ނ. ކެނދިކުޅުދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލަކުން ވެއްޓި އަންހެނަކު މަރުވެއްޖެއެވެ.

މިހާދިސާގައި ނިޔާވެފައިވަނީ ޝަމްސިއްޔާ ޔޫސުފް ނަމަކަށްކިޔާ މީހެއް ކަމަށް އެރަށުން މައުލޫމާތު ލިބިފައި ވެއެވެ.

ނިޔާވި މީހާގެ އުމުރަކީ 47 ނުވަތަ 48 އަހަރު ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ

އެ ރަށުން ވީނިއުސްއާ ވާހަކަ ދެއްކި މީހަކު ބުނީ، ޝަމްސިއްޔާ ސައިކަލާއެކު ވެއްޓިފައި އޮއްވާ ފެނުނީ ކެނދިކުޅުދޫ ސިއްހީ މަރުކަޒު ކައިރިއަށް ކަމަށެވެ.

އެއްޗެއްގައި ނުވަތަ ތަނެއްގައި ސައިކަލު ޖެހިފައިވާ މަންޒަރު އެއްވެސް މީހަކަށް ފެނިފައި ނުވާކަމަށާއި، އަދި އޭނާގެ ހަށިގަނޑުގެ ބޭފުށުންވެސް އެއްވެސް އަނިޔާއެއް ވެފައި ހުރިކަމެއް ފެންނާން ނެތް ކަމަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެހެން ނަމަވެސް، ޝަމްސިއްޔާގެ އަނގައިންނާއި ނޭފަތުން ލޭއައިސްފައި ހުރުމުން އެތެރެހަށްޓަށް އަނިޔާވެފައިވާ ކަމަށް ބެލެވޭ ކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެއީ، ކުޅުދޫ އަވަށުމީހެއް. އޭނާއަކީ ހަކުރުބަލި ހުންނަމީހެއް. އަޑުއިވޭ ގޮތުގައި އޭނާ ގެއިން ނުކުމެގެންދިޔައީ އޭނާގެ މަންމައާ ދެމެދު ކޮންމެވެސް ކަމަކާ އަރާރުންވެފައި ހިތްހަމަނުޖެހިގެން. ހަކުރު ދަށްވެފައި ހުރިވަގުތެއް ކަމަށްވެސްވޭ" ކެނދިކުޅުދޫ މީހެއް

މިހާދިސާގައި ނިޔާވި ޝަމްސިއްޔާއަކީ މީހަކާ އިނދެގެންއުޅޭ މީހެކެވެ. އޭނާގެ އަންހެން ކުއްޖަކުވެސް ހުރެއެވެ. އެކުއްޖާ ތައުލީމު ހާސިލް ކުރަމުންދަނީ ކެނދިކުޅުދޫ ސްކޫލް ގްރޭޑް 8 ގައެވެ.

މި އެކްސިޑެންޓާބެހޭ މައުލޫމާތު ހޯދާލުމަށް ގުޅާލުމުން ފުލުހުން ބުނީ، އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށާއި، ފުލުހުންގެ ޓީމެއް މިހާރު އެރަށަށް ދަތުރުކުރަމުންދާ ކަމަށެވެ.