2007 ވަނަ އަހަރު އއ. ހިމަންދޫގައި ވަކި ޖަމާއަތް ހަދައިގެން ބަޔަކު ނަމާދުކުރަމުން ދިޔަ މައްސަލައާއި، 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ސަލްޓަންޕާކު ތެރޭގައި ބޮން ގޮއްވާލި ހާދިސާއަކީ ދީނީގޮތުން ހައްދުފަހަނަޅައިދިއުމުގެ ތެރެއިން ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު ދެ ހާދިސާއެވެ. މިނޫނަސް މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ޒާތުގެ ބޮޑެތި ކަންކަން ރާއްޖޭގައި ހިނގަމުން އަންނައިރު، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަތުރުފުޅު ކުރައްވަމުން ގެންދަވަނިކޮށް ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެކެވެ.

މިއިން ކޮންމެ ކަމަކުންވެސް ޓެރަރިޒަމާއި ރާއްޖެއާ ހުރި ގުޅުމާއި، އެކަމުގެ ބިރުވެރިކަން ރާއްޖެއަށް އޮތް މިންވަރު ދައްކުވައިދެއެވެ. 1990 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމާނަށް ފެތޭގޮތަށް އައު ގާނޫނެއް ފާސްކޮށް އަމަލުކުރަން ފެށީ ޓެރަރިޒަމްގެ ބިރު ރާއްޖެއަށް ބޮޑުވަމުން އަންނާތީ ސަރުކާރުން އެކަމާ ދެކޮޅަށް އަޅަންފެށި ވަރުގަދަ ފިޔަވަޅުތަކުގެ ދަށުންނެވެ. 28 އޮކްޓޫބަރު 2015 ގައި އައު ގާނޫނަށް އަމަލުކުރަން ފެށީ ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދާ ދިވެހިންގެ އަދަދު ވަރަށް ހަލުވިކަމާއެކު އިތުރުވަމުން އަންނަ ކަމަށް އދ.އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނިކޮށެވެ. އެގޮތުން 200 އަށްވުރެ ގިނަ ދިވެހިން ސީރިޔާއަށް ދަތުރުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ޖިނާއީ ބޮޑު ކުށެއް ކަމަށް ކަނޑައަޅައި އޭރު ފާސްކުރި ގާނޫނަށް އަނެއްކާވެސް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަމަލުކުރަން ފަށާފައެވެ. މިފަހަރު ބޮޑެތި ބަދަލުތަކެއް ގެނެވުނީ ވީނުވީއެއްނޭނގި ގެއްލުނު ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލަ ތަހުގީގުކުރަމުންދާ ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓާ ގުޅިގެންނެވެ.

ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހުނީ، ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނާ ހަމައަށް ދިއުމަށްވުރެ ބޮޑަށް އެ ގާނޫނުގައި އެހެން ދިމާލަކަށް ދިއުމުގެ އަމާޒު ހިފާފައި އޮތުމުން ކަމަށެވެ.

ރައީސް އެވިދާޅުވިގޮތަށް ގާނޫނު އޭރު ފާސްވެގެން ދިއުމާއެކުވެސް އެ ކަންބޮޑުވުންތައް ހުއްޓެވެ. އެއީ ސީދާ ސިޔާސީ މީހުންގެ ކަރަށް މަހާލާ މަޅިއެއްގެ ގޮތަށް ގިނަ ބަޔަކު ސިފަކުރިއެވެ. ކަންވީވެސް އެކަހަލަ ގޮތަކަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ އޭރުގެ އިދިކޮޅު އެތައް ލީޑަރަކަށް ޓެރަރިޒަމް ގާނޫނުގެ ދަށުން ޓެރަރިޒަމްގެ ދައުވާ އުފުލައި ބޮޑެތި އަދަބުތަކެއް ދީފައެވެ.

އެހެންވީމާ، ޓެރަރިޒަމް ރަނގަޅަށް ޑިފައިންކޮށް، އެ އަމަލުތައް ހިންގާ ފަރާތްތައް ފަސޭހައިން ހައްޔަރުކުރެވި، ތަހުގީގު ކުރެވޭނެ ގޮތަކަށް ޓެރަރިޒަމްގެ ގާނޫނު ބަދަލުކުރަން އެބަޖެހޭ
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ގާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިތާ ތިންވަނައަށްވީ ދުވަހު ގާނޫނުގެ އިސްލާހު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާ ބާއްވައިގެން ބިލުގެ މަސައްކަތް ފަށައި ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.

10 އޮކްޓޫބަރުގައި ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވާ ގާނޫނުގައިވާގޮތުން، ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރަން އުޅޭކަމުގެ ތުހުމަތުކުރެވޭ މީހުން ކޯޓު އަމުރަކާނުލައި ހައްޔަރުކޮށް، ބަލައިފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިދެއެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ކުރަން ރާވާ މީހާ ހައްޔަރުކުރަން ވެސް ކޯޓު އަމުރެއް ހޯދާކަށް ނުޖެހެއެވެ.

ގާނޫނަށް އަމަލުކުރަން ފެށިތާ ދެވަނައަށް ވީ ދުވަހުގެރޭ (އޮކްޓޫބަރު 12 ވަަނ ދުވަހުގެރޭ) ފުލުހުން ވަނީ މުޖުތަމައު ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ސޯޝަލް މީޑިއާގަައި ގޮވާލަމުންދާކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފައެވެ. އެއީ ނިރުބަވެރި (ޓެރަރިސްޓް) ޖަމާއަތްތަކުގެ ލިޔުންތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ހާމަކުރަމުންދިޔަ ޒުވާނެއް ކަމަށް ބުނެފައި ވެއެވެ. ގާނޫނުގައި ބުނަނީ ސަރުކާރުގެ ފަރާތުން ޚާއްސަ ހުއްދައެއް ލިބިގެން މެނުވީ، ހަނގުރާމައަށް ދިއުން، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުމަކީ ވެސް ކުށެއް ކަމަށެވެ. އަދި މިއިން އެއްވެސް ކަމެއް ކުރަން އުޅުމާއި، އެއްވެސް ގޮތަކަށް އެކަމުގައި ބައިވެރިވުމަކީ ވެސް ކުށެކެވެ. މީގެ އިތުރަށް ހަނގުރާމައަށް މީހަކު ފޮނުވުން، ހަނގުރާމައަށް މީހަކު ފޮނުވަން މަސައްކަތްކުރުން ނުވަތަ އެކަމަށް ހިތްވަރުދިނުމަކީ ވެސް ކުށެކެވެ.

ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ކުރެވޭ ކަންކަމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، 2015 ވަނަ އަހަރު ގާނޫނު ފާސްކުރެވުނީ، ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސަރުކާރުން ދެކޭ ޖަމާއަތްތައް ކަނޑައަޅައި އާންމުކުރުމަށް ވެސް ލާޒިމުވާ ގޮތަށެވެ. ނަަމަވެސް 2016 ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލާއެކު، ރައީސުލްޖުމްހޫރިއްޔާ ލިސްޓު އެކުލަވާލައްވައި ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ލިސްޓު ބަލަހައްޓާގޮތަށް ވަނީ ބަދަލުވެގެން ގޮސްފައެވެ. އެހެންނަމަވެސް އެންމެފަހުން ގެނައި އިސްލާހުގެ ބިލު ފާސްކުރުމުގެ ކުރިން ސަރުކާރުން ވަނީ 17 ޖަމާއަތެއް ހިމެނޭ ލިސްޓެއް އާންމުކޮށްފައެވެ.

އަޅުގަނޑުމެން އިހަށްދުވަހު ގައުމީ ސަލާމަތާ ބެހޭ މަޖިލިސް ބައްދަލުކޮށްފައި ނިންމީ ލިސްޓެއް ހަދާކަމަށްވާނަމަ އެލިސްޓެއް ހާމަކުރަންވާނޭ. އެހެންނޫނީ އެހެން މީހުންނަކަށް ނޭނގޭނޭ އޭގައި ބައިވެރިވެވުނަސް. އަޅުގަނޑު ލިސްޓެއް ހަދާފައި ފޮރުވާފައި އޮތަސް ކާކަށްތޯ އެނގޭނީ އޭގައި ބައިވެރިވެވުނަސް. މިސާލަކަށް އަލްގައިދާ ނޫނީ އައިއެސް އަޅުގަނޑުމެން މި ނިންމަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި. އަޅުގަނޑުގެ ހިތުގައި އެއޮތަކަސް ދާމީހާއަށް އެ ނޭނގެންޏާ އެ ޓެރަރިސްޓް އަމަލެއްގައި ބައިވެރިވެވެނީކީ ނޫނެއް ނޫންތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމަކީ ނުވަތަ އެފަދަ ޖަމާއަތަކަށް މީހުން ވެއްދުމަކީ ނުވަތަ އެއްވެސް އިރުޝާދެއް ދިނުމަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމެކެވެ. ޓެރަރިސްޓް ޖަމާއަތްތަކެކޭ އެއްގޮތަށް ޓެރަރިސްޓް ސަރަހައްދުތައް ކަނޑައެޅުމަށް ވެސް ގާނޫނުގައި ހިމަނާފައި ވެއެވެ. އެގޮތުން ބުނެފައިވަނީ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު، ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށެވެ. މި މުއްދަތު ހަމަވާނީ މިމަހުގެ 25 ވަނަ ދުވަހަށެވެ.

މިފަހަރުވެސް ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު ސިޔާސީ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީން ވިދާޅުވީ އިސްލާހުތައް ފަރުމާކޮށްފައިވަނީ ރައްޔިތުންގެ އަޑުކަނޑުވާލައި ސަރުކާރު ޖަވާބުދާރީކުރުވުން ހުއްޓުވައި ވަކި ބަޔަކަށް އަދަބު ދިނުމަށް ކަމަށެވެ. ގާނޫނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި އަނެއް ބަޔަކީ ދީނީ އިލްމުވެރިންނެވެ. ހިތުހުރިގޮތަކަށް ގާނޫނު މާނަކޮށް، ދީނީ އިލްމު ފެތުރުމަށް ހުރަސްއަޅައި އިލްމުވެރިން ނުރައްކަލުގެ ތެރެއަށް ވައްޓާލަފާނެކަމުގެ ބިރު ވަރަށް ބޮޑަށް އިލްމުވެރިން އިހުސާސް ކުރެއެވެ. މިކަމާ ގުޅިގެން ސިޔާސީ ފަރާތްތަކަށް ވެސް އަދި ދީނީ އިލްމުވެރިންނަށް ވެސް ސަރުކާރުން ދޭ ޔަގީންކަމަކީ ގާނޫނުގެ ނާޖާއިޒް ބޭނުން ނުހިފާނެ ކަމެވެ. ޓެރަރިޒަމްގެ ހަގީގީ އަމަލަކާ ގުޅުންހުރި ބަޔަކަށް ނޫނީ ގާނޫނުގެ ދަށުން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމެވެ.

މީގެ އަށް އަހަރު ކުރިން، "ސަންސެޓް ބިލް" ގެ ނަމުން މަޝްހޫރުވެގެންދިޔަ ކުށްކުރުން ހުއްޓުވަން ޚާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ބިލާއެކުވެސް، ރައްޔިތުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިގެންދިޔައެވެ. ގާނޫނަކަށް ވާތާ ދޮޅުއަހަރުތެރޭ އޭގެ ޒާތުގައި އުވިގެންދާގޮތަށް މަޖިލީހަށް ހުށަހެޅުނު އެ ބިލު ގާނޫނަކަށް ނުވެ މަޖިލީހުން ބޭރުކޮށްލީއެވެ. ނަމަވެސް ޓެރަރިޒަމް ގާނޫނަށް ހުށަހެޅި ބޮޑެތި އިސްލާހުތައް މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި މިވަނީ ގާނޫނަކަށް ވެފައެވެ. އެހެންކަމުން ދެންވާގޮތެއް އެގޭނީ ތަންފީޒީ ބާރުތަކުން އަމަލުކުރާ ގޮތަކުންނެވެ. ބަލަންތިބެމާ ހިނގާށެވެ!