މަންޓާ އެއަރގެ ފުރަތަމަ ސީޕްލޭން ގެނެސް އަންނަ މަހު ދަތުރުތައް ފެށުމަށް އެކުންފުނިން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ ތިން ވަނަ ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ މަންޓާގެ ސީޕްލޭން ދަތުރުތައް ފެށުމަށް ބޭނުންކުރާނެ 10 ފްލައިޓު ގެންނަން ނިންމާފައިވާއިރު މިއަހަރު ހަތް ފްލައިޓް ގެންނާނެ އެވެ.

މަންޓާ އިން ގެނައި ފުރަތަމަ ސީޕްލޭނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ކިއުމުގެ ގޮތުން ބޯޓު ޖެއްސުމާއެކު އެމްއޭސީއެލްގެ ފަޔާ ސާވިސަސް އިން ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ.

މަންޓާ އިން ގެނައި ފްލައިޓަކީ ދެ ޕައިލޮޓުންނާއެކު 15 މީހުންގެ ޖާގައިގެ ފްލައިޓެކެވެ. މިއީ އެންމެ ފަހުގެ ޓެކްނޮލަޖީ، ގާމިން ޖީ950 އެންއެކްސްއައި ނެކްސްޓް ޖެނެރޭޝަން ފްލައިޓް ޑެކް ޓެކްނޮލަޖީއާއެކު ވެދާ ރާޑަރެއް ހިމެނޭ ފްލައިޓެކެވެ. މި ފްލައިޓުތަކަކީ އާންމުކޮށް ބޭނުންކުރާ ސީޕްލޭންތަކަށްވުރެ ލުއި، ފަސިންޖަރުންނަށް ފަސޭހަވާނެ ފްލައިޓުތަކެއް ކަމަށް މަންޓާ އިން ބުންޏެވެ. މީގެ އިތުރުން މި ފްލައިޓުގައި ވައިގެ ދަތުރުފަތުރުގެ އެންމެ ފަހުގެ އާލާތްތައް ވަނީ ހަރުކޮށްފައެވެ.

މަންޓާ އިން ބުނީ ސީޕްލޭންގެ ހިދުމަތްތައް ވެސް ދުރާލާ ޝީޓް ބުކްކޮށްލެވޭނެ ކަމަށާ ސީޕްލޭން ހިދުމަތާއެކު ކަސްޓަމަރުންނަށް "މަންޓާ" ސްޓޭންޑާޑުގެ ހިދުމަތް ދޭނެ ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހު މަންޓާގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވާއިރު މިއީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން އޮޕަރޭޓްކުރާ 3 ވަނަ އެއަރލައިނެވެ. މަންޓާ އެއަރ އިން މިވަގުތު ވައިގެ ދަތުރުތައް ކުރަމުންދަނީ ދަރަވަންދޫ އާއި ކުޑަހުވަދޫ އަށެވެ.