މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކް، އެމްޑީއެން ސަސްޕެންޑްކުރި ކުރުން ވަގުތުން ނިމުމަކަށް ގެނައުމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމާއަތެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހްއަށް ގޮވާލައިފިއެވެ.

ހިއުމަން ރައިޓްސް ވޮޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން އެމްޑީއެންގެ ހަރަކާތްތައް ވަގުތީގޮތުން ހުއްޓުމަކަށް ގެނައި މި ދަނޑިވަޅަކީ، އެމްޑީއެންއިން ނެރުނު ރިޕޯޓެއްގެ މައްސަލާގައި އެ ޖަމާއަތަށް ސީރިއަސް ނުރައްކާތައް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށެވެ. ހަމަ އެއާއެކު، މި ދަނޑިވަޅަކީ ރާއްޖޭގައި ހަރުކަށި ވިސްނުންތައް އިތުރުވަމުންދާ ދަނޑިވަޅެއް ކަމަށްވެސް ބުނެފައި ވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކާ ދެކޮޅަށް ރާއްޖޭގެ އިސްލާމީ ގްރޫޕްތަކުން ހިންގާ ހަމަނުޖެހުންތައް ކަމާބެހޭ ފަރާތްތަކުން ތަހްގީގު ކުރަންޖެހޭ ކަމަށްވެސް ހިއުމަން ރައިޓްސް ވޮޗުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ނުވަތަ އެކަމަށް ހުރަސްއަޅާ ގާނޫނުތައް އުވާލައްވާނެ ކަމަށް ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ރައީސް ސާލިހް އެކަން ކުރެއްވި ކަމަށާއި، އެހެން ނަމަވެސް އެމްޑީއެންއާ ދެކޮޅަށް އަޅުއްވާފައި މިވަނީ ހަމަ އެފަދަ ފިޔަވަޅެއް ކަމަށް، ހިއުމަން ރައިޓްސް ވޮޗުގެ އޭޝިޔާ ޑިރެކްޓަރ ޕެޓްރިޝިއާ ގޮސްމަން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

"އެމްޑީއެން ބަންދުކޮށް ރައީސް ސާލިހް ގެންދަވަނީ، އިންޒާރުދިނުމާއި ހަމަނުޖެހުން ހިންގުމަށް އިސްލާމީ ގްރޫޕްތަކަށް ހިތްވަރު ދެއްވަމުން" ޕެޓްރިޝިއާ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކް ސަސްޕެންޑްކުރުމަށް ދިވެހި ސަރުކާރުން ރިއާޔަތް ކޮށްފައިވަނީ ރާއްޖެއިން ތަސްދީގު ކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއް ކަމަށްވާ "އިންޓަރނޭޝަނަލް ކަވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" – އައިސީސީޕީއާރް ކަމަށާއި، އެކަން ކުރީ މުޖުތަމައުގެ ސުލްހަމަލަސްކަމާއި ހަމަޖެހުމަށް ކަމަށް ބުނެފައި ވީނަމަވެސް، ޚިޔާލު ފާޅުކުރުމުގެ ހައްގުގެ މިނިވަންކަން އެ މުއާހަދާއިން ކަށަވަރުކޮށްދޭ ކަމަށް، ހިއުމަން ރައިޓްސް ވޮޗުން ބުނެފައި ވެއެވެ.

އިސްލާމީ ގްރޫޕްތަކުން ރާއްޖޭގައި ހިންގާ ހަމަނުޖެހުންތަކާ ދެކޮޅުހަދާތީ އެމްޑީއެންއަށް އަބަދުވެސް ނުރައްކާތަކާއި ހަމަލާތައް އަމާޒުވާ ކަމަށްވެސް ހިއުމަން ރައިޓްސް ވޮޗުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީއެންއާ ދެކޮޅަށް މިހާރު ހިންގަމުން ގެންދާ ކެމްޕެއިނަކީ، ޓެރަރިޒަމާ ދެކޮޅު ގާނޫނު ތައާރަފް ކުރުމުން ފެށުނު ކަމެއް ކަމަށާއި، ސަބަބަކީ، ދީނީ ހަރުކަށި ގްރޫޕަތަކާއި، ނުފޫޒުގަދަ ސިޔާސީ އިދިކޮޅު ފަރާތްތަކާ ގުޅިފައިވާ ޖިނާއީ ކުށްތައް ހިންގާ ގޭންތަކާ ދެކޮޅަށް އެ ގާނޫނުގެ ބޭނުން ކޮށްފާނެކަމުގެ ބިރަށް ކަމަށްވެސް ބުނެފައި ވެއެވެ.

ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާއި، އެކްޓިވިސްޓުން އިސްލާމިކް ސްޓޭޓް ޖަމާއަތް ޕްރޮމޯޓްކުރާ ކަމަށާއި، އެތައްސަތޭކަ ދިވެހީން ރާއްޖެއިން ބޭރުގައި އައިއެސްގެ ހަނގުރާމައިގައި ބައިވެރިވެފައިވާ ކަމަށްވެސް ހިއުމަން ރައިޓްސް ވޮޗުގެ ބަޔާނުގައި ބުނެފައި ވެއެވެ.

މަދަނީ ޖަމްއިއްޔާތަކުން ކަންކަން ސެންސަރުކުރަން ފިއްތުންތައް ކުރިމަތިކުރުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ހުއްޓުމަކަށް ގެންނަންޖެހޭ ކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިނުމަށް ވެފައިވާ އަހުދު ގާއިމްކުރުމަށްވެސް އެމެރިކާގައި ގާއިމްވެފައިވާ ހިއުމަން ރައިޓްސް ވޮޗުގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

ހިއުމަން ރައިޓްސް ވޮޗުން މިފަދަ ބަޔާނެއް މިނެރުނީ، އެމްޑީއެންއިން “Preliminary Assessment of Radicalization in the Maldives” ގެ ނަމުގައި ނެރުނު ރިޕޯޓެއްގައި، އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ މައްސަލަ ހޫނުވުމާ ގުޅިގެން، ރާއްޖޭގެ ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތްކަމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އެ ޖަމްއިއްޔާ ސަސްޕެންޑްކޮށް، ހަރަކާތްތައް ހުއްޓުވުމާ ގުޅިގެންނެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން މައްސަލަ ހުށަހަޅައިގެން ފުލުހުން ގެންދަނީ އެމްޑީއެން ރިޕޯޓްގެ މައްސަލަ ތަހްގީގު ކުރަމުންނެވެ.