އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ މެންޓަލް ހެލްތް ކްލިނިކުން މިހާތަނަށް ހަތަރުހާހެއްހާ މީހުންނަށް ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ މިއަހަރަކީ ނަފްސާނީ ސިއްޙަތު ކުރިއަރުވަން ކުރެވެމުން ދިޔަ މަސައްކަތްތަކަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިގެން ދިޔަ އަހަރެއްކަމަށެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ސަރުކާރުން ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދައި ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެއްސުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މެންޓަލް ހެލްތު ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކު ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުން ހިމެނެއެވެ. އަދި އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި ބަލި ދެނެގަތުމާއި ބޭހުގެ އެހީގައި ފަރުވާދިނުމާއި ސައިކޮލޮޖިކަލް ހިދުމަތްތަކާއެކު ފަރުވާ ދިނުމާއި ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތަފާތު ހިދުމަތްތައް ހިމެނެއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ނަފްސާނީ ބަލިތަކުގެ ފަރުވާ މާލެ ސަރަހައްދެކޭ އެއްފަދައިން އަތޮޅު ތެރޭގައި ވެސް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ފުރަތަމަ ތަރައްގީކުރުމަށް ނިންމާފައިވާ ހޮސްޕިޓަލްތައް ކަމަށްވާ ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ހދ ކުޅުދުއްފުށި، ލ.ގަން، ރ. އުނގޫފާރު، ގދ.ތިނަދޫ އަބުއްސަމަދު މޮމޯރިއަލް ހޮސްޕިޓަލް އިން މިހިދުމަތް ފުޅާދާއިރާއެއްގައި ދިނުމަށް ހަމަަޖައްސާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ނަފްސާނީ ބައްޔާމެދު މުޖުތަމައު ހޭލުންތެރިކުރުމަށާއި މިފަދަ ބަލިމީހުންނަށް ޢާއިލާއާއި މުޖުތަމަޢުން ދޭންވާ އަޅާލުމަށް އަހުލުވެރިކުރުމަށް ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ވެސް ވަނީ ފަށާފައިކަމަށް މިނިސްޓަރ ިވިދާޅުވިއެވެ.މި ހިދުމަތް ހަރުދަނާ ގޮތެއްގައި ދިނުމާއި،ހިދުމަތް ދެމުންދާ ގޮތް މޮނިޓަރކޮށް ބެލެހެއްޓުމަށްކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި ވެސް މެންޓަލް ހެލްތާބެހޭ ވަކި ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާކމަށްވެސް މިނިސްޓަރގެ ހިތާބުގައި ވަނީ ބުނެފަ އެވެ.

ބައިނަލްއަގްވާމީ ގޮތުން ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކޮންމެ އަހަރެއްގެ އޮކްޓޯބަރު 10 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ނަފްސާނީ ސިއްހަތު ދުވަހުގެ ގޮތުގައެވެ. މިއަހަރު މިދުވަހުގެ ޝިއާރުގެ ގޮތުގައި ދިވެހި ރާއްޖޭގައި ބޭނުން ކުރަނީ " ނަފްސާނީ ދުޅަހެޔޮކަން" މި ޝިޔާރެވެ.