• އާބިޓްރޭޝަން މަރުހަލާގައި ގިނަ މައްސަލަތަކެއް
  • ކޯޓުން ބޭރުން އެތަކެއް މިލިއަން ރުފިޔާ ވަނީ ދޫކޮށްލާފައި!
  • މިކަންކަން ބަލާނެ ދައުލަތުގެ އިދާރާއެއް ނެތީބާ!
  • ދައުލަތުން ބަދަލު ހޯދުން

ސަރުކާރުތައް ބަދަލުވެ ކުރީގެ ސަރުކާރުތަކުން ހަވާލުކޮށްފައި ހުންނަ މަސައްކަތްތައް އަދި އެކުލަވާލާފައި ހުންނަ އެއްބަސްވުންތައް ބާތިލް ކުރުމަކީ އާއްމުކޮށް ހިނގާކަމެކެވެ. އޭގެ ސަބަބުން ދައުލަތާއި ދެކޮޅަށް ދައުވާ އުފުލައި ބަދަލު ނަގައިދިނުމަށް އާބިޓްރޭޝަނަށް ދިއުމުން ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ބޭކާރުވެގެންދެއެވެ. އަދި ކޯޓުން ނަަގައިދޭ ބަދަކުތައް ބޮޑުވެދާކަމަށް ދެކި ކޯޓުން ބޭރުން އެފަދަ ބޮޑެތި މައްސަލަތައް ހައްލުކޮށް ބަދަލުނަގައިދިނުމަކީ ސަރުކާރުތަކުން ބައެއް ފަހަރު ގެންގުޅޭ އުކުޅެކެވެ.

މި ސަރުކާރުންވެސް ދަނީ، ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތައް ހިންގާފައިވާލެއް ދޯދިޔާކަމުން ކަމަށްބުނެ ބައެއް ޕްރޮޖެކްޓްތައް ބާތިލްކޮށް ނޫނީ ހުއްޓުވަމުންނެވެ. އަދި އެފަދަ ބައެއް މައްސަލަތައް މިހާރު ވަނީ އާބިޓްރޭޝަނަށްވެސް ހުށަހެޅިފައެވެ. އަދި މިސަރުކާރުން ވަނީ އެފަދަ މައްސަލަތައް ކޯޓުން ބޭރުން ވާހަކަދައްކައިގެން ބަދަލުނަގައިދީފައެވެ.

އެގޮތުން މިސަރުކާރުން މިހާތަނަށް ބަދަލުގެ ގޮތުގައި ދީފައިވާ މިންވަރުގެ ބައެއް ތަފްސީލްތައް މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކާއި ގުޅިގެން ފިނޭންސް މިނިސްޓަރ އަމީރު ވަނީ ހާމަކުރައްވާފައެވެ.

މިނިސްޓަރ އަމީރު ވިދާޅުވި ގޮތުގައި، 2010 ވަނަ އަހަރު ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ހެދުމަށް ހަވާލުކުރި ނެކްސްބިޒް ކުންފުނީގެ އެގްރިމަންޓް 2013 ގައި އުވާލި މައްސަލައިގައި، ސަރުކާރުން ދޭން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމި 280 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އަދި ސުޕްރީމްކޯޓުގެ ހުކުމަކާއި ގުޅިގެން ޑަބްލިއުއެލްޓީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް 130 މިލިއަން ރުފިޔާ ދެއްކިއެވެ.

މީގެ އިތުރަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާއި ގުޅިގެން ސަރުކާރުން ގާތްގަނޑަކަށް 26.1 މިލިއަން ރުފިޔާ ދައްކާފައިވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ސުޕްރީމްކޯޓުގެ ހުކުމަކާއި ގުޅިގެން 7.1 މިލިއަން ރުފިޔާވެސް ދީ ޚަލާޞް ކޮށްފައިވާ ކަމަށެވެ. މީގެއިތުރަށް ނޫމަޑި ސެޓްލްމަންޓް އެއްބަސްވުމާއި ގުޅިގެން ސަރުކާރުން އެ ކުންފުންޏަށް ބަދަލު ނަގައިދިން ކަމަށްވެސް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓް އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެ ކުންފުންޏާ އެކު ސެޓްލްމަންޓް އެގްރިމެންޓެއް ހަދައި 55 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ނޫމަޑިއަށް ސަރުކާރުން ބަދަލުދޭން ނިންމާފައި މިވަނީ، އެ މައްސަލަ އާބިޓްރޭޝަންގައި އޮއްވައި، އާބިޓްރޭޝަން މަރުހަލާ ނުނިމި ވަނިކޮންނެވެ. އަދި ނޫމަޑިއަށް ފައިސާ ދީފައިވަނީ ހައުސިން ޔުނިޓްތަކުގެ މަޝްރޫއާއި ގުޅޭ ހާއްސަ އޮޑިޓެއް ކުރަމުން ދަނިކޮށް ކަމަށް އޮޑިޓް އޮފީހުންވެސް ވަނީ މީޑިއާއަށް ކަމަށަވަރުކޮށްދީފައެވެ.

އެކިއެކި ކުންފުނިތަކަށް ތަފާތު މައްސަލަތަކުގައި ކޯޓުމަރުހަލާއިންނާއި، ކޯޓުން ބޭރުން ވާހަކަދައްކައިގެން ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ އަރާނެ ކަމަށްވެސް ފިނޭންސް މިނިސްޓަރ އަމީރު ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

މި މައްސަލަތުގެ ތެރެއިން އެންމެގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ ނޫމަޑި އަށް (848 މިލިއަން ރުފިޔާގެ) ބަދަލެއް ނަގައިދިން މައްސަލައިގައެވެ. އޮޑިޓްކުރަމުންދަނިކޮށް ފައިސާދިން ކަމަށްބުނާ އެ މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ސަރުކާރުތަކުގެ ކުރީގެ މިނިސްޓަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާއެވެ.

އެގޮތުން ކުރީގެ ފޮރިން މިނިސްޓަރ އަހުމަދު ޝަހީދު ވިދާޅުވީ އެހާ އަވަސް އަރުވާލާފައި އެއްވެސް ޓްރާސްޕޭރެންސީއެއް ޕްރޮސެސްއެއް އަދި ޒިންމާދާރު ކުރުވުމެއްނެތި ހަޒާނާއިން ފައިސާ ބެހި މައްސަލަ ބަލައިދޭނެ ފަރާތެއް މިހާރު ނުވެސް ނެތްކަމަށެވެ.

މީގެ އިތުރަށް ކުރީގެ މިނިސްޓަރެއް ކަމަށްވާ މުހައްމަދު މުއިއްޒު އަދުނާނުވެސް ވަނީ، މިނިސްޓަރުންނާއި ކޮމެޓީތަކުން ކޯޓުން ބޭރުން ބޮޑެތި ބަދަލުތައް ނަގައިދީ، މިލިއަލުން ފައިސާދޭން ނިންމަނީ ކޮންޤާނޫނެއްގެ ތެރެއިންތޯ ސުވާލު އުފައްދަވާފައެވެ.

ސަރުކާރުން މިހާތަނަށް އެކިއެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އެކި ފަރާތްތަކަށް ދީފައިވާއިރު، ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުސްވި އޮގަސްޓް މަހުގެ ތެރޭގައި ވަނީ ވިދާޅުވެފައެވެ.

ދައުލަތުން ބަދަލު ނަގައި ދިނުމަކީ، ވައްކަން ކުރުން ކަަމަށާއި، އިންޓަނޭޝަނަލް ކޯޓެއްގައި އާބިޓްރޭޝަން މައްސަލަތައް ކުރިއަށްދާއިރު، ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް މަޖިލީހުގެ އިދިކޮޅު މެންބަރު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް ވިދާޅުވިއެވެ.

މީގެ އިތުރަށް ބައެއް އާއްމުންވެސް ދެކޭގޮތުގައި، ސަރުކާރުތަކުން އެވޯޑް ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން، އެކި ފަރާތްތަކުން މައްސަލަ ހުށަހެޅުމުން އަބަދު މިގޮތަށް ކޯޓުން ބޭރުން މައްސަލަތައް ހައްލުކޮށްގެން ބަދަލު ނަގައިދޭކަމުގައި ވާނަމަ އޭގެ ސީދާ އަސަރު ކުރާނީ ދިވެހި ރައްޔިތުންނަށެވެ.

މިފަދަ ގިނަ މައްސަލަ ތަކަކީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި އެކުލަވާލި އެއްބަސްވުންތައް ނިމިދިއަ ސަރުކާރުން ބާތިލްކޮށް ނުވަތަ ހުއްޓުވުމާއި ގުޅިގެން ފެންމަތިވި މައްސަލަތަކެވެ. އަދި ނިމިދިއަ ސަރުކާރުން ހަވާލުކޮށް ފަށާފައިވާ ބައެއް މަސައްކަތްތައް މި ސަރުކާރުން ބާތިލްކުރުމާއި ގުޅިގެން އޭގެ ބަދަލު ހޯދަން މިއަދުވެސް ބައެއް ކުންފުނިތަކުން ދަނީ ދައުވާކުރަމުންނެވެ.

ނަމަވެސް މިފަދަ މައްސަލަތައް މިގޮތަށް ތަކުރާރުވަމުންދާނަމަ، އަދި ހަމަ މިފަދަ މައްސަލަތައް ކޯޓުން ބޭރުން ހައްލުކޮށް ބަދަލުގަނައިދޭ ކަމުގައިވާނަމަ، އެއީ ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބަޔަކަށް މަންފާ ފޯރުކޮށްދިނުމަށް ހުޅުވިގެންދާނެ ދޮރެއްކަމަށްވެސް ގިނަ ރައްޔިތުންދެކެއެވެ.