ދެމަހުގެ ދަށްވުމަކަށްފަހު ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓް ކުރި މިންވަރު އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އާންމުކުރި ފާއިތުވި ސެޕްޓެމްބަރ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީ.އައި.އެފް އަގު 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު ވަނީ 4 އިންސައްތަ އިތުރުވެފައެވެ.

2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ރާއްޖެއަށް 3.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރ މަހު މި ޢަދަދުވަނީ 3.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް އެންމެ ގިނަ އިން މުދާ އެތެރެކޮށްފައިވަނީ ޗާއިނާ އާއި އިންޑިއާގެ އިތުރުން ޔޫއޭއީ އިންނެވެ. އެގޮތުން ޗައިނާ އިން 703 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 370 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީ އިން 720 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަސްތެރޭ ވަނީ އެތެރެކޮށްފަ އެވެ.

މީގެ އިތުރުން ސެޕްޓެމްބަރު މަހު ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާ ބަލާއިރު 22 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭން އެކްސްޕޯޓު ކުރި މުދަލުގެ އަގު އުޅެނީ 136 މިލިއަން ރުފިޔާގަ އެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގަ މި އަދަދު ވަނީ 166 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިއީ 22 އިންސައްތައިގެ ކުރިއެރުމެކެވެ.

އަގުގެ ގޮތުން ބަލާއިރު ސެޕްޓެމްބަރު މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެގޮތުން ރާއްޖެއިން ބޭރުކުރި މުދަލުގެ 47 އިންސައްތަ ތައިލެންޑަށް ބޭރުކޮށްފައިވާ އިރު ދެވަނަ އަށް އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ފްރާންސް އާއި އިނގިރޭސިވިލާތަށެވެ. ފްރާންސަށް 13 މިލިއަން ރުފިޔާ ތަކެތި ރާއްޖެއިން ބޭރުކޮށްފައިވާއިރު އިނގިރޭސިވިލާތަށް ވަނީ 10 މިލިއަން ރުފިޔާގެ ތަކެތި ބޭރުކޮށްފައެވެ. މީގެއިތުރުން ޖަރުމަނުވިލާތް 10 މިލިއަން ރުފިޔާގެ ތަކެތި އަދި އެމެރިކާ އަށް 7 މިލިއަން ރުފިޔާގެ ތަކެތި ރާއްޖެއިން ވަނީ ސެޕްޓެމްބަރު މަހު ބޭރުކޮށްފައެވެ.

މީގެއިތުރުން، ފާއިތުވި ސެޕްޓެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 9 އިންސައްތަ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 262 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރ މަހު މި ޢަދަދުވަނީ 286 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.