19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު ޓީމުގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަމަށް ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނެފި އެވެ.
މިފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގާ ވިކްޓަރީން ކުރިމަތިލާފައިވަނީ ޒުވާން ކުޅުންތެރިންތަކަކާއެކު އެވެ. ސާފް ޗެމްޕިއަންޝިޕް އަދި އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަނަށް 19 އަހަރުން ދަށުގެ ގައުމީ ޓީމު ފުރުމުން، ވިކްޓަރީއަށް ވަނީ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ.
ކުޅުންތެރިން ހަމަނުވެގެން ލީގުގައި ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެން ވިކްޓްރީ ސްޕޯޓްސް ކްލަބުން ދަނޑަށް ހާޒިރުނުވުމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ އެ ކްލަބު 40،000ރ. އިން ޖޫރިމަނާވެސް ކޮށްފައެވެ. އޭގެ ފަހުން ނިލަންދޫ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ނިކުތް ވިކްޓަރީ ޓީމުގެ ކުޅުންތެރިން ހަމަކުރީ އެޓީމުގެ ދެ ގޯލްކީޕަރުން، ކުޅުންތެރިންގެ ގޮތުގައި ހިމަނައިގެންނެވެ.
ލީގުގެ ދެވަނަ ބުރުގެ ކުޅުން ފަށައިގެން ކުރިއަށްދާއިރު، މާދަމާ ހަވީރު ފޯކައިދޫ ފުޓްބޯލް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިކްޓަރީގެ ކޯޗު ލައްޗޭ ބުނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިން އެނބުރި ގުޅުމާއެކު ޓީމުގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަމަށެވެ. އެކަމަކު ދިމާވާ މައްސަލައަކީ މާލޭގައި އުޅޭ ކުޅުންތެރިންވެސް ފަރިތަކުރުންތަކަށް ހާޒިރު ނުވުން ކަމަށާއި، ފަރިތަކުރުންތަކުގައި އާންމު ގޮތެއްގައި ބައިވެރިވަނީ ހައެއްކަ ކުޅުންތެރިން ކަމަށެވެ. އެހެންކަމުން މެޗާ ކުރިމަތިލާއިރު، އަދިވެސް ޓީމު ހަމަވާނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށާއި، އެކަމަކު މެނޭޖުމަންޓުންވެސް ފޯކައިދުއާ ދެކޮޅަށް ޓީމު ހަމަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ބްރޭކަކަށްފަހު ލީގުގެ ކުޅުން އަލުން ފަށާއިރު، ޓީމުގެ މާލީ ހާލަތަށް އަދިވެސް ހައްލެއް ލިބިފައިނުވާ ކަމަށާއި، އެކަމަކު އެއީ ބަހަނާއަކަށް ހެދޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިކްޓަރީއާ ދެކޮޅަށް ނުކުންނައިރު، ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، މި މެޗުން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުންޏެވެ.
އިންޓަނޭޝަނަލް ބްރޭކަށްފަހު، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މާދަމާ ފަށާއިރު، ފޯކައިދޫ އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު 9 މެޗުން 12 ޕޮއިންޓު ހަމަކޮށްގެންނެވެ. އަދި ވިކްޓަރީ އޮތީ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ. ލީގުގައި މާދަމާ ހަވީރު 03:50 ގައި ފޯކައިދޫ އާއި ވިކްޓަރީ ބައްދަލުކުރާ މެޗު ވީޓީވީން ވަގުތުން ގެނެސްްދިނުމަށް ވަނީ ހަމަޖެހިފައެވެ.