މިއަހަރު ރާއްޖޭގެ އިގްތިސޯދު އޮތް މިންވަރަށްވުރެ އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު އެތައް ތަނަކުން ކުރިއަރައިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން ކޮންމެ އަހަރަކު ދެ ކުއާޓަރުގައި ނެރޭ ސަރަހައްދީ އިގްތިސޯދީ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުން މިއަހަރު ރައްޖޭގެ އިގްތިސޯދީ ކުރިއެރުން 5.2 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން 5.6 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ވޯލްޑް ބޭންކުން، އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު ހުންނާނީ 5.2 އިންސައްތައިގައި ކަމަށް ލަފަކޮށްފައިވީ ނަމަވެސް މިއަހަރު ފެށުނުއިރު ރާއްޖޭގެ އިގްތިސޯދު 5.7 އިންސައްތައިގައި ހުންނާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައި ވެއެވެ.

އެހެންނަމަވެސް ވޯލްޑް ބޭންކުން އަހަރުގެ ކުރީކޮޅު ލަފާކޮށްފައިވާ މިންވަރަށް ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެން ދިއުމަށް މަޑުޖެހުމެއް އައިސްފައިވަނީ ބައިނަލްއަގުވަމީ ވައިގެ ބަނދަރާއި، ބްރިޖުގެ މަސައްކަތް ނިމިފައިވުމުގެ ސަބަބުން ރާއްޖޭގައި އިމާރާތްކުރުމުގެ ސިނާއަތަށް މަޑުޖެހުމެއް އައިސްފައިވާތީ ކަމަށް ބުނެފައި ވެއެވެ. އެހެންނަމަވެސް އުމްރާނީ ތަރައްގީ ގެނައުމުގެ ގޮތުންނާއި، ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު އިންވެސްޓެއް ކޮށްފައިވުމާއެކު އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެންދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.

މިއަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި ބޮޑުތަނުން ދަށްވެފައިވާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންވެސް ރާއްޖޭގެ އިގްތިސޯދީ ދުވެލި ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ރާއްޖެއަށް އުމްރާނީ ތަރައްގީ ގެންނާނީ ގިނަ މަޝްރޫތަކެއް ނިމިފައިވުމުގެ ސަބަަބުން ކަމަށް އެމްއެމްއޭއިން އޭރު ބުނެފައި ވެއެވެ.

ރާއްޖޭގެ އިގްތިސޯދީ ދުވެލި ވޯލްޑް ބޭންކުން ލަފާކުރި މިންވަރަށްވުރެ ދަށްވެފައިވާއިރު ދުނިޔޭގެ އެހެން ގިނަ ގައުމުތަކެއްގެވެސް އިގްތިސޯދީ ދުވެއްޔަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ.