ވީމީޑިއާގެ ރީސްޓްރަކްޗަރިންގެ މަސައްކަތް އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީން ދަނީ ކުރަމުންނެވެ. މި މަސައްކަތް ކުރަމުންދާއިރު ތަފާތު ބަދަލުތަކެއް ވީމީޑިއާއަށް ގެނެސް، އާ ކަންތައްތަކެއް ދަނީ ވީމީޑިއާއަށް ތައާރަފުކުރަމުންނެވެ. މިގޮތުން މިނިމަމް ވޭޖަށް މަރުހަބާ ކިޔައި، ވީމިޑިއާގެ ޖާނަލިސްޓެއްގެ ފެށޭ މުސާރަ 9000ރ އަށް ހެދުމަށް ވަނީ ނިންމާފައެވެ.

ވީމީޑިއާ ރީސްޓްރަކްޗާކޮށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ޚަރަދު ކުޑަކުރާނެ ގޮތްތަކާއި ތަނަށް ފައިދާވާނެ އިތުރު ގޮތްތައް ހޯދުންފަދަ ކަންކަން ހިމެނޭއިރު މަދުކުރި މުއައްޒަފުންގެ ތެރެއިންވެސް ޖާނަލިސްޓުންނަށް މި ވަނީ ހެޔޮ ބަދަލެއް ގެންނަން ނިންމާފައެވެ. މި ބަދަލުތަކާ ގުޅޭގޮތުން އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީގެ ކޮންސަލްޓެންޓް މުހައްމަދު ރަަޒީން ވިދާޅުވީ މީޑިއާތައް ފެށިގެން އައި އިރާއި މިހާރާ އަޅާބަލާއިރު ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެގޮތުން ހިންގުމުގެ ނިޒާމާއި މަސައްކަތް ކުރާ ގޮތާއި މަސައްކަތުގައި ގެންގުޅޭ އާލާތްތަކަކީވެސް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަންކަން ކަމަށެވެ.

އެހެންކަމުން ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި އެކު ބެލުންތެރިން ބޭނުންވާ ގޮތަށް ކަންކަން ކުރުމާއި، ވީމީޑިއާ އަކީ ޕްރައިވެޓް ސްޓޭޝަނަކަށް ވާއިރު ކޮމާޝަލް ބްރޯޑްކާސްޓިންގއަށް އަމާޒުކޮށްގެން ތަން ހިންގުމަށް ވަރަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭކަން ރަޒީން ވަނީ ފާހަގަކުރައްވާފައެވެ.

ރީސްޓްރަކްޗަރިންގގެ މަސައްކަތް ތިންބަޔަކަށް ބަހާލައިގެން ކުރިއަށްދާއިރު 11 އަހަރުވަންދެން ބޮޑު ގެއްލުމުގައި ވީމީޑިއާ ހިންގިގޮތަށް ބަދަލުތަކެއް ގެނެސް، ވީމީޑިއާ ހިންގަމުން އަންނަ އިމާރާތް އެހެން އިމާރާތަކަށް ބަދަލުކުރުންފަދަ ކަންކަން ހިމެނޭކަމަށް ރަޒީން ވިދާޅުވިއެވެ. މި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމަކީ ގިނަބައެއްގެ ވަޒީފާ ގެއްލުމާއި ވަޒީފާ ބަދަލުވެގެން ދިޔުންކަން ރަޒީން ވަނީ ފާހަގަކުރައްވާފައެވެ. ރީސްޓްރަކްޗަރިންގެ ދަށުން ވަޒީފާގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، 86 މުވައްޒަފުންގެ ތެރެއިން 29 މުވައްޒަފުން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަކު ޕާޓްޓައިމް މުވައްޒަފުން ހިމެނޭގޮތުން އަދިވެސް 60 އެއްހާ މުވައްޒަފުން އެބަތިބި ކަމަށްވެސް ރަޒީން ވިދާޅުވިއެވެ. މި ބަދަލާއެކު، ވަޒީފާ އަދާކުރާ ފަރާތްތަކަށް ދޭންޖެހޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ރާއްޖޭގައި ހިނގަމުން އަންނައިރު އެކަމަށް ވެސް ވީމީޑިއާއިން މަރުހަބާ ކިޔައެވެ. އެގޮތުން ވީމިޑިއާގެ ޖާނަލިސްޓެއްގެ ފެށޭ މުސާރަ 9000ރ އަށް ވަނީ ހަމަޖައްސާފައެވެ.

ވީމީޑިއާއިން ވަކިވި މުއައްޒަފުންނަށް އެހެނިހެން ގޮތްގޮތުން ވަޒީފާ ލިބޭނެ ގޮތް ހަމަޖައްސައިދިނުމުގެ މަސައްކަތްވެސް ވަނީ ކޮށްފައި ކަމަށް ރަޒީން ވިދާޅުވިއެވެ.

ރީސްޓްރަކްޗަރިންގެ ތެރެއިން ވިނިއުސް އެޕްލިކޭޝަނާއި އާ ފީޗާސްތަކާއެކު ވީނިއުސްގެ އައު ވެބްސައިޓް އިފުތިތާހުކުރުމާއި، ވީމީޑިއާ ލައިވް ސްޓްރީމް އިފުތިތާހު ކުރުން މިއަދު ހަވީރު ބޭއްވުމަށް ވަނީ ނިންމާފައެވެ.

އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީގެ ކޮންސަލްޓެންޓް މުހައްމަދު ރަަޒީން ވިދާޅުވީ ވީމީޑިއާއަށް މިގެނެވިގެންދަނީ ވަރަށް އުންމީދީ އާ ބަދަލުތަކެއް ކަމަށެވެ.