އިމާރާތްކުރުމުގެ ދާއިރާގެ ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުން އަވަސްކުރަން ޖެހޭ ކަމަށް އާކިޓެކްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

މިމަހުގެ 7 ވަނަ ދުވަހު މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގައި އާކިޓެކްޓް އެސޯސިއޭޝަން ވަނީ ރަޖިސްޓަރީކޮށްފައެވެ.

އާކިޓެކްޓް އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސޯސިއޭޝަންގެ ރައީސް މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވީ އިމާރާތްކުރުމުގެ ދާއިރާއަށް އަންނަ ކުރިއެރުންތަކާ އެއްވަރަށް މިދާއިރާއަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއްވެސް ހުރި ދާއިރާއެއް ކަމަށެވެ.

މައުރޫފް ވިދާޅުވީ އިމާރާތްކުރުމުގެ ދާއިރާގެ ގަވާއިދުތައް މިހާރަށްވުރެ ހަރުދަނާކޮށް ތަންފީޒުކުރުން އަވަސްކުރަން ޖެހޭ ކަމަށާއި އެކަމަށް އާކިޓެކްޓް އެސޯސިއޭޝަނުން އެކިފަހަރު މަތީން ކަމާބެހޭ ފަަރާތްތަކަށް ލަފާވެސް ދީފައިވާނެ ކަމަށެވެ.

އާކިޓެކްޓް އެސޯސިއޭޝަން ރަސްމީކޮށް ޕްލޭނިން މިނިސްޓްރީގެ ދަށުގައި ރަޖިސްޓްރީވެފައި ވުމުން އެސޯސިއޭޝަންގެ މަސައްކަތްތައް ކުރިއަށްވުރެ ހަރުދަނާކޮށް ކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެގޮތުން އާކިޓެކްޗަރ ދާއިރާއަށް މީހުން ހޭލުންތެރިކުރުމާއި ކިޔަވާކުދިންގެ މެދުގައި ޝައުގުވެރިކަން ހުރި ދާއިރާއަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

އާކިޓެކްޗަރ ދާއިރާއަށް ހޭލުންތެރިކުރުމަށް އާކިޓެކްޓް އެސޯސިއޭޝަން ޓޯކްސް ނަމުގައި ހަރަކާތްތަކެއްވެސް ބާއްވަމުން ގެންދާ ކަމަށާއި އަދި ގައުމީ ޔުނިވާސިޓީއާ ގުޅިގެން ކިޔަވާކުދިންނަށް ލެކްޗަރ ދެމުންވެސް ގެންދާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ރާއްޖޭގައި 160 އަށްވުރެ ގިނަ އާކިޓެކްޓުން ތިބޭއިރު އާކިޓެކްޓް އެސޯސިއޭޝަންގައި މިހާތަނަށް ރަޖިސްޓްރީވެފައި ތިބީ 133 މީހުންނެވެ.

އިމާރާތްކުރުމުގެ ދާއިރާއަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ދާއިރާއެވެ. އިމާރާތްކުރުމުގެ ދާއިރާގައި ހިތާމަވެރި އެތައް ހާދިސާތަކެއް ވަނީ ހިނގާފައެވެ.

އެގޮތުން ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ ކުޑަ އަންހެން ކުއްޖަކު ވަނީ މަރުވެފައެވެ.

މިފަހުން އިމާރާތަކުން މަސައްކަތްކުރަމުން ދިޔަ ބިދޭސީއެއް ވެސް ވަނީ ވެއްޓި މަރުވެފައެވެ.

އިމާރާތްކުރުމުގެ ދާއިރާގައި ހިތާމަވެރި ހާދިސާތައް ހިނގާފައިވާއިރު ހަދަމުންދާ އިމާރާތްތަކުން ތަކެތި ވެއްޓި ހިނގާ ހާދިސާތައް އިތުރުވަމުންދާތީ އެކަމަށް ފިޔަވަޅުތަކެއް އެޅުމަށް މާލޭ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.

އެގޮތުން އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދަނީ އިމާރާތްކުރުމުގެ ގާނޫނާ އެއްގޮތަށްތޯ ބަލައި ފާސްކުރުމާއި އިމާރާތުގެ ސަލާމަތީ ފެންވަރު ވަޒަންކުރުމާއި އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.