ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ހަވީރު ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީ ސްޕޯޓްސް ކުލަބަށް 11 ކުޅުންތެރިން ހަމަ ނުކުރެވުމުގެ ސަބަބުން މެޗު ކެންސަލްކޮށްފިއެވެ.

މި މެޗަށް ވިކްޓަރީގެ ކުޅުންތެރިން ދަނޑަށްދިޔަ ނަމަވެސް އެޓީމަށް ހަމަ ކުރެވުނީ ނުވަ ކުޅުންތެރިންނެވެ. އެހެން ކަމުން 15:45 ގައި މެޗު ކޮމިޝަނަރު ނިންމީ މި މެޗު ކެންސަލްކުރުމަށެވެ.

ދަނޑުގައި ހުރި ވިކްޓަރީގެ އިސްއޮފިޝަލު ބުނުއްވީ މިއަދުގެ މެޗަށް 11 ކުޅުންތެރިން ހަމަކުރެވުނު ނަމަވެސް ކުއްލި ގޮތަކަށް ދެ ކުޅުންތެރިއަކު ފުރައިގެންދާން ޖެހުނީ ކަމަށެވެ.

އަޅުގަނޑުމެން ހެނދުނު އެގާރަ ކުޅުންތެރިން ހަމަކުރިން އެކަމަކު އޭގެ ތެރެއިން ދެ ކުޅުންތެރިން ފުރައިގެންދާންޖެހުނީ، އެތަނުން އެއް ކުޅުންތެރިއެއްގެ މަމްމަ ނިޔާވެގެން. އެ ކުޅުންތެރިން ހެނދުނު ފުރައިގެންދިޔައީމަ އެހެން ކުޅުންތެރިންނަށް ގުޅައިގެން ވެސް ޓީމު ހަމަ ކުރެވޭތޯ މަސައްކަތްކުރިން، އެހެން ނަމަވެސް އެކަން ނުވީ.
އޮފިޝަލް

މިއަދުގެ މެޗާއި ބެހޭ ގޮތުން ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ ކުލަބުން މިއަދުގެ މެޗަށް ހާޒިރުވީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި މެޗު ނުކުޅެ، ދާން ޖެހުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު ލީގުގެ މެޗުތައް މިގޮތަށް ކްލަބެއްގެ ކުޅުންތެރިން ހަމަނުވެ ނުކުޅެދާން ޖެހުމަކީ ފުޓްބޯޅައަށް ލިބިގެންދާ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ނިސްތާރު ވަނީ ބުނެފައެވެ.

ވިކްޓަރީގެ އޮފިޝަލް ބުނުއްވީ ޓީމުގެ ފަރިތަކުންތަށް ވެސް ކުޅުންތެރިން މިހާރު ހާޒިރުނުވާ ކަމަށާއި މުސާރައިގެ މާބޮޑު މައްސަލައެއް ނޫޅޭއިރު ކުޅުންތެރިން ހާޒިރުނުވާ ސަބަބު ނޭނގޭ ކަމަށެވެ. ޓީމުގައި މުސާރަ ނުދެވޭ އެންމެ ގިނަ ވިޔަސް އުޅޭނީ ތިން މަސް ކަމަށާއި ތިން މަސް މުސާރަ ނުދެވޭ އަދަދުވެސް ގިނަ ނުވާނެ ކަމަށް އޮފިޝަލް ބުނުއްވިއެވެ.

ކުލަބުގެ ހާލަތާއި ބެހޭ ގޮތުން ޓީމުގައި އިތުރު ކުޅުންތެރިން ހިމެނުމަށް އެފްއޭއެމްގައި އެދެމުންދާ ކަމަށާއި އެހެން ނަމަވެސް މިއީ ޓްރާސްފަރ ދުވަސްވަރަށް ނުވާތީ އެފްއޭއެމް އިން ކުލަބަށްދީފައިވާ ޖަވާބަކީ އެހެން ކުލަބުތަކުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ގެނައުމަށް ކަމަށް ވިކްޓަރީ އިން ބުނެއެވެ.

ކުލަބުގެ ހާލަތާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އެފްއޭއެމްގެ އެކްސްކޯ އާއި ބައްދަލު ކުރުމަށް ވެސް ކުލަބުން އެދިފައިވާ ކަމަށް ވިކްޓަރީ އިން ވަނީ ބުނެފައެވެ. ބަޔެއް ކުޅުންތެރިން ކުލަބުގައި ރިލީޒް ހޯދުމަށް އެދެމުންދާއިރު އެ ކުޅުންތެރިންނަށް ރިލީޒް ދޭން ކުލަބުން ނުވިސްނަނީ ރިލީޒް ދިން ނަމަވެސް އެންމެ އަވަހަށް ވެސް އެހެން ޓީމަކަށް ކުޅެވޭނީ އަންނަ އަހަރުގެ ޖެނުއަރީ ކަމަށް އެ ކުލަބުން ބުނެއެވެ.

ވިކްޓަރީގެ ހާލަތު ގޯސްވެފައިވާއިރު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ނިލަންދޫ އާއި ދެކޮޅަށް ކުޅުނު މެޗު ވެސް އެކުލަބުން ކުޅެފައި ވަނީ ދެ ކީޕަރުން ކުޅުންތެރިންގެ ގޮތުގައި ހިމަނައިގެން ބަދަލު ކުޅުންތެރިއެއްނެތި އަދި އިރުޝާދު ދޭނެ ކޯޗެއް ވެސް ނެތިއެވެ. އެ ދުވަހުގެ މެޗުގައި ދަނޑުމަތީގައި އަނިޔާވުމުން ވިކްޓަރީގެ ކުޅުންތެރިންނަށް ފަރުވާދަން އަރަން ޖެހުނީ ވެސް ނިލަންދޫގެ ފަސްޓެއިޑް އޮފިޝަލުންނެވެ.

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހާލަތާއި ބެހޭ ގޮތުން އެފްއޭއެމްގެ ޖެނަރަލް ސެކްޓަރީ ހުސައިން ޖަވާޒް މީގެ ކުރިން ވިދާޅުވެފައި ވަނީ ވިކްޓަރީ ލީގްގައި ވާދަކުރެވޭނެ ގޮތް ހެދުމަށްޓަކައި އެފްއޭއެމްއަށް ކުރެވެން އޮތް ހުރިހާކަމެއް ކުރަމުންދާ ކަމަށާއި އެކަން އެންމެ ފަހުން އެޓީމު ކުޅުނު މެޗު ވެސް އިނގޭނެ ކަމަށެވެ.

ވިކްޓަރީއަށް ގިނަ މައްސަލަތައް ކުރިމަތިވެފައިވާއިރު އެފްއޭއެމް އިން ބުނީ ކުލަބު ލައިސަންސްއިން ކޮމެޓީ އިން ޓައިމްލައިނެއް އެކުލަބަށް ދީފައިވާ ކަމަށާއި އެކަމަކު އެ ޓައިމްލައިނަށް ވިކްޓަރީ އިން އެއްވެސް ކަމެއްކޮށްފައިނުވާ ކަމަށެވެ. އެންމެ ފަހުން ކޮމެޓީއަށް ވިކްޓަރީ ހާޒިރުކުރި ދުވަހު ވެސް އެކުލަބުން ބުނެފައި ވަނީ ދެ ދުވަސްތެރޭގައި އެކަންކޮށް ނިންމާނެ ކަމަށާއި އެހެން ނަމަވެސް އެ ދެ ދުވަސްތެރޭގައި ވެސް ވިކްޓަރީ އިން އެކަންކޮށްފައިނުވާ ކަމަށް ޖަވާޒް ވިދާޅުވިއެވެ.

ލީގްގެ ފުރަތަމަ ބުރުގައި ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެންއޮތް މެޗަށް ވިކްޓަރީ ހާޒިރުނުވުމުން އެ ކްލަބް 40،000ރ. އިން ޖޫރިމަނާކޮށްފައިވާއިރު، މިއަދުގެ މެޗަށް ހާޒިރު ނުވުމުން އެކުލަބަށް އިތުރު އަދަބުތަކާއި ޖޫރިމަނާ އަންނާނެ ކަމަށް ބެލެވެއެވެ.