ނަފްސާނީގޮތުން ދިމާވާ އެކި މައްސަލަތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އާއްމު ކަމެކެވެ. މިރާއްޖޭގައިވެސް ދެޖިންސުގެ އެކި އުމުރުގެ މީހުން މިކަން ތަހައްމަލު ކުރަން ޖެހިފައިވާއިރު މިކަމާމެދު ދިވެހިން ހޭލުންތެރިވެފައި ތިބީ ކިހާ ވަރަކަށްތޯ ސުވާލު އުފެދެ އެެވެ. މިއީ ފަރުވާ ހޯދަންޖެހޭ ކަމެއްކަން، އަޅާނުލައި ދޫކޮށްލާ ވަރަށް ވުރެ ނުރައްކާ ކަމެއްކަން ރޭކާލަނީ ކިތައް މީހުންނަށްތޯ ސުވާލު އުފެދެ އެވެ.

ނަފްސާނީ ބައްޔަކީ ކޯއްޗެއްކަން އަޅުގަނޑުމެންނަށް އެނގޭހެން ހީވި ކަމުގައިވިޔަސް، އެކަމާ ބެހޭގޮތުން އަސްލު އެނގެންޖެހޭ މިންވަރަށް އަޅުގަނޑުމެންނަށް މިކަމާ ބެހޭގޮތުން އެނގިފައެެއް ނެތެވެ. އެފަދަ ކަމެއް މީހަކު ތަހައްމަލު ކުރަމުންދާ މީހަކު ދެނެގަންނާނެ ގޮތެއްވެސް ނޭނގެއެވެ. އެފަދަ މީހަކާ މުއާމަލާތް ކުރާނެ ގޮތްވެސް ނޭނގެ އެވެ.

އެފަދަ މީހުންނަށް އެހީވުމުގެ ބަދަލުގައި އެމީހުންނަށް ކުރެވެނީ ގިނަފަހަރަށް މަލާމާތެވެ. އެމީހުން ތަހައްމަލު ކުރަމުންދާ ވޭން ހުދު އެމީހުންނަށްވެސް ގިނަ ފަހަރު ކިޔައިދޭން ނެނގެއެވެ. ވީއިރު، އެންމެ ކައިރީގައިއުޅޭ އާއިލާ މީހުންނާއި އެކުވެރިން އެމީހުންގެ ހާލަތު ދެނެގަތުމުގެ ބަދަލުގައި އެމީހުންނަށް ދިމާވެފައިވާ ކަންކަމާމެދު މަލާމަތްކޮށް، އެކަހެރިކޮށްލުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފައްދަން ޖެހެއެވެ. އެކަމުގެ ފަރުވާ ހޯދަންދާ މީހުންނަށް ނިސްބަތްކޮށް މޮޔަމީހެކޭ ގޮވުމަކީ ހަމަ ކުރަންޖެހޭ ކަމެއްތޯވެސް ސުވާލުކޮށްލުން މުހިންމެވެ.

ރާއްޖޭގެ ސަރުކާރުން ނަފްސާނީ ބަލިތަކާމެދު އިސްކަންދޭ މިންވަރު ހާމަވެގެންދާ އެންމެ ބޮޑު އެއް ކަމަކީ އާސަންދައިގެ ދަށުން ހިދުމަތް ލިބޭގޮތަށް ނަފްސާނީ ބައްޔަށް ފަރުވާދޭ ކްލިނިކެއް ގާއިމްކުރުމެވެ. މިކްލިނިކް ހުޅުވީ މިއަހަރުގެ މާޗްމަހު އެވެ. އަދި މިކަމުގެ ސީރިއަސްކަން ހާމަވާ މިންވަރަކީ މިކްލިނިކުން ފަރުވާ ހޯދަންދާ މީހުންގެ އަދަދުގެ ގިނަކަމުންނެވެ. މާޗްމަހު ހުޅުވި މި ކްލިނިކުން މިހާތަނަށް 4000 އެއްހާ މީހުންނަށް ފަރުވާ ދީފަައިވާ ކަމަށް ދުވަހާ ގުޅިގެން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ދެއްވި ހިތާބުގައި ވިދާޅުވެފައި ވެ އެވެ.

މިއީ އަދި މީގެން ކުޑަ މިންވަރެއް ކަމަށް ބަލަމާ ހިނގާށެވެ. ނަފްސާނީ ބަލި ހުރިކަން ދެނެނުގަނެވޭ އެތައް ބަޔަކު އުޅޭނެ ކަން ޔަގީނެވެ. އަދި ދެނެގަނެވިފައި ހުއްޓަސް ފަރުވާ ނުހޯދާވެސް އެތައް ބަޔަކު އުޅޭނެއެވެ.

ދެން އުފެދޭ ސުވާލަކީ ފަރުވާ ހޯދުން ލަސްވަނީ ނުވަތަ މަޑުޖެހެވެނީ ކީއްވެތޯ އެވެ. ދިރާސާތަކުން ދައްކާގޮތުން ގިނަ ބަޔަކު މިބައްޔަށް ފަރުވާ ހޯދުމަށް ފަސްޖެހެނީ ސޯޝަލް ސްޓިގްމާ ނުވަތަ މުޖުތަމައުގެ ފަރާތުން އޭނާއަށް ކުރިމަތިވާނެ ކަންކަން ނުވަތަ މަލާމާތުން ސަލާމާތްވާށެވެ. ގިނަ މީހުންނަށް އެމީހުންނަށް ކުރިމަތިވާ ނުތަނަވަސްކަން ނުވަތަ ދިމާވާ މައްސަލަަތައް ހިއްސާކުރުން ވަނީ ވަރަށް ދަތި ކަމަކަށެވެ.

މީގެއިތުރަށް ގިނަ ބަޔަކު ފަރުވާ ހޯދުމަށް ފަސްޖެހެނީ އެމީހުންނަށް ފަރުވާ ހޯދަން އަދި ނުޖެހޭ ކަމަށް ގަބޫލު ކުރެވޭތީއެވެ. މީހަކު ފަރުވާ ހޯދަން ބުނުމުން ދެކޮޅު ހަދާނެއެވެ. މީހެއްގެ ކިބައިގައި ނަފްސާނީ މައްސަަލަ ހުރިކަން އެމީހާއަށް ދެނެގަނެވޭ ހިސާބުން ފަރުވާ ހޯދަން ނުޖެހޭކަން ދެއްކުމަށް ބަހަނާ ނުވަތަ އުޒުރު ދެއްކުމަކީވެސް އާއްމު ކަމެކެވެ.

ހަމައެއާއެކު އެކަމަށް ފަރުވާ ހޯދުމަށް ބިރުގަތުމުގެ ސަބަބުން ފަސްޖެހޭ ބަޔަކުވެސް އުޅެއެވެ. ތިމާއަށް ދިމާވާ ކަންކަން ކިޔައިދިނުމަށް ބިރުގަންނަ ބަޔަކުވެސް އޭގެ ތެރޭގައި އުޅެއެވެ. ނަމަވެސް މިއީ އެއްވެސް ވަރަކަށް ބިރުގަންނަންވީ ކަމެއް ނޫނެވެ. މިކަމަށް ހޯދަންޖެހޭ ފަރުވާ ހޯދުމުން ބަލި ތަހައްމަލު ކުރާ މީހާއަށް ލިބޭނީ ހިތްހަމަޖެހުމެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ތެރެއިން 30 އިންސައްތަ އާއި 80 އިންސައްތައާ ދެމެދު މީހުންނަކީ އެކަމުން ސަލާމަތްވުމަށް އެއްވެސް ފަރުވާއެއް ނުހޯދާ މީހުންނެވެ. މީގެތެރޭގައި ބައިޕޯލާ ޑިސްއޯޑަރ ހުންނަ 50 އިންސައްތަ މީހުންނާއި، ޕެނިކް ޑިސްއޯޑަރ ހުންނަ 55 އިންސައްތަ މީހުންނާއި، މޭޖަރ ޑިޕްރެޝަން ހުންނަ 56 އިންސައްތަ މީހުން ހިމެނެ އެވެ.

ރާއްޖޭގައިވެސް މިބައްޔަށް ކުރެވޭ ތަފާތު އެކި ފަރުވާތައް ހުރެއެވެ. އޭގެތެރޭގައި ނަފްސާނީ ބަލިތައް ވަޒަންކުރުމާއި ބަލި ދެނެގަތުމާއި ބޭހުގެ އެހީގައި ފަރުވާދިނުމާއި ސައިކޮލޮޖިކަލް ހިދުމަތްތަކާއެކު ފަރުވާ ދިނުމާއި ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތަފާތު ހިދުމަތްތައް ހިމެނެއެވެ.