"އުމުން 13އ. ފެށިގެން މަސްވެރިކަން މިކުރަނީ. މި ތިން އަތޮޅުގަ ނޫޅޭނެ އަޅުގަނޑު ނުދަންނަ މަސްވެރިއެއް ހަމަ ގައިމު. އެހެންނަމަވެސް މިހާރު އަޅުގަނޑުގެ އުމުރު މިހުރީ 59އ."
ހދ. ކުޅުދުއްފުށި ދިނަށަ، މުހައްމަދު އިޤްބާލް

ރަނގަޅަށް ތަންދޮރު އޮޅުންފިލައި ހެޔޮވިސްނޭ ވަރުވެސް ނުވަނީސް، 13އ. ގައި މަސްވެރިކަމަށް ނިކުމެ، އުމުރުގެ ބޮޑުގައި މަސްވެރިކަމުގައި ހޭދަކުރަމުންދާ އިޤްބާލްބޭގެ ވާހަކަ ފެށީ މިގޮތަށެވެ.

ދިވެހިންގެ ލޭނާރުކަމުގައި ދެކިގެން ކުރަމުން އައި މަސްވެރިކަން، މަސްވެރިންގެ ބުރަ މަސައްކަތުން ވަނީ ޒަމާނާ އެއްގޮތަށް ބަދަލުވެފައެވެ. ފަންރިޔަލުގައި، ކުދި ދޯންޏާއި، ބައްތެލީގައި ނިކުމެ ކުރި މަސްވެރިކަން ފައިބަރު ދޯނިތަކަށް ބަދަލުވެ ޒަމާނާ އެއްގޮތަށް ވަނީ ކުރިއަރާފައެވެ. މަސްވެރިންނާއި އެއްހަމަ އަށް ސަރުކާރުތަކަށް މަސްވެރިކަމަށް ބޭނުންވާ ޒަމާނީ ޚިދުމަތްތައް، ލުއިފަސޭކޮށް އަވަސްމިނުގައި އެކަށީގެންވާ ގޮތެއްގައި ފޯރުކޮށް ނުދެވޭ ކަމުގެ ޝަކުވާ މަސްވެރިން ކުރެއެވެ.

ދިވެހި މަސްވެރިިކަން ކުރިއަރައިދިއަ ނަމަވެސް، އެ މަސައްކަތުގައި މަސްވެރިން އުފުލާ ތަކްލީފު އެނގެނީ އެމީހުނާއި ވާހަކަދައްކައިލުމުންނެވެ. އެގޮތުން އުތުރުގައި، ޚާއްސަކޮށް ކުޅުދުއްފުށީގެ ބައެއް މަސްވެރިންގެ ކަންބޮޑުވުމަކީ، އަދި އެސަރަހައްދުގެ މަސްވެރިކަމަށް އޮތް ގޮންޖެހުމަކީ މަސްވެރިކަން ތަރައްގީ ނުކުރެވުމެވެ. މަސްވެރިކަން ކުރިއަރުވައި، ޒުވާނުން އެ މަސައްކަތަށް ނިކުންނަން ފަސްޖެހޭ މައްސަލައެވެ.

" އަޅުގަނޑުމެން މިއޮތް ހުރިހާ ދުވަހު މަހަށްދިއައިރުވެސް ވަރަށް ހާލުގަ މަހަށްދާން މިޖެހުނީ. ކުރިއަށްވުރެވެސް އަދި މިހާރު ހާލުގަ. ކުރީގަ ވިއްޔާ އަޅުގަނޑުމެން މަހަށްގޮސް ދުއްވައިގެން މަސްހޯދައިގެން ބާނައިގެން ކޮންމެ ދަންވަރަކު އާސްވެސް އަޅުގަނޑުމެން އެ މަސް ކައްކަނީ. ނަމަވެސް މިހާރަކު އެގޮތަށް މިކަން ކުރެވޭކަށެއް ނެތް."
އިޤްބާލް

އިޤްބާލްބެ ބުނިގޮތުން، މީގެ ކުރިން އެމީހުން ބާނާ މަސްކޮޅު ރަށަށް ލަފާގޮތަށް ކައްކައި ހިއްކައިގެން ފަރުޖައްސާލެވެއެވެ. ނަމަވެސް މިހާރު އެގޮތަށް އެކަމެއް ނުކުރެވެއެވެ. އަދި މިހާރު މަހަށް ނިކުމެ މެންދުރު ކުރިން ބޭނޭ އެތިކޮޅު ހިފައިގެން ކިރުވާލަން ނުގޮސްފިނަމަ އެއަށް ފައިސާކޮޅެއް ވެސް ނުލިބެއެވެ.

އިގުބާލްބެ ދެން ދެއްކީ ބާނާ މަހަށް ހަމަ އަގު ނުލިބޭ ވާހަކައެވެ. ދުވާލު ހަތަރުދަމު ކަނޑުމަތީގައި އުޅެގެން ބޭނޭ މަސްކޮޅުން ކިލޯއަކަށް 10ރ. ވަރުވެސް ނުލިބޭ ވާހަކައެވެ. މަސްކިލޯ އަކަށް 6 ރ. ވަރުވެސް ލިބެނީ ކައިރި ރައްތަކަށް ދުއްވައިގެން ރޮއެ އާދޭސްކޮށްގެން ކަމެވެ. އަދި އެހެން އާދޭސްކޮށްގެން ކިރުވާއިރު ގަންނަ މީހާ، ގަންނާނީ 5ރ. އަށޭ ބުންޏަސް ދޫކޮށްލަން ޖެހޭކަމުގެ ވާހަކައެވެ. އިގުބާލްބެ ބުނި ގޮތުގައި އެހެން ދިމާވަނީ މަސްގަންނަ ކުންފުނިތަކުގެ އަދަދު މަދުވުމުންނެވެ. މަސްވެރިންނަށް، މަސްވެރި އުޅަނދުތަކަށް ތަރަށްޤީ އައި ނަމަވެސް، ސަރުކާރުތައް ބަދަލުވެގެން މިހާތަނަށް އައިއިރުވެސް އަދިވެސް ހުރިހާ މަސްވެރިންނަށް ހިންދެމި ނުލެވޭކަަން އިޤްބާލްބެގެ ވާކައިން ފާހަގަވިއެވެ.

ހދ. ކުޅުދުއްފުށި ދިނަށަ، މުހައްމަދު އިޤްބާލް

އޮޑިފަހަރު ބޮޑެތިކޮށް މަސްވެރިކަން ޒަމާނާއެއްގޮތަށް ތަރައްގީކުރަން ބޭނުންވި ނަމަވެސް މަސްކިރާނެ އެއްވެސް ވަސީލަތެއް އުތުރުގައި ފަސޭހައިން ލިބެން ނެތްކަން އިގުބާލްބެ ފާހަގަކުރިއެވެ. އެހެންކަމުން މަސްވެރިކަން ކުރި ނާރަނީ މަސް ކިރުވާލެވޭނެ ފަސޭހަގޮތެއް ނެތުމުންކަމާއި، އެއްދުވަހު ބޭނޭ ޓަނެއްހާ މަސްްކޮޅުވެސް އަނެއް ދުވަހު މަހަށްދާން ވާއިރަށްވެސް ކިރުވައިނުލެވޭ ކަމީ އެންމެބޮޑު ކަންބޮޑުވުމެވެ.

ޒުވާނުންވެސް މަސްވެރިކަމުގެ ތެރެއަށް ވަންނަން ފަސްޖެހެނީ މަސްވެރިން ނުވަތަ މައިންބަފައިން އެކަމުގައި އުޅޭހާލު ފެނިގެން ކަމާއި، އޭގެ ބަދަލުގައި ކޮންމެ އިރަކުވެސް މަސްކޮޅު ކިރާލެވޭނެ ފަސޭހަ މަގެއް އޮންނަނަމަ ޒުވާނުންވެސް އެ މަސައްކަަތަށް ފަސްނުޖެހި ވަންނާނެ ކަމުގެ ޔަގީންކަންވެސް 59އ. ގެ އިޤްބާލްބެގެ ވާހަކައިން ލިބިގެންދިއައެވެ.

"މަސްވެރި ކަމަކީ މޫސުމީ ކަމެއް. މި ހިސާބުގަ މިއުޅޭ ކުދިކުދި އޮޑިފަހަރަކަށް ނުދެވޭނެ ދެކުނަށް މަސްބާނާކަށް އެ ހިސާބުގަ އުޅޭ ބޮޑެތި އޮޑިފަހަރު ތެރެއަކަށް. މިތަނުގަ ކުދި އޮޑިފަހަރު ގެންނަ ޓަނެއް ދޮޅުޓަނު އެންމެ ގިނަވެގެން. އެހާކަންވަރުގެނަޔަސް މީގަ އަތްލާނެ މީހެއް ނުވޭ. ހަގީގަތުގަ އަޅުގަނޑުމެން މީ ވަރަށް ހާލުގަ މަސްވެރިކަންކުރާ ބައެއް. ހަގީގަތުގަވެސް ދިވެހިރާއްޖޭގަ ދެކުނާ އުތުރާ އަޅާކިޔާލާއިރު އުތުރުގަ ހަމަ ސުމެއް. މަސްވެރިކަމުގަ. އަޅުގަނޑު ދަންނަވާނީ އުތުރުގަވެސް މަސްކިރޭނެ ވަސީލަތެއް ހަމަޖައްސައިދެއްވާށޭ."
އިޤްބާލް

ހދ. ކުޅުދުއްފުއްޓަކީ އުތުރުގައި މަސްވެރިކަން އެންމެ ރަނގަޅަށް ކުރި އެއްރަށް ކަމުގައިވާއިރު، މަސްވެރި އާއިލާތަކެއް ވެސް އޮތް ރަށެކެވެ. ނަމަވެސް އުތުރުގެ މަސްވެރިންނަށް އޮތް ގޮންޖެހުމަކީ މަސްކިރުވާނެ ފަސޭހަ ގޮތްތަކެއް ނެތި ޒަމާންތަކެއްވެ، ޒަމާނީ މަސްވެރިކަމާއި، ބޮޑެތި އޮޑިފަހާއި ވާދަކުރެވޭވަރުގެ ދޯނި ފަހަރުތައް މަދުވުމެވެ. އޭގެ ސަބަބުން ޒުވާނުން އެ މަސައްކަތަށް ނިކުންނަ މިންވަރު މަދުވުމެވެ.

މަސްވެރިކަން ތަރަައްޤީކުރަން ބަލާއިރު، ކުރާ އިސްވެންޓާއި އެއްވަރަށް ފައިދާ ލިބޭނެގޮތަށް މަސް ކިރުވާނެ ފަސޭހަ އަވަސް ގޮތެއް ނެތުމަކީ އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ހދ. ގެ ޒުވާން މަސްވެރިންގެ ވާހަކަތަކުންވެސް އެނގިގެންދެއެވެ.

ޒުވާން ކެޔޮޅު އާމިރު

ކުޅުދުއްފުށީގެ ޒުވާން މަސްވެރި ކެޔޮޅެއް ކަމަށްވާ އާމިރު ކިޔައިދިން ގޮތުގައިވެސް މަސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބާނާ މަސްކޮޅު ހަމައަގުގައި ކިރުވައިލެވޭނެ ފަސޭހަ މަގެއް އަދިވެސް ފަހިވެފައި ނެތުމެވެ.

މަސްވެރިކަމުގައި އުޅޭތާ 14 ވަރަކަށް އަހަރުވެފައިވާ ކެޔޮޅު އާމިރު ބުނީ، ދެޓަނު މަސް ކިރައިގެން ލިބެނީ 7000 ނޫނީ 8000ރ. ކަމަށެވެ.

އުތުރުގައި ޒުވާނުން މަސްވެރިކަމަށް ނުނިކުންނަނީ އެ މަސައްކަތުން ފައިދާ ލިބޭނެ ގޮތެއް ފަހިވެފައި ނެތުމުން ކަމާއި، އަދި މަސްވެރިކަމުގައި ދެކުނާއި އުތުރުގައި ތަފާތުތަކެއް އެބަހުރިކަން އާމިރުވެސް ބުނެދިނެވެ.

"އުުތުރުގަ މި ލިބެނީ މަސް ޓަނަކަށް 6000 ވަރަކަށް ރުފިޔާ. ދެކުނުން އެބަޖެހޭ ގާތްގަނޑަކަށް ޓަނަކަށް 20،000ރ. . އެހެންވީމަ އަހަރެމެންނަށް މިކަން ކުރެވޭކަށް ނެތް ސަރުކާރުގެ އެއްބާރުލުން ނުލިބިއެއް. މަސްވެރިކަން ފުޅާ ނުވެ އޮޑިފަހަރުވެސް ބޮޑެތި ނުވެގެން މިއުޅެނީ މިކަންކަމާހުރެ. މަސްކިރޭނެ ގޮތެއް ނެތް. ފެލިވަރާ ހަމައަށް އަހަރުމެނަށް ނުދެވޭނެ."
އާމިރު

މީގެ އިތުރަށް މަސްވެރިން ބާނާ މަސް ކިރުވުމުގެ ޤާބިލްކަން މަސް ގަންނަ ކުންފުނިތަކުގައި ނެތްކަމީވެސް މަސްވެރިންގެ ކަންބޮޑުވުމެކެވެ. އާމިރު ބުނި ގޮތުގައި ދޯނިފަހަރުތައް އެތައް ޓަނެއްގެ މަސް ކިރައިގެން ދާއިރު، މަސް ގަންނަން އޮންނަ ބޯޓުފަހަރަށް ކިރުވެނީ 30 ވަރަކަށް ޓަނެވެ. އެހެންކަމުން ބޮޑެތި ދޯނީގެ ދެތިން ދޯނީގެ މަސް ކިރާއިރަށް މަސްގަންނަ ބޯޓުފަހަރުގެ ޖާގަ އޮންނަނީ ފުރިފައެވެ. ނަތީޖާއަކަށް ވަނީ، ބާކީ އޮންނަ އޮޑިފަހަރުތައް ކިއުގައި އޮވެ މަސްކޮޅު ނުކިރުވިގެން ފުރައިގެންދާން ޖެހުމެވެ.

"ދެން އަހަރުމެން ގޮސް މިޖެހެނީ ކޮންމެވެސް ރަށަކަށްދާން. ގޮސް 6ރ. 5ރ. އަށް މަސްކޮޅު ދޫކޮށްލަން."
އާމިރު

ޒުވާންް ކެޔެޅު އާމިރުގެ ވެސް އެންމެ އެއް ކަންބޮޑުވުމަކީ، ބޭނޭ މަސްކޮޅު ކިރުވާލެވޭނެ ފަސޭހަގޮތެއް މިއަދުވެސް ފަހިވެފައި ނެތުމެވެ. ދުވަސްވީ މަސްވެރިޔާ އިޤްބާލްބޭގެ ކަންްބޮޑުވުމަކީ، މަސްވެރިންނަށް އާއްމުދަނީ ލިބޭނެ ފަސޭހަގޮތެއް ނެތުމުން ޒުވާނުން މަސްވެރިކަމަށް ނިކުންނަން ފަސްޖެހުމެވެ. އޭގެ ސަބަބުން މަސްވެރިކަމަށް ބޮޑެތި އިސްވެސްޓްކުރަން ފަސްޖެހުމެވެ.

ފެލިވަރު މަސްކިރުވާ ސަރަހައްދު

ޒަމާނުއްސުރެ މަސްވެރިކަމުގައި ކުރިއަރާފައި އޮތް އުތުރުގެ މަސްވެރިކަ ކުރިއެރުވުމުގައި އޮތް ހުރަހަކީ، އަި ދޯނި ފަހަރުވެސް ނިސްބަތުން ކުދިވެގެން ގޮސްފައިވަނީ، ސަރުކާރުތަކުން މަސްވެރިންނަށް ދޭންޖެހޭ އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށް ނުދެވޭތީ ކަމަށްވެސް މަސްވެރިން ބުނެއެވެ.

ރާއްޖޭގެ ދެކުނާއި އަޅާ ބަލާއިރުގައި މަސްވެރިކަމުގައި އުތުރު އޮތީ (ސުމެއް) ޒީރޯގައި ކަމަށް ބުނަނީ އެ ހަގީގަތް ގަބޫލުކުރަންޖެހޭތީ ކަމަށް، 59އ. ގެ އިޤްބާލްބެ ބުނެދިނެވެ. އަދި ޒީރޯ ގައި އިތް އުތުރު މަސްވެރިކަން ކުރިއަރުވައި ހީރޯއިން އުފެދޭނީ މަސްވެރިންނަށް ފުރިހަމަ އިތުބާރު ލިބި މަސްވެރިންނަށް ދެމެހެއްޓެނިވިގޮތެއްގައި ހަމައަގު ލިބިގެންކަމަށްވެސް އެ މަސްވެރިން ދެކެއެވެ.