މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓާމެދު ނުރުހުން ފާޅުކުރުމުގެ ގޮތުން އަނިޔާވެރިކަމުގެ އެއްވެސް އަމަލެއް ނުހިންގުމަށް ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންގެ ޖަމިއްޔާއިން އިލްތިމާސް ކޮށްފިއެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ އިލްމުވެރިންވެސް ވަނީ މިކަމަށް އިލްތިމާސް ކުރަައްވާފަ އެވެ.

މީގެ އިތުރަށް ދީނާ ދެކޮޅަށް ހިންގާ އަމަލުތައް ހުއްޓުވުމަށް މުއައްސަސާތަކަށް އިލްތިމާސްކޮަށް އަދި ބޮޑެތިވަމުން އަންނަ ކުދިންނަށް އިސްލާމް ދީނުގެ ރިވެތި އުސޫލުތައް ދަސްކޮށްދިނުމަށް މައިންބަފައިންނަށް ވަނީ ގޮވާލައްވާފަ އެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޝެއިޚް އަލީ ޒާހިރު ވިދާޅުވީ އެމްޑީއެން ޖަމިއްޔާވަނީ އިސްލާމްދީނުގެ އުސޫލުތަކުގެ އިތުރަށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގަވާއިދުތަކަށް ހިލާފުވެފައި ކަމަށެވެ.

ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން މިރިޕޯޓު އުފެއްދުމުގައި ހަރަކާތްތެރިވި އެންމެންނަކީ ކުށްވެރިވެފައިވާ ބައެއްކަން އެނގޭ ކަމަށް ޝެއިޚް ޒާހިރު ވިދާޅުވިއެވެ.

"ގާނޫނު އަސާސީގެ 19 ވަނަ މާއްދާގައި މިނިވަން ކަމުގެ ވާހަކަ ދައްކާފަ އެބައޮތް. އެކަމަކު އެމިނިވަންކަމަކީވެސް އިސްލާމީ ޝަރީއަތުގެ ހުދޫދުގެ ތެރެެއިން ލިބިދީފައިވާ މިނިވަން ކަމެއް"
Sheikh Zahir

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޝެއިޚް ނިމާލް މުހައްމަދު ވަނީ ޖުމްލަ ގޮތެއްގައި ރިޕޯޓުގައި ހިމެނޭ ވާހަކަތަކަށް ކުރުގޮތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ގާތްގަނޑަކަށް ދިހަވަރަކަށް ނުކުތާއަށް ޝެއިޚް ނިމާލް ވަނީ އަލިއަޅުއްވާލައްވާފަ އެވެ.

އޭގެ ތެރޭގައި އެރިޕޯޓުގައި ދީނުގެ ސައްހަކަމާއި ކީރިތި ގުރުއާނުގެ ތެދުކަމާމެދު ޝައްކު އުފައްދައި، އިސްރާ މިއުރާޖުގެ ހާދިސާއަކީ އިލްމީގޮތުން ބަލާއިރުވެސް ސާބިތުނުވާ ކަމެއްކަން ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރަށް އެރިޕޯޓުގައި ގުރުއާނުގެ އާޔަތްތައް ގެވެށި އަނިޔާއަށް ތާއީދުކޮށްފައިވާ ކަމަށް ދައުވާ ކޮށްފައިވުމާއި، އެހެން ހުރިހާ މީސްތަކުންނަށްވުރެ ބޮޑަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުމަކީ އެނަބިއްޔާއަށް ކުޑަ-ކަލާންގެއެއްގެ ދަރަޖަ ދިނުންކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

މީގެއިތުރަށް އެ ރިޕޯޓަކީ މާތް ﷲގެ ގަދަރާއި އިއްޒަތަށް ބުރޫއެރުވުމަށާއި ފުރައްސާރަކުރުމަށް ނެރެފައިވާ ރިޕޯޓެއް ކަމަށާއި ކީރިތި ގުރުއާނާމެދު އިންސާނުންގެ މެދުގައި ޝައްކު އުފެއްދުމަށް ނެރެފައިވާ ރިޕޯޓެއް ކަމަށް ޝެއިޚް ވަނީ ވިދާޅުވެފަ އެވެ. އަދި މީސްތަކުންގެ މެދުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ނެރެފައިވާ ރިޕޯޓެއްކަމަށްވެސް ޝެއިޚް ފާހަގަކުރެއްވިއެވެ.