ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ޞިއްޙީ ގޮތުން ރައްކާތެރި ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ރިޕޯޓެއްގައި ފާހަގަކޮށްފައި ވާކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން މިވަނީ މާލޭގެ ހުޅަނގު ކަނުގައި މާފަންނު ސަރަޙައްދުގައި ހުއްދަކުރި ގާޑިޔާތަކެއް ނެގުމަށް އަންގައިފައެވެ.

މިގާޑިޔާތަށް ނަގައި އެތަން ހުސްކުރުމަށް އަންގާފައި ވަނީ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މިީ މާލޭގެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުގައި ވަރަށް ރީތި ގޮތަކަށް ކަންކުރުމަށް ހުއްދަކުރި ގާޑިޔާތަކެކެވެ. ނަމަވެސް މިއީ އެ މަގުހެދުމަށް ބޭނުންވެގެން ގާޑިޔާތައް ބިކަކޮށްލައި ތިންދިމާއެއް ކަނޑައަޅައި ހުއްދަކުރި އެއް ސަރަޙައްދުގައި ހުރި ގާޑިޔާތަކަށް އެންގި އެނގުމެކެވެ.

އެހެނަސް ދެން ގާޑިޔާތަކަށް ހުއްދަދިން އަނެއް ސަރަޙައްދުތަކަށް ހަމަ ނަޒަރެއް ހިންގައިލުމަކީ ނެތްކަމެއް ނޫނެވެ.

ޞިއްޙީ ގޮތުން އެކަށީގެންނުވާ ފެންވަރެއްގައި ހުންނަ ތަނެއްނަމަ އެތަން ބަަލައި ފާސްކުރުމަށްފަހު ފިޔަވަޅު އެޅުމަކީވެސް މުހިންމު ކަމެކެވެ. ނަމަވެސް އެ ފިޔަވަޅަކީ ހަމައެކަނި ގާޑިޔާތައް ނެގުން ކަމަށްވާނަމަ ޒިންމާދާރުކަމުގައި އެކަމުގެ އިޖުރާޢަތުތައް ފުރިހަމަ ކުރެވުނީ ކަމަކަށް ނުބެލެވެއެވެ.

ސަބަބަކީ އެފަދަ ކޮންމެ ކަމަކީ އަދަބުވެސް އޮންނަ ކަމަކަށްވުމެވެ. އަދި ޖުރިމަނާކުރުންވެސް އޮންނަން ޖެހޭނެ ކަމަށް ފެންނާތީއެވެ. އަދި އެ ޖޫރިމަނާއަކީ ފައިސާ ނެގުން ނޫންކަމާ އެފަދަ ކަންކަން ކުރުމަށް ހިތްވަރު ނުދިނުމަށް ކުރާކަމެއް ކަމަށް އޮތުން މުހިންމު ކަމަކަށްވާތީއެވެ.

ގާޑިޔާތަކުގައި ވިއްކާ ކާބޯތަކެތީގެ ވާހަކައަށް ވިސްނާލާއިރު ކަޅުސަޔާ ރިހައާއި ރޮށި އަދި ބަތާއި ގަރުދިޔަ ނުވިއްކާކަން އެކަންޏެވެ. އެނޫން ހުރިހާ ބާވަތެއްގެ ދިވެހީންގެ އާދަކާދައިގާ ގެންގުޅޭ ކާބޯތަކެތި ވިއްކައެވެ. އަދި ބޭރުން ގެނެސްފައިހުންނަ ބައެއް ބާވަތުގެ މުރުމުރު ކާނާވެސް ހުރެއެވެ.

މީގެއިތުރުން ދިވެހި ކާނާގެ ތެރޭގައިވާ ރިހާކުރާއި ރިހާކުރު ހިމެނޭ ޒާތް ޒާތުގެ ލުއިކާނާ ހިމެނެއެވެ. އަދި ދިޔާހަކުރާއި ކަރުހަކުރުގެ އިތުރުން މަހުގެ ބާވަތްތަކާއި މިރުހުލީ އެކި ބާވަތްތައް ހިމެނެއެވެ.

ނަމަވެސް މިތަކެތި ބޭނުންކުރުމާއި ގެންގުޅުމަށްފަހު ނުވަތަ އެފަދަތަކެތީން ކާނާ ތައްޔާރު ކުރުމުގެ ކުރީންނާއި ފަހުން އަތާއި ކަންވާރު ދޮންނަން ގެންގުޅޭ ފެނާއި މެދު ސަމާލުކަމެއް ދެވުނު ތޯއެވެ. އަދި އެފަދަ ގާޑިޔާތައް ސައިވިއްކާ ކުދި ދުއްކާނުތަކެއް ފަދައިން ގޮނޑިމޭޒުޖަހައި ގިނަ ވަގުތު ގާޑިޔާ ދޮށުގައި ހޭދަކުރެވޭ ގޮތަށް އިންތިޒާމުކުރުމުގެ ފުރުޞަތު ދީފައިވުމަކީ ގާޑިޔަލުގެ ވިޔަފާރި ކުރުމަށް ދޫކުރެވޭ ހުއްދައަށްވުރެ މަތީން އެކަން ކުރުން ނޫންބާވައެވެ.

ގާޑިޔާ ގާޑިޔަލުގެ ގޮތުގައި ހިންގަން ބާރު ނާޅަނީ ކީއްވެގެން ބާވައެވެ.

ނުވަތަ އެފަދަ ބާވަތްތައް ވިއްކުމަށް ހުންނަ ގާޑިޔާތަކަކީ އެފަދަ ޚިދުމަތަކަށް ފަރުމާ ކުރެވިފައިވާ އެއްޗަކަށް ހަދައިގެން އެ ޚިދުމަތުގެ ވިޔަފާރި ކުރިއަރުވައި ތަރައްޤީ ކުރުމަށް ބާރު ނާޅަނީ ކީއްވެ ބާވައެވެ.

މާލޭގެ ދެކުނު ފަރާތުގައި ގަލޮޅުގައި ހުރި ގާޑިޔާތައް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާޑިޔަލުންދޭ މިބާވަތުގެ ޚިދުމަތް ދިނުމުގައި އޮންނަ އެކަމަކާ ގުޅޭ ފަރުމާއެއްގެ ތެރޭގައި ނުވަތަ ވަކި ގޮތަކަށް ދޫކުރާ ހުއްދައެއްގެ ދަށުން ވަކި ބާވަތެއްގެ ގާޑިޔަލުން އެ ޚިދުމަތް ދިނުމަށް ބާރު އަޅައިފައެއް ނުވެއެވެ. ނަމަވެސް އާބާވަތެއްގެ ޚިދުމަތެއް ތަޢާރަފް ކުރުމުގެ ގޮތުން ނުވަތަ މޮޅުކަމެއްގެ ގޮތުގައި ރާއްޖޭގައިވެސް މިކަން ކުރަމޭ ބުނާ އުޞޫލުން އެކަން ކުރުވަން އުޅެނީ ނޫން ބާވައެވެ.

މީގެ އިތުރުން ގާޑިޔާތައް ހިންގާ މީހުން އެގާޑިޔާ ހުރި ހިސާބުން ހުސްތަންކޮޅެއް އޮތްނަމަ އެ ތަނެއްގައި ސަތަރި ދެމުމާ އިންވަކިކޮށް ސަރަޙައްދު ކަނޑައެޅުންފަދަ ކަންކަން ކުރަނީ ހަމަ ހުއްދައިގެ ދަށުންތޯއެވެ. ނުވަތަ ގާޑިޔަލުން ދައުލަތަށް އާމްދަނިއެއް ލިބޭތީ ހުއްދަ ދޫކޮށްގެން ހަމަ އަޅައިވެސްނުލާ ވާނުވާ ބަލައިނުލައި ތިބެންވީތޯއެވެ. ނުވަތަ ނޫސްވެރީންނާއި ކަންކަމަށް ޙައްލު ހޯދައި ނުރަނގަޅު ކަންކަމުގެ ރަނގަޅު ގޮތްތަކަށް ވަކާލާތުކޮށް މަސައްކަތްކުރާ ބަޔަކު ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް މިއިން ކަމެއް ނުގެންނަނީސް ކަމެއް އިޞްލާޙުކުރަން ނުވަތަ ރަނގަޅުކުރަން އުޅޭނެ ބަޔަކު ނެތީތޯއެވެ.

ގާޑިޔާތަކުގެ ސާފުތާހިރުކަން ބެލުމަކީ މުހިންމު ކަމެއް

ގާޑިޔާތަކުންދޭ ޚިދުމަތަކީ ވަކި ކަހަލަ އަދި ވަކިގޮތަކަށް ހުންނަ ޚިދުމަތްތަކެކެވެ. އެ ޚިދުމަތް ލިބިގަންނަ މީހުންވެސް ގާޑިޔަލާއި ކައިރިކޮށްލުމާ ގާޑިޔަލުގެ ކައިރީގައި ގިނައިރު މަޑުނުކޮށް ދަތުރުމަތީގައި ކުޑަގޮތެއް ހަދައިލުންފަދަ ކަންކަން ކުރުމަށް ބޭނުންވާއިރު ގާޑިޔާތަކުގެ ކައިރީގައި ގިނައިރު މީހުން ބޭތިއްބުން ހަމަ ރަނަގޅީ ބާވައެވެ.

މިއީ ގާޑިޔާތައް ހިންގާ މީހުން ބޭނުންވާނެ ގޮތެއް ނޫނެވެ. ގިނަ ބަޔަކު އެތަން ތަނުން ތަކެތި ގަނެގެން ގިނައިރުނުކޮށް އަވަސް ގޮތަކަށް ވިޔަފާރި ދައުރުވާގޮތް ވުމަކީ އެމީހުން ބޭނުންވާނެ ގޮތެވެ.

ނަމަވެސް މި ގާޑިޔާތަކުން ފެންނަނީ އެހެންނެއް ނޫނެވެ. ވީހާ ގިނައިން މީހުން ގެންދަން އެކަކަށްވުރެ ކުރީން އަނެކަކު ދުވެގޮސް ޚިދުމަތް ހޯދުމަށް އަންނަ މީހާ ނޫނަސް ހިނގައިފައިދާ މީހާގެވެސް އަތުގައި ހިފައި ދަމައިގެނެސް އެމީހެއްގެ ގާޑިޔަލުގެ މޭޒެއްގެ ދޮށުގައި ބެއިންދުމަށް މަސަކަތްކުރާ ތަނެވެ. އާދައިގެ ރީތި އާދަކާދައިގެ ސިފަތައް ގެއްލުވާލައިގެންނެވެ.

މި ގާޑިޔާތަކަކީ ދިވެހީންނަށް ހުއްދަދޫކުރި އަދި ދިވެހީން ވިޔަފާރި ހިންގުމަށް ދޫކުރި ގާޑިޔާތަކެކެވެ. ނަމަވެސް ގާޑިޔާތަކުން މަދު ދިވެއްސަކު ފިޔަވައި ފެންނަނީ މުޅީންވެސް ބޭރު މީހުނެވެ. ވިކުރާ ބަލަހައްޓަނީވެސް ބެރު މީހުނެވެ. ޚިދުމަތްދިނުމަށާއި ގާޑިޔާދޮށަށް މީހުން ގެނައުމަށްވެސް ގިނައިން ތިބެނީ ބޭރު މީހުނެވެ. ގާޑިޔަލުގެ ވެރިފަރާތް ނުވަތަ ގާޑިޔާ ހިންގާ ދިވެއްސަކު ފެންނަނީ ވަރަށް މަދުންނެވެ. ނުވަތަ ދުވަހުގެ ވިޔަފާރި ނިންމައި ވިކުރާއަށް ލިބުނު އެއްޗެއް ނަގަން އަންނަ ވަގުތު އެކަންޏޭ ބުނުމަކީ މުޅީން ދޮގަކަށްވެސް ނުވާނެއެވެ.