އިސްލާމް ދީނާއި، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރެފައިވާ ރިޕޯޓެއްގެ މައްސަލަ ބަލަމުންދާތީ އެ ޖަމިއްޔާ ސަސްޕެންޑު ކުރުމަކީ އެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް އެ ޖަމިއްޔާގެ މެންބަރު ޝަހިންދާ އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނާއި، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށްފައިވާ މައްސަލައިގައި އާއްމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމްޑީއެމް އުވާލުމަށް ގިނަ ރައްޔިތުން ގޮވާލަމުން ދަނިކޮށް، ޔޫތު މިނިސްޓްރީން ވަނީ ބުރާސްފަތި ދުވަހު އެ ޖަމިއްޔާގެ މަސައްކަތް ކުރުން ހުއްޓުވައި ސަސްޕެންޑްކޮށްފައެވެ.

ޖަމިއްޔާތަކުގެ ބެލެނިވެރިފަރާތް ޔޫތު މިނިސްޓްރީން ބުނެފައި ވަނީ އެމްޑީއެން ސަސްޕެންޑް ކުރަން ނިންމީ އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ލިޔެފައިވާތީ، ޖަމިއްޔާގެ މައްސަ؛ަ ފުލުހުން ތަހުގީގު ކުރަމުން އަންނާތީ ކަމަށެވެ.

ޖަމިއްޔާ ސަސްޕެންޑް ކުރިކަން އަންގައި ޔޫތު މިނިސްޓްރީން ކުރި ޓްވީޓަށް ރައްދުދީ އެޖަމިއްޔާގެ މެންބަރު ޝަހިންދާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓެގްކުރައްވައި ބުނެފައި ވަނީ، އެމްޑީއެން ސަސްޕެންޑު ކުރިއިރު މައްސަލަ ބޮޑުވެފައިވާ އެޖަމްޢިއްޔާގެ ރިޕޯޓާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ. އަދި ފިޔަވަޅު އަޅާފައި ވަނީ އުސޫލުތަކާ ޚިލާފަށް ކަމަށާއި، އަދި އެކަމުގައި ހުރި ޤާނޫނީ މައްސަލަތަކަށް ބެލުމަކީ އެކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޖަވާބުދާރީވާން ޖެހިވަޑައިގެންފާނެ ކަމެއް ކަމަށެވެ.

"ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެ މައްސަލަ ބަލައި އެކަމުގައި ޝާމިލުވާ މީހުންނާއި މެދު ފިޔަވަޅުއަޅުއްވާނެކަމަށް ރަޢީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

އަދި އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ހިމަނާފައިވާ ވާހަކަތަކާއި ގުޅިގެން، އިސްލާމިކް މިނިސްޓްރީގެ ފަރާތުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާއިރު، އެމްޑީއެންއިން ވަނީ އެ ރިޕޯޓް، އެ ޖަމްއިއްޔާގެ ވެބްސައިޓުން ނަގާފައެވެ. ނަމަވެސް ރިޕޯޓުގެ ދިފާއުގައި ޝަހިންދާ ވަނީ ވާހަކަ ދައްކާފައެވެ.

އަދި އެކަމުގައި އާއްމުން އެޖަމިއްޔާ އުވާލަން ގޮވާލައި އަޑުއުފުލަން ފެށިފަހުން ފުލުހުންވަނީ، އެ މައްސަލަ ވަކި ކޮޅަކަށް ނުޖެހި ބަލާނޭ ކަމުގެ ޔަގީންކަން ދީފައެވެ.