މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު ވައްދާލި ގޯލާއެކު 1-1 އިން އެއްވަރުކޮށް ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ގްރީންސްޓްރީޓްސް އިން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ އާއި ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކުރަން ކުލަބް ގްރީންސްޓްރީޓްސް އަށް ވަނީ އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

މެޗުގައި ފުރަތަމަ ގޯލުޖަހާ ލީޑުނެގީ ކުލަބް ގްރީންސްޓްރީޓްސް އެވެ. އުމެއިރު ދިން ބޯޅައަކުން މި ގޯލު އަލީ އަޝްފާގު (ދަގަނޑޭ) މި ގޯލު ކާމިޔާބުކުރީ ކިޕަރު ފައިސަލް ކުރިޔަށް ޖެހުނު ވަގުތު އޭނާގެ ބޯމަތިން ފޮނުވާލައިގެންނެވެ. އެއަށްފަހު ވެސް ގްރީންސްޓްރީޓްސް އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެންދިޔަ އެވެ.

ދަ ގްރާންޑޭ ކޮޅަށް ގޯލުޖެހުމަށްފަހު ގްރީންސްޓްރީޓްސް އިން އުފާފާޅުކުރަނީ -- ފޮޓޯ: އެފްއޭއެމް

މެޗުގެ ފުރަތަމަ ހާފު ނިމުނީ ގްރީންސްޓްރީޓްސް ލީޑުގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ދަ ގްރާންޑޭއަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ދަ ގްރާންޑޭގެ ކީޕަރު ފައިސަލް އަށް އަނިޔާވުމާއި ގުޅިގެން އޭނާގެ ބަދަލުގައި ކުޅެން އަރާފައިވަނީ އިޔާން އަބްދުލް އަލީމްއެވެ. އޭނާގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.

ދަ ގްރާންޑޭ އިން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބެމުން ދަނިކޮށް މެޗުގެ 76 ވަނަ މިނިޓްގައި ރެފްރީއަށް މުހާތަބުކުރި ގޮތުގެ ސަަަބަބުން އެ ޓީމުގެ ކެޕްޓަން މުހައްމަދު ރަޝީޑު (ހޮކޭ) އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. އެއް ކުޅުންތެރިއަކު މަދުން ކުޅެން ޖެހުމާއެކު އެ ޓީމަށް ބަދަލުތަކެއް ގެނައެވެ. އެގޮތުން އަހުމަދު އިމާޒް (އާއްކޮ) ކުޅެން އެރިއެވެ.

ކުލަބް ގްރީންސްޓްރީޓްސްގެ އޭރިއާ ތެރެއިން އެ ޓީމުގެ މުހައްމަދު އާރިފް (ބަކާ) ކުރި ފައުލަކާއި ގުޅިގެން މެޗުގެ 85 ވަނަ މިނެޓުގައި ދަ ގްރާންޑޭއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އޮބައިދާ ކަދުމް އެވެ.

މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ދަ ގްރާންޑޭ އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް އޭގެ ފައިދާ ނުނެގުނު ކަމަށެވެ. އަދި އެއްވަނައިގައި މާޒިޔާ މިހާރު އޮތީ ބޮޑު ލީޑެއްގައި ކަމަށާއި އަނެއްކާވެސް މިއީ އުނދަގޫ ހާލަތެއް ކަމަށެވެ. އެހެންނަމަވެސް އަދިވެސް ކޮންމެވެސް ގޮތްތަކެއް ހެދިދާނެ ކަމަށް ސުޒެއިން ބުންޏެވެ.

ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ދެވަނަ ބުރުގެ ފުރަތަމަ މެޗުން ޕޮއިންޓަކާއެކު ފެށުމަކީ ޕޮޒިޓިވް ކަމެއް ކަމަށާއި ފަހުވަގުތު ހިތްވަރު އެލުވާނުލާ ކުޅުންތެރިން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި އެއީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ފާހަގަކުރި އެވެ.

މި ނަތީޖާއާއެކު ގްރީންސްޓްރީޓްސް ތާވަލުގެ ދެވަނައިގައި 17 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި މާޒިޔާ އޮތީ 23 ޕޮއިންޓާއެކުގައެވެ. ދަ ގްރާންޑޭ އޮތީ ތާވަލުގެ ހަތަރުވަނައިގައި 14 ޕޮއިންޓާއެކުގައެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ކުލަބް އީގަލްސް އެވެ.