ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިޓަލީގައި ގިނަ ހަރަކާތްތަކެއް ފަށައިފިއެވެ.

ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އިޓަލީގެ ސިޓީއެއް ކަމަށްވާ ރިމިނީގައި ބާއްވާ "ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް" ފެއާގައި އެމްއެމްޕީއާރުސީން ވަނީ ބައިވެރިވެފައެވެ. އިޓަލީގެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް އަމާޒުކޮށްގެން ބޭއްވޭ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއާ ކަމުގައިވާ "ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް" ފެއަރ ކުރިޔަށްދާނީ މި ހިނގާ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން 11 ގެ ނިޔަލަށެވެ. މި ފެއަރގައި އެމްއެމްޕީއާރުސީއާއެކު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 25 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޓަލީގެ މާކެޓުގައި މިހާރަށްވުރެ ބޮޑަށް އިޝްތިހާރު ކުރެވޭނެ ގޮތްތަކާމެދު ފެއާރގެ އެކި ބައިވެރިންގެ މެދުގައި މަޝްވަރާކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނިގޮތުގައި މި ފެއަރގައި ބައިވެރިވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ އިޓަލީގައި ރާއްޖެ އިޝްތިހާރުކޮށް، ވިޔަފާރި އިތުރަށް ފުޅާކުރުމަށް ހުޅުވިގެންދާނެ ފުރުސަތަކަށް ވެގެންދާނެތީ ކަމަށެވެ.

"ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް" ފެއަރ އަކީ އިޓަލީގައި ބާއްވާ ފެއަރއެއް ކަމުގައި ވިޔަސް 90 ގައުމަކުން 2،131 އެކްޒިބިޓަރުން މި ފެއަރގައި ބައިވެރިވެއެވެ. މީގެ އިތުރަށް މި ފެއަރއަށް 44،647 މީހުން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިފެއަރގައި 64 އަކަމީޓަރުގެ ސްޓޭންޑެއްގައި ރާއްޖެ ތަމްސީލްކުރާއިރު، ދިވެހިރާއްޖޭގެ ރީތިކަން ދައްކާލުމަށްޓަކައި ބޭނުންކޮށްފައިވަނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތަކެވެ. ރާއްޖޭގެ ސްޓޭންޑަށް ޒިޔާރާތްކުރާ ފަރާތްތައް އިތުރުކުރުމަށްޓަކައި ހިންގޭ ހަރަކާތަކުގެ ތެރޭގައި ސްޓޭންޑްގައި ބެހެއްޓިފައިވާ އިންސްޓަގްރާމް ޕްރޭމްއާއިއެކު ފޮޓޯއެއް ނަގައި #ވިޒިޓްމޯލްޑިވްސް ގެ ހޭޝްޓެގާއިއެކު އިންސްޓަގްރާމް ކުރާ ފޮޓޯތަކުގެ ތެރެއިން އެންމެ ގިނަ ކޮމެންޓް ލިބޭ ފޮޓޯއަކަށް ފުރަވެރި ރިޒޯޓުން ދޭ ޗުއްޓީ ދަތުރެއް ލިބޭނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ކެއުންތަކުގެ ރަހަތައް ތަޖުރިބާކޮށްލުމަށް، ކުޅިކާޖާއާއި ބޮނޑި ފަދަ ލުއިކާނާވެސް ސްޓޭންޑުގައި ބެހެއްޓިފައި ހުންނާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

"ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް" ފެއަރގައި ބައިވެރިވުމުގެ އިތުރަށް ރާއްޖެ އިޝްތިހަރުކުރުމަށް "ޖާރނީ ޓު ދަ ސަނީ ސައިޑް" ގެ ދަށުން ކުރިޔަށް ގެންދާ ރޯޑް ޝޯއެއްވެސް އޮކްޓޯބަރު 14 އިން 15 އަށް އިޓަލީގެ ރޯމް އަދި މިލާންގައި ކުރިޔަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. މި ރޯޑްޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން 9 ފަރާތަކުން ވަނީ ބައިވެރިވުމަށް ނިންމާފައެވެ.

މި ރޯޑްޝޯގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޕްރޮޑަކްޓް އިޝްތިހާރުކުރުމުގެ ފުރުސަތު އިޓަލީގެ އެކި ޓުއާރ އޮޕަރޭޓަރުންނާއި މީޑިއާއަށް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މީގެ އިތުރަށް އިޓަލީގެ ފަތުރުވެރިން ރާއްޖެ ގެނެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ފަރުތުވެރިން އައި ގައުމަކަށް އިޓަލީ ވެފައިވާއިރު، އިޓަލީއަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރާތް ކުރާ އެއް މާކެޓެވެ. މި އަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް އިޓަލީގެ 92،162 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު، މިއީ 2018 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 32.1 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، އިޝްތިހާރުކުރުމަށްޓަކައި އެމްއެމްޕީއާރުސީން އަންނަނީ ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.