ރ. އަތޮޅުގެ ފަޅުރަށެއްގެ ފަޅުތެރޭގައި ހިނގި އެކްސިޑެންޓެއްގައި ފައި ބުރިވި ޒުވާނާގެ ފައި ގުޅުވޭނެ ގޮތެއް ނެތިގެން ފައި ބުރިކޮށްލައިފި އެވެ.

ރ އަތޮޅު އިނގުރައިދޫ 27 އަހަރުގެ އަބްދުﷲ ހަލީމް ފީނަން އުޅުމުގެ ތެރޭގައި ޖެހިފައިވަނީ އެ އަތޮޅުގައި ހަދާ ރިސޯޓެއް ކަމަށްވާ ކޮއްޓަފަރުގައި ދުއްވާ ޑިންގީއެއްގެ ބުރަފަތީގަ އެވެ.

ބުރަފަތިން ޖެހި ހަލީމްގެ ފައި ކުޑަހުޅުން ބުރިވެފައިވާއިރު އެއްކޮށް ނުނެއްޓި ހަރުލާފައި ވަނީ ކުޑަ ތަންކޮޅެކެވެ. އަދި ބުރިވިބައިގެ އިތުރަށްވެސް ފައިގެ އެހެން ތަންތަންވެސް ޒަހަމްވެފައިވާކަން ފާހަގަކުރެވެ އެވެ. އެެގޮތުން ފައިގެ ފަލަމަސްގަޑުވެސް ކަފައިގެން ގޮސްފައިވެ އެވެ.

މި ހާދިސާއަށް ފަހު މާލެގެނަސް ހަލީމަށް ފަރުވާދެމުންދާއިރު އޭނާގެ އާއިލާއިން ބުނިގޮތުގައި ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ފައި ގުޅުވުމަށެވެ. އެހެންނަމަވެސް ފައި ގުޅުވޭނެ ގޮތެއް ނެތުމުން ފައިގެ ކަކުލަށްވުރެ ކުޑަ ތަންކޮޅެއް ތިރިން ކަށިމަތިން ފައި ބުރިކޮށްލާފައިވާ ކަމަށާއި އެހިސާބުން ބުރިކޮށްލީ އެކަމަށް ޑޮކްޓަރުން ލަފާ ދިނުމުން ކަމަށެވެ. އަދި އެހިސާބުން ބުރިކޮށްލުމަށް ފަހު ޕްލާސްޓިކް ފައެއް ޖަހައިގެން ހިނގޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދެއްވާފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

ފައި ބުރިވުމުގެ އިތުރަށް ބުރަފަތިން ޖެހި ފަޔަށް ލިބުނު އެހެން އަނިޔާތައް އެހާ ސީރިއަސް ނޫން ކަމަށާއި އެ ހުރިހާ ކަމަކަށްވެސް މިހާރު ފަރުވާ ދެމުންދާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އަދި މިވަގުތު އޭނާއަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށްވެސް އާއިލާއިން ބުނެފައިވެ އެވެ.

ހަލީމަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގަ އެވެ. އަދި އެއަށްފަހު މާލެ ގެނަސް އައިޖީއެމްއޗުގައި ފަރުވާ ދިނުމަށްފަހު ފައިގެ އޮޕަރޭޝަނަށް އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.