ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަންކަމުގައި ބައިވެރިވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ނިންމައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މީގެކުރިން ވަނީ ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަންކަމުގައި ބައިވެރިވެފައިވާ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ހާއްސަ ކޮމިޓީއެއް އުފައްދާފަ އެވެ. އަދި އެ ކޮމިޓީން ވަނީ ސުޕްރީމް ކޯޓުން އިހްތިސާސްގެ ބޭރުން ނިންމާފައިވާ ކަންކަން ހިމެނޭ ރިޕޯޓެއް ވެސް އެކުލަވާލާފަ އެވެ.

ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮމިޝަންގެ އިއްޔެގެ ބައްދަލުވުމުގައި މިރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގައި ބައިވެރިވެފައިވާ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ނިންމާފައިވާ ކަމަށެވެ. މިމައްސަލަތައް ބަލާއިރު ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭގޮތުން ސައުތު އެފްރިކާގެ ކުރީގެ ފަނޑިޔާރު، ޔޮހާން ކްރިގްލާ ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ވެސް ބަލާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ކޮމިޝަނުން ބުނި ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ޖޭއެސްސީ އަކުން ބުނެފައެއް ނުވެ އެވެ.

ޖޭއެސްސީން އިތުރަށް ބުނީ މިމައްސަލަތައް ބަލަމުންދާއިރު ފަނޑިޔާރުންނާ ގުޅޭގޮތުން ފާހަގަވާ އެހެން މައްސަލަތައް ބަލަމުންގެންދާނެ ކަމަށެވެ. ކޮމިޝަނަށް މިކަމުގައި ދިމާވާ މައްސަލައެއް އޮތް ނަމަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ ތަކުގެ ސަމާލުކަމަށް އެކަމެއް ގެންނާނެ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާއިރު ދާދިފަހުން ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ދެ ފަހަރެއްގެ މަތިން ބެލުމަށްފަހު ދެ ފަހަރުވެސް އެ ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ނިންމާފަ އެވެ. އެގޮތުން ނަސޭހަތް ދިނުމަށް ނިންމީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފަށެވެ.