• މި ރެކޯޑު ހަދާފައިވަނީ 1 ގަޑިއިރާއި 59 މިނިޓް 40 ސިކުންތުން މެރަތަން ނިންމައިގެން
  • އޭނާ ދުވެފައިވަނީ 41 ޕޭސްމޭކަރުންނާއެކު
  • ސައިސްވެރިން ބުނަމުން އަންނަނީ މިއީ އެއްވެސް އިންސާނަކަށް ވާނެކަމެއް ނޫންކަމަށް

ދެ ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ނިންމުމުގެ ޝަރަފު ހޯދާ، ކެންޔާގެ އެލިއޫޑް ކިޕްޗޯޖް ދުނިޔޭގެ ސައިންސްވެރިން ކޮސްކޮށްލުމަށްފަހު ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެެ.

އޮސްޓްރިއާގެ ވެރިރަށް ވީނާގެ ހިތްގައިމު ޕާކެއް ކަމަށް ޕްރެޓާގައި ދުވެ އެލިއޫޑް މި ރެކޯޑު ހަދާފައިވަނީ 1 ގަޑިއިރާއި 59 މިނިޓް 40 ސިކުންތުން މެރަތަން ނިންމައިގެންނެވެ. އޭނާ ވަނީ މި މެރަތަންގައި 42.2 ކިލޯމީޓަރު ކަނޑައްތުކޮށްފައެވެ.

ކެންޔާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މި މެރަތަންގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވިއިރު އޭނާ ދުވެފައިވަނީ 41 ޕޭސްމޭކަރުންނާއެކުގައެވެ. ޕޭސްމޭކަރުންނަކީ ވޯލްޑް ރެކޯޑެއް ހަދަން ދުވާ ދުވުންތެރިންނަށް އިތުރު އެހީތެރިކަމެއް ދިނުމުގެ ގޮތުން ތިބޭ ބަޔެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތަކެއް މިލިއަން މީހުން މި މެރަތަން ވަގުތުން ވަނީ ބަލާފައެވެ. ޕޭސްމޭކަރުން ވަނީ މެރަތަންގެ އެކި ހިސާބުތަކުގައި އެލިއޫޑް އާއެކު ބައިވެރިވެފައެވެ.

މި މެރަަތަން ސްޕޮންސާކޮށްފައިވަނީ އިނގިރޭސި ވިލާތުގެ ކެމިކަލް އުފެއްދުންތަކުގެ ބޮޑު ކުންފުންޏެއް ކަމަށްވާ އިނިއޮސްއެވެ. ނަމަވެސް މިއީ ދުނިޔޭގެ ރެކޯޑެއް ނޫނެވެ. އެއީ ރަސްމީ އެއްވެސް ފަރާތަކުން މި ދުވުން ބަލައިގެންފައި ނުވާތީއެވެ. އެގޮތުން ދުނިޔޭގެ އެތްލެޓިކްސްގެ މައި އިދާރާ އައިއޭއޭއެފް އިން ވަނީ މި ދުވުމުގައި އެތަކެއް ކަމެއް ގަވާއިދުތަކާއި ހިލާފަށް ކޮށްފައިވުމާއި ދުވުމަކީ ރަޖިސްޓްރީވެެން ދުވެފައިވާ ދުވުމެއް ނޫންކަމަށް ބުނެފައެވެ.

ސައިންސްވެރިން ބުނަނީ މިއީ އިންސާނަކަށް ވާނެކަމެއް ނޫންކަމަށް !

ސައިސްވެރިން ބުނަމުން އަންނަނީ މިއީ އެއްވެސް އިންސާނަކަށް ވާނެކަމެއް ނޫންކަމަށެވެ. އެއީ ދުވުމުގެ ސްޕީޑު އެއްވަރެއްގައި ހިފަހައްޓާއިގެން އެންމެ ދެ ގަޑިއިރުގެ ތެރޭގައި 42 ކިލޯމީޓަރ ކަޑައްތުކުރުމަކީ އާދައިގެ އިންސާނަކަށް ވާނެކަމެއް ނޫންކަމަށް ވާތީކަމަށް ސައިންސްވެރިން ބުނެއެވެ. މި މެރަތަން ފެށުމުގެ ކުރިންވެސް އޮސްޓްރިއާ ގެ އިތުރުން ދުނިޔޭޣ އެތްލެޓިކްސްގެ ބައެއް ޔަޖުރިބާކާރުން ވަނީ މިއީ ވާނެކަމެއް ނޫންކަމަށް ބުނެފައެވެ. ނަމަވެސް އެލިއޫޑް މި މެރަތަން ނިންމީ އެ ހުރިހާ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށްފަހުގައެވެ.

މިހާރު ވެސް މެރެތަންގެ ދުނިޔޭގެ ރެކޯޑް ކަމަށްވާ ދެ ގަޑި 1 މިނިޓް 39 ސިކުންތުގެ ހައްގުވެރިއަކީ އެލިއޫޑް އެވެ.

މި ކާމިޔާބީއާއެކު އެތްލެޓިކްސް އަދި މެރަތަންގެ ތަޖުރިބާކާރުން ދަނީ އެލިއޫޑް ހޯދި ކާމިޔާބީ ފާހަގަކޮށް މަރުހަބާކިޔަމުންނެވެ. މީގެތެރޭގައި ރާއްޖޭގެ މެރަތަން ދުވުންތެރިންވެސް ހިމެނެއެވެ.