ވަން އެންޑް އޮންލީ ރީތި ރަށް ބަލިކޮށް އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންސް ލީގުގެ ތަށި ބަނޑޮސް މޯލްޑިވްސްއިން ދިފާއުކޮށްފި އެވެ.

އިއްޔެ ބަނޑޮހުގައި ކުޅުނު ފައިނަލް މެޗުން ރީތި ރަށް އަތުން ބަނޑޮސް މޮޅުވީ 3-1 ސެޓުންނެވެ. މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި ބަނޑޮހުން ހޯދިއިރު، މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީވެސް ބަނޑޮހެވެ. ބަނޑޮހުން މިދިޔަ އަހަރު ތަށި އުފުލާލީ ފައިނަލުގައި ގްރޭންޑް ޕާކް ކޮއްދިއްޕަރު ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ ބަނޑޮހުންނެވެ. އެޓީމުން މި ސެޓު ގެންދިޔައީ 25-19 އިންނެވެ. އެކަމަކަު ވާދަވެރި ކުޅުމަކަށްފަހު ދެވަނަ ސެޓު 30-28 އިން ކާމިޔާބުކުރީ ރީތި ރަށުންނެވެ. އެކަމަކު އަނެއްކާވެސް ކުޅުން ރަނގަޅުކޮށް ބަނޑޮހުން ވަނީ އަނެއް ދެ ސެޓު 25-20 އަދި 25-19 އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

މިއަހަރުގެ މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ ބަނޑޮހުގެ އިސްމާޢީލް ސާޖިދު (ކުޑަކާއްޓެ)، އަހުސަން، އިޝާން މުހައްމަދު (ބަޓިސް)، ހުސެއިން ރަޒާން، ރީތި ރަށުގެ އަހުމަދު ނަބީލް، އާދަމް ނަސީމް އަދި ހަސަން އިބްރާހިމް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ހޮވިފައިވަނީ ބަނޑޮހަށް މިދިޔަ ދެ އަހަރު ތަށި ހޯދައިދިން، ގައުމީ ފިރިހެން ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދުގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އެވެ.