ގްލަޓް އިންވެސްޓްމެންޓުން ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ގްލެމާ ރެޒިޑެންސް ހުޅުވައިފިއެވެ.

މެދު ފަންތީގެ އާއިލާތަކަށް ހާއްސަކޮށްގެން ހަދާފައިވާ ގްލެމާ ރެޒިޑެންސް ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމަކީ ވިޔަފާރިއެއްގެ ގޮތުގައި ހިންގޭނެ ނިޒާމެއްގެ ގޮތުގައި ގާއިމް ކުރަންޖެހޭ ކަމަށެވެ. ބޯހިޔާވަހިކަމުގެ ވިޔަފާރިއަށް އޮތް އެންމެ ބޮޑު ހުރަހަކީ ރާއްޖޭގެ ޝަރުއީ ނިޒާމު ކަމަށާއި ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކުގެ ސަބަބުން ބޭންކްތަކާ ގުޅޭ މައްސަލަތައް ކޯޓުގައި ނުނިމި އެބަހުރި ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ގްލެޓް އިންވެސްޓްމެންޓުގެ ޑިރެކްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ، މި ޕްރޮޖެކްޓް ތަރައްޤީކުރަމުން އައީ އެ ކުންފުނީގެ ''މާސްޓާ ޕީސް'' ޕްރޮޖެކްޓްގެ ގޮތުގައި ކަމަށެވެ. އެކަން ފުރިހަމަވެފައިވާކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ އެކަން ފުރިހަމަ ކުރުމަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށެވެ.

ގްލަޓް އިންވެސްޓްމެންޓުން ހުޅުމާލެ ރީތި ގަސްހިނގުމުގައި ހަދާފައިވާ މި އިމާރާތުގެ ހުރިހާ ފްލޯ އެއް މިހާރު ވިކިފައިވާ ކަަމަށެވެ. ސެމީ ލަގްޒަރީ ފެންވަރަށް ހަދާފައިވާ ގްލެމާ ރެޒިޑެންސަކީ 9 ފަންގިފިލާ އަށް ހަދާފަ ހުރި 14 އެޕާޓްމެންޓް ހިމެނޭ އިމާރާތާކެވެ.

2017 ވަނަ އަަހަރު އިމާރާތް ކުރަން ފެށި ގްލެމާ ރެޒިޑެންސް ފަރުމާކޮށްފައިވަނީ ހަންނާނު ޔޫސުފް އާޓިޓެކްޓުންނެވެ.

ގްލަޓް އިންވެސްޓްމެންޓުން ވަނީ މިހާތަނަށް އެކިފަންތީގެ 40 ޕްރޮޖެކްޓް ހިންގާފައެވެ.