އެކިއެކި ކުންފުނިތަކަށް ދައުލަތުން ބަދަލުގެ ގޮތުގައި ފައިސާ ދީފައިވާ މައްސަލަ ހުށަހެޅިފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީގެ އައު މެންބަރުން މީޑިއާއާއި އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ކޮމިޝަނުގެ މެމްބަރު އިބްރާހީމް ޝަކީލް ވިދާޅުވީ، އެ މައްސަލަތައް ބަލަމުންދާ ކަމަށެވެ. ޝަކީލް ވިދާޅުވީ އެ މައްސަލަތައް ހުށަހެޅިފައިވަނީ އެއް މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ހުރިހާ ސެޓެލްމަންޓްތަކާއި ގުޅޭ ބޮޑު މައްސަލައެއްގެ ގޮތުގަ މައްސަލަ ހުށަހެޅިފަ މީނީ. ދެން އަޅުގަނޑުމެން މި މައްސަލަ ބަލަމުންދާއިރު އެއިން ކޮންމެ ސެޓްލްމެންޓެއް ވަކިވަކިން ތަހުގީގުކޮށްގެން ބޮޑު އެއް މައްސަލައިގެ ގޮތުގައި ކުރިއަށްގެންދާނީ."
އޭ ސީސީގެ މެންބަރު ޝަކީލް

އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ ބޮޑެތި އަދަދުތަކުގެ މައްސަލަތައް ތަހުގީގުކުރަމުންދާ ކަމަށް އޭސީސީން ބުނެފައި ވާއިރު، ކޯޓުމަރުހަލާއިންނާއި، ކޯޓުން ބޭރުން ވާހަކަދައްކައިގެން ކުންފުނިތަކަށް ތަފާތު މައްސަލަތަކުގައި ދީފައިވާ ފައިސާގެ އަދަދު ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ އަރާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިފަދަ މައްސަލަތައް ނިންމަނީ ރާއީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމެޓީއަކުން ކަމަށް މައުލޫމާތު ލިބެއެވެ.