ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ފޮރިން ސަރވިސްގެ ބިލާއި ގުޅޭގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ފޮރިން މިނިސްޓްރީގެ އިސްވެރިންނާއިއެކު މަޝްވަރާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން މައުލުމާތު ދިން ގޮތުގައި، މި ބައްދަލުވުމުގައި މިހާރު ޑްރާފްޓްކޮށްފައިވާ ފޮރިން ސާވިސްގެ ބިލާއި ގުޅޭގޮތުން މިނިސްޓްރީގެ އިސްވެރިންނާއެކު ވަނީ މަޝްވަރާކޮށްފައެވެ. އަދި ބިލަށް ގެންނަން ފެންނަ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް މިނިސްޓަރަށް އެކަންކަމާއި ގުޅޭގޮތުން ލަފާ އަރުވާފައިވާ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

ފޮރިން ސަރވިސްގެ ޤާނޫނެއް އެކުލަވާލައި، ދައުލަތުގެ ވަކި ސަރވިސް އެއްގެ ގޮތުގައި ފޮރިން ސަރވިސް އޮތުމަކީ، ހާރިޖީ ސިޔާސަތު މެދުވެރިކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމުގަޔާއި، ބައިނަލްއަޤްވާމީ މުޖްތަމައުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތަށް އިހްތިރާމްކުރުން އިތުރުކުރުމުގެ މަސައްކަތަށް މުހިންމުކަމެއްކަން އެ ނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި ކުރިއަރާފައިވާ އެހެން ޤައުމުތަކުގައި އޮންނަފަދަ ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް އެކުލަވާލައި، އެ ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ޤާބިލް ބަޔަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށްވެސް މިނިސްޓްރީން ވަނީ މި ބައްދަލުވުމުގައި ފާހަގަކޮށްފައެވެ.

ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް އެކުލަވާލުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ އަލްމަރްޙޫމް އަލްއުސްތާޛް ފަތުހުﷲ ޖަމީލް 1990 ވަނަ އަހަރު ފެއްޓެވި މަސައްކަތްޕުޅެކެވެ. އޭގެ ފަހުން، އެކި ސަރުކާރުތަކުން އެކި ފަހަރުމަތިން ފޮރިން ސަރވިސް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާފައިވެއެވެ.