ރާއްޖޭގެ އޭވިއޭޝަން ދާއިރާ ފުޅާކުރުމަށް މީގެ ކުރިން ސަރުކާރަށް އެންމެ އެދެވޭގޮތުގައި މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ވަނީ ސެޕްޓެމްބަރު 24 އިން އޮކްޓޯބަރު 4 އަށް ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) ގެ އާންމު މަޖިލީގައި ބައިވެރިވެވަޑައިގެން ތަގުރީރުކުރައްވާފައެވެ.

އައިކާއޯގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އައިޝާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ދަތުރުފުޅާ ގުޅޭގޮތުން ވީނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި މިނިސްޓަރު ވިދާޅުވީ 11 އަހަރަށްފަހު ރާއްޖޭގެ މިނިސްޓަރަކު އައިކާއޯގެ އާންމު މަޖިލީހަށް ވަޑައިގެން ތަގުރީރުކުރައްވާފައިވާއިރު، މިއީ ރާއްޖެއަށް ވަރަށް މުހިންމު ދަތުރެއް ކަމަށެވެ. ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރުވައި ފުޅާކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަނާގެ ތަގުރީރުގައި ރާއްޖޭގެ މިހާރުގެ ހާލަތާއި ރާއްޖޭގެ ތިމާވެށި އޮތްގޮތާއި، ވަރަށް ނާޒުކު ފައްތަރެއްގައި ތިބިކަން ފާހަގަކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަމަށް ވެފައި، ފަތުރުވެރިން ގެންނަންޖެހެނީ ވައިގެމަގުން ކަމަށްވުމުން އޭވިއޭޝަން ދާއިރާގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އޭވިއޭޝަން ދާއިރާ ކިތަންމެ މުހިންމު ނަމަވެސް މިދާއިރާ މިހާތަނަށްވެސް އޮތީ އެހާބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައި ކަަމަށާއި ރާއްޖޭގެ އޭވިއޭޝަން ދާއިރާ ފުޅާކުރުމަށް ސަރުކާރަށް އެންމެ އެދެވޭ މަސައްކަތްތަކެއް ކުރިން ކުރެވިފައި ނެތް ކަމަށެވެ.

ތަރައްގީވަމުން އަންނަ ގައުމަކަށް އަޅުގަނޑުމެން ވާއިރު އަބަދުވެސް ބޭނުންވާނެ ކެޕޭސިޓީ ހުރި ގައުމުތަކުގެ އެހީތެރިކަން. މިކަމަކަށް ހަގީގަތުގައި އެދެވިފައެއް ނެތް. އެހެންވީމަ އަޅުގަނޑު މިދަތުރުގައި އެންމެ ބޮޑަށް ފޯކަސް ކުރީ ރާއްޖެއިން މިދާއިރާއިން ކިޔަވަން ބޭނުންވެގެން އަދި ތަމްރީނުތައް ހޯދަން ބޭނުންވާ ކުދިންނަށް އެގައުމުތަކުގެ އެހީގައި ލާރި ނުދައްކާ ކަންތައްތަކެއް ފުރިހަމަކޮށްދެވޭނެ ގޮތެއް ހޯދައިދިނުމަށް
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

މިނިސްޓަރު ވިދާޅުވީ މިދާއިރާއިން ކިޔަވަން ބޭނުންވާ ނަމަވެސް މާލީ ހާލަތު ތަންނުދޭތީ ނުކިޔެވި އެތައް ކުދިންނެއް އެބަތިބި ކަމަށެވެ. މިއަދުގެ ސަރުކާރުގެ ވިސްނުމަކީ އޭވިއޭޝަން ދާއިރާވެސް ހިމެނޭގޮތުން ހުރިހާ ދާއިރާއަކުން ވެސް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.

އައިކާއޯގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާ ވަރަށް ރަގަޅު ކަމަށާއި އޭވިއޭޝަން ދާއިރާއިން ވަރަށް ގިނަ އެހީތަކެއް ލިބިފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ވަރަށް ގިނަ ގައުމުތަކުގެ ވަޒީރުންނާ ބައްދަލުކުރައްވައި ރާއްޖެއަށް އޭވިއޭޝަން ދާއިރާއިން ތަމްރީނާއި، ކޮންސަލްޓެންސީ، އަދި ސްކޯލާޝިޕްތައް ފަހިކޮށްދިނުނަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ގިނަ ގައުމުތަކަކުން ރާއްޖެއަށް މިދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށްތިބިކަން ހާމަކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވިއެވެ.

އައިކާއޯގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އައިޝާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން

މިނިސްޓަރު އާއިޝަތު ނަހުލާ އައިކާއޯގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވާފައިވާއިރު، މިއީ ވޭތުވެދިޔަ 11 އަހަރުތެރޭ ރާއްޖޭގެ ވަޒީރަކު މި މަޖިލީހުގައި ބައިވެރިވެ ތަގުރީރުކުރެއްވި ފުރަތަމަ ފަހަރެވެ.

އައިކާއޯގެ އާންމު މަޖިލީސް ބާއްވަނީ ކޮންމެ ތިން އަހަރަކުން އެއްފަހަރެވެ. ޖަމްއިއްޔާގެ ހުރިހާ މެންބަރު ގައުމަކަށާއި ވައިގެ ދަތުރުފަތުރާ ބެހޭ ޖަމްއިއްޔާތަކަށް މި މަޖިލީހަށް ދައުވަތު ދެއެވެ. މިފަހަރުގެ މަޖިލީހުގައި ވަނީ 172 ގައުމާއި ވައިގެ ދަތުރުފަތުރާ ގުޅުންހުރި 61 ޖަމްއިއްޔާއަކުން ބައިވެރިވެފައެވެ.