އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެ ކަމަށް ބުނެ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބަޔާން ނެރުމުން ގިނަ އަދަދެއްގެ އާއްމުން އެ ޕާޓީ އާއި ދެކޮޅަށް އަޑު އުފުލަން ފަށައިފިއެވެ.

މީސްމީޑިއާގައި އެމްޑީޕީއާއި ދެކޮޅަށް އާއްމުން އަޑުއުފުލައި ނުރުހުން ފާޅުކުރަން ފަށާފައި މިވަނީ، އިސްލާމްދީނަށާއި، ކީރިތި ރަސޫލާާއަށް ފުރައްސާރަކޮށް މޯލްޑިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) ނެރުނު ރިޕޯޓް ކުއްވެރި ނުކޮށް، އެ ޖަމިއްޔާ ސަސްޕެންޑް ކުރުމުން އެ ޖަމިއްޔާގެ ދިފާއުގައި އެމްޑީޕީން ބަޔާން ނެރުނު ކަމަށްބުނެއެވެ.

އެމްޑީޕީން މިހެން ބުނެފައި މިވަނީ، އިސްލާމްދީނަށް ފުރައްސާރަކޮށް މޯލްޑިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) އިން އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެ ރިޕޯޓެއް ނެރުނު މައްސަލަ ތަހުގީގުކުރަމުންދާތީ ޔޫތު މިނިސްޓްރީން އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފައި ވަނިކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.

އެމްޑީޕީން އިއްޔެ ބަޔާނެއް ނެރެ އެ މައްސަލައިގައި އެޕާޓީން ދެކޭގޮތް ހާމަކޮށްފައި ވަނީ، ޤައުމީ މަޖިލީހުގެ 57 މެންބަރުންނާއި، ޕާޓީގެ އިސްވެރިން ހިމެނޭގޮތުން ބޭއްވި ޤައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހުގައި ކަމަށް އެޕާޓީން ބުނެއެވެ. އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެކަމަށް ބުނި ނަމަވެސް އެ ބަޔާނުގައި ވަކި ޖަމިއްޔާގެ ނަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ކުށްވެރިކުރާ ކަމަށް ބުނެ އެމްޑީޕީން އިއްޔެ ނެރުނު ބަޔާނުގައި ވަނީ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. އަދި އެ ޕާޓީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއިދު ކުރާނެ ޕާޓީއެއްނޫން ކަމަށެވެ.

އެހެންކަމުން މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުޞޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން މިޕާޓީން ކުށްވެރިކުރާ ކަމަށެވެ. އަދި، ޤާނޫނުއަސާސީން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަންވެސް އެ ޕާޓީން އަބަދުވެސް ޤަބޫލުކުރާނެ ކަމަށެވެ.

އޭގެ އިތުރަށް އެޕާޓީ ޤަބޫލުކުރަނީ ޤާނޫނާ ޚިލާފަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާ މެދުވެސް، އަދި އަނިޔާވެރިކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި، ރައްޔިތުންނަށް ބިރުދައްކަމުންދާ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅަންޖެހޭނެ ކަންކަން ކަމަށެވެ. އަދި ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދައްކާ ވާހަކަ ދެއްކުމަކީ އެއްވެސް މުޖްތަމަޢެއްގައި ހުއްދަ ކަމެއް ނޫންކަމާއި، އެފަދަ ކަންކަމުން ޤައުމަށް ލިބޭނޭ ހަމަޖެހުމެއް އަދި ދީނަށް ލިބޭނޭ ކުރިއެރުމެއްވެސް ނޯންނާނެކަން ކަމަަށެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ޤައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާ ކަމަށެވެ.

ޖަލްސާތަކުގައާއި، އެކިއެކި ފޯރަމްތަކުގައާއި، މީސްމީޑިޔާގެ އެކިއެކި ވަޞީލަތްތަކުގައި އަނިޔާވެރިކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ އެ މަސައްކަތްތަކަކީ އެޕާޓީ ބަލައިގަންނާނެ ކަންކަމެއްނޫން ކަމަށެވެ. އަދި އެފަދަ ހަރުކަށި ޢަމަލުތަކަކީ އެޕާޓީ އަބަދުވެސް ކުށްވެރިކުރާ ކަމަށާއި، އެހެންކަމުން، ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ތަޙްޤީޤުކޮށް ޤާނޫނުގައިވާ ގޮތުގެ މަތީން އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައިދެއްވައި، ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ސަރުކާރުން ކޮށްދެއްވުމަށް އިލްތިމާސް ދަންނަވަމެވެ".
އެމްޑީޕީގެ ބަޔާން

އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށް އެމްޑީއެން އިން ރިޕޯޓް ނެރުމާއި ގުޅިގެން ގިނަ އާއްމުން ދިއައީ އެ ޖަމިއްޔާ އުވާލަން ގޮވާލައި ޕެޓިޝަނެއްގަިއ ސޮއިކުރަމުންނެވެ. އާއްމުން އެކަމަށް ގޮވާލަމުން ދަނިކޮށް އިސްލާމިކް މިނިސްޓްރީން ހުށަހަޅައިގެން އެ މައްސަލަ ތަހުގީގުކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ޔޫތު މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ސަސްޕެންޑްކޮށްފައެވެ.