އިސްލާމްދީނަށް ގޮންޖަހައި ކީރިތި ރަސޫލާއަށް މަލާމާތްކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އަދި އިސްލާމްދީނުގެ ނަމުގައި ފިތުނަ އުފެއްދުމަށް ވެސް ޖާގަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުދެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖޭގައި އޮންނާނީ އިސްލާމްދީން ކަމަށާއި ދީނަށް ގޮންޖަހައި، ބަދުބަސްބުނެ، ކީރިތި ރަސޫލުﷲ صلّى اللّه عليه وسلّم އަށް މަލާމާތްކުރުމަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އިސްލާމްދީނުގެ ނަމުގައި ފިތުނަފަސާދަ އުފެއްދުމަށް ވެސް ޖާގަ ނުދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ޓެރަރިޒަމް ގާނޫނަށް ގެނައި އިސްލާހާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ އިސްލާހު ގެނައުމުގެ ބޭނުމަކީ ރާއްޖޭގައި އޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުން ނޫން ކަމަށެވެ. ގާނޫނުއަސާސީން ލިބިދީފައިވާ އެއްވެސް މިނިވަންކަމަކަށް ސަރުކާރުން ހުރަސްނާޅާނެ ކަމަށާއި ނަމަވެސް ހަމަނުޖެހުމަށް ގޮވާލާ ގޮވާލުންތަކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަރައްގީއަށްޓަކައި އެންމެ މުހިންމު ކަމަކީ ރާއްޖޭގައި ހަމަޖެހުން ގާއިމުވެފައި އޮތުންކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ހަމަޖެހުން ނެތް ތަނެއްގައި އިގްތިސާދު ކުރިނާރާނެކަން ފާހަގަކުރައްވައި ސަރުކާރުގެ އެންމެ އިސްވާޖިބެއް ކަމުގައި ދެކެވަޑައިގަންނަވަނީ ރާއްޖޭގައި ހަމަޖެހުން ގާއިމުކުރެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސް މީހަކު ސީރިޔާ ނުވަތަ އަފްޣާނިސްތާނު ފަދަ ގައުމަކަށް ގޮސް އެތަންތަނުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވާން ނުޖެހޭނެ ކަމަށެވެ. އެތަންތަނުގައި ހިނގާ ހަނގުރާމަތަކަކީ ދުނިޔެވެސް ބަލައިނުގަންނަ ޓެރަރިޒަމްގެ ހަނގުރާމަތަކެއް ކަމަށެވެ.

އެތަންތަނަށް ގޮސް، އެ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވިޔަނުދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ. މީގެ އިތުރަށް މިކަންކަމަށް ހިތްވަރުދީ، ބާރުދޭ ފަރާތްތައް ހޯދައި އެފަރާތްތައް ހުއްޓުވާނެ. އެއީ ރާއްޖޭގެ ސުލްހައާއި އަމާންކަމަށްޓަކައި އެއިރަކު އޮންނަ ސަރުކާރަކުން ކުރަންޖެހޭ ކަމެއް.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އިސްލާމްދީނަށް ގޮންޖަހައި ކީރިތި ރަސޫލާއަށް މަލާމާތްކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އަދި އިސްލާމްދީނުގެ ނަމުގައި ފިތުނަ އުފެއްދުމަށް ވެސް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާފައިމިވަނީ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަކާ ގުޅިގެން އެ މައްސަލަ ވަރަށް ހޫނުވެފައި ވަނިކޮށެވެ. ރާއްޖޭގެ ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޔޫތު މިނިސްޓްރީން ވަނީ އެމްޑީއެން ސަސްޕެންޑްކޮށް އެ ޖަމްއިއްޔާގެ ހަރަކާތްތައް ހުއްޓުވާފައެވެ. ދީނަށް ފުރައްސާރަ ކުރި މައްސަލާގައި ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކާއި އާންމު ރައްޔިތުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެމްޑީއެންއަށް ނިސްބަތްވާ ފަރާތްތަކަށް އިންޒާރުދީ، ހަމަނުޖެހުމަކަށް ހިނގައިދާނެކަމުގެ ބިރުވެސް ވަނީ އުފެދިފައެވެ. އެމްޑީއެންގެ ރިޕޯޓާމެދު ނުރުހުން ފާޅުކުރުމުގެ ގޮތުން އަނިޔާވެރިކަމުގެ އެއްވެސް އަމަލެއް ނުހިންގުމަށް ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންގެ ޖަމިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.