މާލޭގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ބޯހިޔާވަހިކަމުގައި އަދިވެސް 38 އާއިލާއެއް އެބަ ތިބިކަމަށް ނޭޝަނަަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ މި އާއިލާތަކުގެ 164 މީހުން ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައި އެބަތިބި ކަމަށާއި މިފަރާތްތަކަށް ބޯހިޔާވަހިކަން ދީފައިވަނީ ގާކޮށީގެ 14 އެޕާރޓްމަންޓެއްގެ އިތުރުން ބައެއް ގެސްޓްހައުސްތަކުން ކަަމަށެވެ.

މީގެތެރެއިން ހަ އާއިލާއެއްގެ 28 މީހުން ވަގުތީ ހިޔާތަކުގައި ތިބީ އެގެތަކުގެ މަރާމާތުގެ މަސައްކަތް ކުރަމުންދާތީ ކަމަށް އެ ނޭޝަނަަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެއެވެ. އެ ގެތަކަކީ ހ. އިމޯޝަން، ހ. ނިޝާންޕްލާޒާ، ހ. ކީލް އަދި ހ.ގަސްވާ އެވެ.

މި އާއިލާތަކަށް އަންނަ ހަފްތާގެ ތެރޭގައި އެފަރާތްތަކުގެ ގެއަށް ބަދަލުވެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ވަގުތީ ހިޔާތަކުގައި ތިބި އާއިލާތަކަށް ކެއިންބުއިމަށްދާނެ ހަރަދުތައްވެސް އެ އޮތޯރިޓީން ހަމަޖައްސައިދީފައިވާ ކަމަށެވެ.

ނޭޝަނަަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ހ. ތިލަފުށީގޭގައި ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މިންވަރު ބެލުމަށް އެސެސްމަންޓެއް ހެދުމުގެ މަސައްކަތްވެސް ފަށާފައެވެ.

އެގޮތުން މިހާތަނަށް ކޮށްފައިވާ މަސައްކަތުން، ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގު އެއްމިލިއަން ރުފިޔާ އަށްވުރެ ގިނަކަމަށް ދައްކާފައި ވެއެވެ،

އަލިފާނުގެ މިހާދިސާގައި އެނދި އަދި ގެއްލުންވެފައި ހުރި އުޅަނދުތަކަށް ބަލާއިރު 21 ސައިކަލާއި އެއް ޕިކަޕް ހިމެނެއެވެ.

ހ. ތިލަފުށީގޭގައި ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި އެތައް ބަޔަކަށް އެކަމުގެ ގެއްލުން ވެފައިވާއިރު މިހާދިސާގައި އެކަކުވަނީ ނިޔާވެފައެވެ.