ތުރުކީން ސޫރިޔާގައި ހިންގަމުންގެންދާ އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރިމަތިކުރަމުންދާ ފިއްތުންތަކާ، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދެކޮޅު ހައްދަވައިފިއެވެ.

އުރުދުޣާން ވިދާޅުވީ، ސޫރިޔާގެ އުތުރުގައި "ސޭފް ޒޯން" ގާއިމްކުރުމަށް ރޭވިފައިވާ ސަރަހައްދުތަކުގައި އުޅޭ ކުރުދީ ޓެރަރިސްޓުން ހަތިޔާރު ބަހައްޓާފައި އެ ސަރަހައްދުތަކުން ފައިބައިގެން ނުދަނީސް ހަމަލާތައް ހުއްޓާނުލައްވާނޭ ކަމަށެވެ.

ތުރުކީގެ ޕާލަމެންޓް މެމްބަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ، ތުރުކީން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަން ބޭރުގެ އެއްވެސް ބާރަކަށް ނުހުއްޓުވޭނޭ ކަމަށެވެ.

ތުރުކީން ކަނޑައަޅާފައިވާ ހުރިހާ ލަނޑުދަނޑިއެއް ހާސިލް ނުވަނީސް އޮޕަރޭޝަން ހުއްޓާ ނުލައްވާނޭ ކަމަށްވެސް ތުރުކީގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިރޭވެސް އޮޕަރޭޝަން ހުއްޓާލަފާނަން. އެކަމަކު، އެކަން ކުރާނީ އެމީހުން ހަމަ ވަގުތުން ފައިބައިފިނަމަ" އުރުދުޣާން

ސޫރިޔާގެ އުތުރުގައި ތުރުކީން އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވަނީ، ކުރުދީންގެ ޖަމާއަތެއް ކަމަށްވާ ސީރިއަން ޑިމޮކްރަޓިކް ފޯރސަސް، އެސްޑީއެފްއާ ދެކޮޅަށެވެ. ތުރުކީން ދެކެނީ، އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ.

ތުރުކީގެ ރައީސް ވިދާޅުވީ، މިހާރު ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންގެ މައްސަލާގައި، ސީދާ ގޮތެއްގައިވެސް އަދި ނުސީދާ ގޮތެއްގައި ވިޔަސް ކުރުދީ ހަނގުރާމަވެރިންނާ ތުރުކީން އެއްވެސް ވާހަކައެއް ނުދައްކާނޭ ކަމަށެވެ.

ހަމަލާތައް ހުއްޓާލުމަށް އޮތް ހަމަ އެކަނި ގޮތަކީ އެމީހުން ހަތިޔާރު ބަހައްޓައި، އެމީހުން ޖަހާފައިވާ ހުރިހާ ދަންތުރައެއް ނައްތާލައި، ސޭފް ޒޯނުގެ ގޮތުގައި ތުރުކީން ކަނޑައަޅާފައިވާ ސަރަހައްދުން ވަގުތުން ފައިބައިގެން ދިއުން ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

"ﷲ އިރާދަފުޅާއެކު، މަންބީޖުން ފެށިގެން އިރާގާއި ތުރުކީ ގުޅޭ ސަރަހައްދީ އިމާ ހަމައަށް އަޅުގަނޑުމެން ވަރަށް އަވަހަށް ރައްކާތެރި ކުރާނަން" ތުރުކީގެ ރައީސް