• އަސާސީ މުސާރަ ކަނޑައެޅުމުގެ މަސައްކަތް
  • އަސާސީ މުސާރައެއް ކަނޑައެޅުން މިވަގުތަށް މުހިންމު
  • ދުވާލެއްގެ މައްޗަށް ފައިދާހުރި ކާނާ ބޭނުންވާނެ މިންވަރު ބަލަންޖެހޭ
  • އަމާޒަކީ 2020 ވަނަ އަހަރަށް މަސައްކަތް ނިންމުން

އަސާސީ މުސާރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަން އެންމެ ރަނގަޅުގޮތެއް ކަމަށް ފެންނަނީ، ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ޤަރާރަކުން ކަމަށާއި، ދުނިޔޭގެ ގިނަ ގައުމުތަކުން އެކަން ކުރަނީ އެގޮތަށް ކަމަށް މުސާރައާއި ޢުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑުގެ ބައެއް ބޭފުޅުން ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލު ޑްރާފްޓް ކުރުމަށް މަޖިލީހުން ހޮވި ސަބް ކޮމިޓީއިން މިއަދު ވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ އަދި މުސާރައާއި ޢުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑުގެ ބޭފުޅުންނާ ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މި ކޮމެޓީގައި މިނިމަމް ވޭޖް ބޯޑުގެ ބައެއް މެންބަރުން ވިދާޅުވީ އަސާސީ މުސާރަ ކަނޑައަޅާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން އަމަލުކޮށްފައި ހުރީ ރައީސްގެ ރިޔާސީ ޤަރާރަކުން އެކަންކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް އެކަން ކުރަނީ ޤައުމުގެ އިގުތިސޯދަށް އަންނަ ބަދަލުތަކާއި ގުޅިގެން މުސާރައަށް ބަދަލު އަންނާނެތީ ކަމަށެވެ. ބޯޑުގެ ބައެއް މެންބަރުން ވިދާޅުވީ ވޭޖް ކަނޑައަޅާއިރު، މުސާރަ ލިބޭ މީހާ އާއި އޭނާގެ އާއިލާއަށް ފުރިހަމަ ސިއްހަތުގައި މަސައްކަތް ކުރަން ތިބެވޭނެ މިންވަރަށްވެސް ބަލަންޖެހޭ ކަމަށެވެ.

މިނިމަމްވޭޖެއް ކަނޑައަޅާއިރު އެބަބަލާ ސިއްހީގޮތުން ކިހާ ފައިދާހުރި ކާނާތަކެއްތޯ އޭނާއަށް ދުވާލެއްގެ މައްޗަށް ބޭނުންވަނީ. ދުވާލެއްގެ މައްޗަށް ކިހާ މިންވަރެއް ލިބިގެންތޯ އޭނައާއި އޭނަގެ އާއިލާއަށް މަސްދުވަހަށް އެކަން ބަހާލައިގެން ކުރިއަށްގެންދެވެނީ."
އަދުނާން

މީގެ އިތުރަށް ދިރާސާއެއް ކުރުމެއް އަދި ދުނިޔޭގެ ގައުމުތަކުން ކަންކުރާގޮތް ނުބަލައި، ހަމަ ތިބެފައި އަދަދެއް ކަނޑައެޅުމުން އިޤްތިސޯދަށް ކުރާނެ އަސަރުތަކަކީ ކޮބައިތޯވެސް ބަލަންޖެހޭ ކަމަށްވެސް ބޯޑުގެ މެންބަރުން ވިދާޅުވިއެވެ. އަދި އަދަދު ކަނޑައަޅާއިރު ދާއިމީގޮތެއްގައި މުސާރަދޭން ކުންފުނިތަކަށް ކުރެވޭނެ މިންވަރަކީ ކޮބައިތޯވެސް ބަލަންޖެހޭ ކަމަށާއި، އަދި ވަޒީފާތައް ގިނަވާނެ ގޮތާއި، ގިނަ ދުވަހު ވަޒީފާގައި ދެމި ހުންނާނެ ގޮތަކަށްވެސް މިނިމަމްވޭޖު ކަނޑައަޅާއިރު ވިސްނަންޖެހޭނެ ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.

މިނިމަމްވޭޖު ކަނޑައެޅުމުގެ މަސައްކަތްކުރާ ބޯޑުގެ ބޭފުޅުން ވިދާޅުވީ އެބޭފުޅުންނާއި ހަވާލުވެ އެ މަސައްކަތް ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ގިނަ އަދަދެއްގެ ފަރާތްތަކާއި މަަޝްވަރާކޮށް ބައްދަލުވުންތައް ބޭއްވިފައި ވާއިރު، އެންމެ ފުރަތަމަ މައުލޫމާތު ހޯދީ ޑޭޓާތައް އެއްކުރާ ފަރާތްތަކުން ކަމަށެވެ. އަދި އެފަރާތްތަކުން ލިބުނު މައުލޫމާތަކީ 2015، 2014 ހިސާބުގައި އެއްކޮށްފައިވާ މައުލޫމާތު ކަމަށެވެ. އެހެންކަމުން މިވަގުތުގެ ރާއްޖޭގެ ވަޒީފާގެ ހާލަތާއި މުސާރައިގެ ކަންކަން ބެލުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ އެޑޭޓާތައްވެސް ދިރާސާކުރަމުންދާ ކަމަށެވެ.

މިނިމަންވޭޖް ކަނޑައެޅުމުގެ މަސައްކަތްކުރަމުންދާއިރު، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ މިނިމަމްވޭޖް ފިކްސިން ކޮންވެންޝަންގެ ސްޓޭންޑަޑްގެ ތެރެއިން ކަނޑައެޅުން މުހިންމު ކަމަށްވެސް ބޯޑްގެ މެންބަރުން ވިދާޅުވިއެވެ. އެހެންކަމުން އެ މަސައްކަތް ކުރަންޖެހެނީ އައިއެލްއޯގެ އަަސާސީ މުސާރަ ކަނޑައެޅުމުގެ މިންގަނޑުތައް ބަޔާންކުރާ އޮނިގަނޑުތެރެއިން ކަމަށާއި، ކޮންވެންޝަން އަދި ރާއްޖެއިން ތަސްދީގުކޮށްފައި ނެތަސް ކޮމެޓީން މަސައްކަތްކުރަމުންދަނީ އައިއެލްއޯގެ މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތަކަށް ބަލައިގެން ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ. އަދި މިނިމަމްވޭޖެއް ކަނޑައަޅާނީ އެ ދިރާސާގެ އަލީގައި ދައުލަތާއި މަޝްވަރާކޮށް މިނިމަމްވޭޖް ބޯޑުން މަޝްވަރާކުރުމަށްފަހު ކަމަށްވެސް ބޯޑުގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

އަސާސީ މުސާރައެއް ކަނޑައެޅުމުގެ މަސައްކަތް މީގެ ކުރިން ސަރުކާރުން އެއްވެސް ވަރަކަށް ކޮށްފައި ނެތީތޯ މަޖިލީހުގެ ކޮމެޓީގައި ބައެއް މެންބަރުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ބޯޑުގެ ބޭފުޅުން ވިދާޅުވީ 2008 ގައި ވަޒީފާއާއި ބެހޭ ޤާނޫނު ވުޖޫދުވުމާއި އެކު އޭރުގެ ސަރުކާރުން މިނިމަމްވޭޖެއް ކަނޑައެޅުމަށް ބޯޑެއް އެކުލަވާލެވިފައި އޮތްކަމަށެވެ. ނަމަވެސް އެމަސައްކަތް ފެށުނުތަނާއި އެކު ސަރުކާރު ބަދަލުވުމާއި އެކު އެމަސައްކަތް އޮތީ ކުރިއަށްނުގޮސް ހުއްޓިފައި ކަމަށެވެ.

ނަމަވެސް އަސާސީ މުސާރައެއް ކަނޑައެޅުމަކީ މިވަގުތުން ވަގުތަށްވެސް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށާއި ސަބަބީ އަސާސީ މުސާރަ ދިނުމުގައި ގެންގުޅޭ ތަފާތުތައް ކުޑަކުރުން ކަމަށެވެ.

މިނިމަމްވޭޖެއް ގެނެސް ވީހާވޭސް އވަހަށް ތަންފީޒުކުރުމަކީ މިގައުމުގެ އިޤްތިސޯދަށްޓަކާ މަސައްކަތްތެރިންނަށްޓަކާ ރައްޔިތުންނަށްޓަކާ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. މިހާރުވެސް ރާއްޖޭގެ ރިސޯޓްތައްވެސް އެބަހުރި ވަރަށް ދަށް މުސާރަ 150 ޑޮލަރު ބޭސިކް މުސާރައިގެ ގޮތުގަދޭ. ޕެންޝަން ޤާނޫނާއި ގުޅިގެން މުސާރަތައް ވަރަށްބޮޑަށް ދައްކޮށްލާފަ ހުންނަނީ ޕެންޝަނަށްދައްކަންޖެހޭ އަދަދުކުޑަކުރަންވެގެން. އޭގެ ސަބަބުން ގެއްލުން ވަނީ މުވައްޒަފުންނަށް އެއާއި ގުޅުންހުރި އެހެން އިނާޔަތްތައް ލިބޭއިރު،"
މައުރޫފު ޒާކިރު

މި ކޮމެޓީގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ، މިނިސްޓްރީން މަސައްކަތްކުރަމުންދަނީ ސަރުކާރުގެ އެކްޝަން ޕްލޭނާއި އެއްގޮތަށް 2020ގައި އަސާސީ މުސާރަ ކަނޑައަޅުމަށް ކަމަށެވެ. އެގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް މިނިމަމްވޭޖު ބޯޑުގެ މަސައްކަތްތަކުގެ ތަފްސީލުތަކެއް ލިބިގެންދާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މިނިމަމްވޭޖެއް ކަނޑައަޅާއިރު އޭގެ ސަބަބުން އިގުތިސޯދަށް ކުރާނެ އަސަރަށް ބަލައި ރަނގަޅު ދިރާސާއެއް ނުހަދައިފިނަމަ ނިކުމެދާނެ ނަތީޖާތަކަށް ވިސްނަންޖެހޭނެ ކަމަށެވެ. ނަމަވެސް އަމާޒަކީ 2020 ވަނަ އަހަރަަށް އެކަން ނިންމުން ކަމަށެވެ. އަދި މިނިމަމްވޭޖު ކަނޑައެޅުމަށްފަހު އެކަން ތަންފީޒު ނުކުރާ ފަރާތްތަކާއި މެދު ކަންކުރާނެގޮތަކާއި މެދުވެސް ނިންމުންތައް ނިންމޭނެ ކަމަށެވެ.