަދާކުރާ ކުޅުންތެރިންނަށް ފަށްފަށުން ޝުކުރުއަދާކުރާ ކަމަށެވެ.
ޝްވައިންސްޓައިގާގެ ފުޓުބޯޅަ ހަޔާތުގައި އޭނާ ވަނީ ގިނަ ކާމިޔާބުތަކެއް ހޯދާފައެވެ. ޖަރުމަނުގެ ބަޔާން މިއުނިކާއެކު 2001 ވަނަ އަހަރު ފުޓުބޯޅަ ކެރިއަރު ފެށި ކުޅުންތެރިޔާ ވަނީ އެ ޓީމަށް 500 އަށްވުރެ ގިނަ މެޗު ކުޅެދީ 40 އަށްވުރެ ގިނަ ލަނޑު ޖަހާދީފައެވެ.
އޭނާ ވަނީ ބަޔާން އާއެކު ބުންޑެސްލީގާ އަށް ފަހަރު އަދި ޖަރުމަން ކަޕް ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން 2013 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ބަޔާނުން އުފުލާލިއިރު އެޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ ޝްވައިންސްޓައިގާއެވެ.
ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމަށް 121 މެޗު ކުޅެދީ 24 ލަނޑު ޖަހައިދީފައިވާ ޝްވައިންސްޓައިގާ އަކީ އެގައުމުން 2006 އަދި 2010 ވަނަ އަހަރު ވޯލްޑްކަޕްގެ ލޯ މެޑަލް ހޯދިއިރު ވެސް ޓީމުގައި ހިމެނުނު ކުޅުންތެރިއެެކެވެ. މީގެއިތުރުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕްގެ ތަށި ޖަރުމަނުން އުފުލާލުން ވެގެންދިޔައީ ޝްވައިންސްޓައިގާ ގެ އެންމެ ބޮޑު ކާމިޔާބަށެވެ.