ރައްޔިތުން އެދޭ ތަރައްގީގެ ބިންގަލަކީ ރައްޔިތުން ބާރުވެރިކުރުވާ ލާމަރުކަޒީ ރާއްޖެއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިސަރުކާރުގެ ތަރައްގީގެ ތަސައްވުރަކީ ރާއްޖެ ލާމަރުކަޒު ކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ދިވެހީންނަށް ހޯދައިދިނުން ކަމަށެވެ. މިކަން ހާސިލް ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ލާމަރުކަޒީ ގާނޫނަށް ބަދަލުގެންނަން ހުށަހަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ދިވެހިން އެދޭ ތަރައްގީގެ ބިންގާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެ ލާމަރުކަޒީ ގޮތުން ގުޅާލުމުގެ ބޭނުމަކީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމާއި ގުދުރަތީ އަދި އުމްރާނީ ވަސީލަތްތަކާއިމެދު މައުނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު ރައްޔިތުންނަށް ދިނުމެވެ. އަދި މައި ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި ޚިދުމަތްތަކާއި ތަރައްގީގެ ކަންކަން އަވަސް މިނުގައި ކުރިއަށް ގެންދިއުމެވެ.

ދިވެހިރާއްޖެ ލާމަރުކަޒީ ނިޒާމަކުން އެންމެ ފުރިހަމަ ގޮތުގައި ހިންގޭނީ ކައުންސިލްތަކަކީ މިނިވަންކަމާއިއެކު އަމިއްލަ އިޚުތިޔާރުގައި ހިނގާ މުއައްސަސާތަކަކަށް ވެގެންނެވެ. ރާއްޖޭގެ ރަށްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހިންގައި ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން އެކުލަވާލި ބިލު ރައްޔިތުންގެ މަޖިލީހަށް މިމަހުގެ 14 ވަނަ ދުވަހު ވަނީ ހުށަހަޅާފައެވެ. ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަވަން ބޭނުންފުޅުވާ މައިގަނޑު މަގްސަދަކީ މައި ސަރުކާރުގެ ދަށުގައި ރާއްޖޭގެ ރަށްތައް އެކަހެރިކޮށް، އަދި ނިކަމެތިކޮށް އޮތްއޮތުމަށް ނިމުމެއް ގެނައުމަށް ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލުތަކަށް އާމްދަނީ އިތުރުވާނެ ގޮތްތައް ހިމަނާފައިވެއެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެރަށެއްގެ ކައުންސިލަކަށް ލިބޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އަދި 5 މިލިޔަނަށްވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ސެކްޓޯރަލް ގްރާންޓުގެ ގޮތުގައި ރަށު ކައުންސިލުތަކަށް ބަދަލުކުރުމަށް މި އިސްލާހުގައި ހިމަނާފައި ވެއެވެ.

މީގެ އިތުރަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަދަލުކުރުމަށް ވެސް އިސްލާހު ހުށަހަޅާފައި ވެއެވެ. އެގޮތުން ކައުންސިލުތަކުގެ ދައުރު 5 އަހަރަށް ބަދަލުކުރުމާއި ކައުންސިލުތަކުގެ ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަކުރުމާއި ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ ރައީސުން ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާގޮތަށް ހަމަޖެއްސުން ހިމެނެއެވެ.