މި މަހު ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ 16 އަހަރުންދަށުގެ ސައުތު އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ.

މިއަހަރުގެ މުބާރާތް ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 އިން 22 ގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ވާދަކުރާނެއެވެ.

މިއީ ރާއްޖޭގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމެއް ބޭރުގެ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ވީސްޕޯޓްސްއާ ވާހަކަދައްކަމުން ޓީމުގެ ކޯޗު ނީޝާ ހަލީމް ބުނީ މިފަހަރުގެ ޓީމު އެކުލަވާލީ މިއަހަރު ކުރިއަށްދިޔަ އިންޓަ ސްކޫލް މުބާރާތުން ކަމަށާއި، އެއަށްފަހު ދާދި ފަހުން ބޭއްވި ނެޓްބޯލް އެސޯސިއޭޝަނުން ޗެމްޕިއަންޝިޕްގައިވެސް ކުޅުމުގެ ފުރުސަތު އެކުދިންނަަށް ލިބިގެންދިޔަ ކަމަށެވެ. އަދި މުޅިން އަލަށް ސަރަހައްދީ މުބާރާތަކު ޒުވާން ޓީމެއް ވާދަކުރާއިރު، ޓީމުގެ ޓާގެޓަކީ މެޑެއްޔެއް ހޮދުން ކަމަށް އޭނާ ބުންޏެވެ.

ޓީމުގެ ކެޕްޓަން އާމިނަތު އައިނީ ބުނީ މެޑެއްޔެއް ހޯދުމަށް ޓީމުން ޓާގެޓް ކޮށްފައިވާއިރު، ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ ފަރާތުން މިހާތަނަށް ވަރަށް ޕޮޒިޓިވް ކަންތައްތަކެއް ފެނިފައިވާ ކަމަށެވެ. އަދި ސަރަހައްދުގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނުކުންނަނށް ޖެހުނަސް ޖެހިލުން ނުވާ ކަމަށްވެސް އޭނާ ބުންޏެވެ.

މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އަދި ހަމަ އެ ދުވަހު ނޭޕާލާ ދެކޮޅަށް ނުކުންނައިރު، 19 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. އަދި 20 ވަނަ ދުވަހު ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.