ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ 1-0 އިން ބަލިކޮށް، މި ސީޒަނުގައި އެ ޓީމު ބަލިކުރި ފުރަތަމަ ޓީމަކަށް ކްލަބު އީގަލްސް ވެއްޖެ އެވެ.

މިރޭގެ މެޗު ފަށައިގެން މާޒިޔާ އާއި އީގަލްސްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މާޒިޔާއަށް ވަނީ މި މެޗުގައި ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެކަމަކު މެޗުގެ 31 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި އަލީ ފާސިރު (ސެންޓޭ) ވަނީ އީގަލްސްއަށް ލީޑު ނަގާދީފައެވެ.

ދެވަނަ ހާފުގައި މާޒިޔާއިން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އީގަލްސްއިން ކުޅެފައިވަނީ ވަރަށް ބޮޑަށް ޑިފެންސް ކޮށްގެންނެވެ. އެގޮތުން މި ހާފުގައި މާޒިޔާގެ ފޯވާޑް އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އާއި ނާއިޒް ހަސަން (ދާދު) އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އޭގެ ތެރެއިން ދާދު ބޮލުން ފޮނުވާލި ހަމަލާއެއް، މާޒިޔާގެ ބިދޭސީ ގޯލްކީޕަރި އަޒީޒީ ވަނީ ދިފާއު ކޮށްފައެވެ.

މެޗަށްފަހު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުން މޮޅުވި ކަމުގައި ވިޔަސް އޮތް ހިތާމައަކީ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ނާއިމް އާއި ދާދު އަށް މި މެޗުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުން ކަމަށެވެ. އަދި އީގަލްސް އިން މި މެޗުން މޮޅުވީ އާންމުކޮށް އެ ޓީމުން ކުޅޭ ގޮތާ ހިލާފަށް، ޑިފެންސިވްކޮށް ކުޅެގެން ކަމަށާއި، ކުޅުންތެރިންގެ މަސައްކަތު ރޭޓް މި މެޗުގައި ވަރަށް ރަނގަޅު ކަމަށްވެސް ބުންޏެވެ.

މާޒިޔާގެ ކޯޗު މަރުޔާން ސެކުލޮސްކީ ބުނީ މެޗުގެ 95 އިންސައްތަ ކޮންޓްރޯލްކުރީ މާޒިޔާއިން ކަމަށާއި ދިމާވި މައްސަލަ އަކީ ގޯލެއް ނުޖެހުން ކަމަށެވެ. އަދި މި މެޗުގައި އީގަލްސްއަށް ވެސް މަރުހަބާ ކިޔަން ޖެހޭ ކަމަށާއި، ބައެއް ފަހަރު މޮޅަށް ކުޅެގެން ވެސް މޮޅުނުވެދާނެ ކަމަށް ބުންޏެވެ.

މިރޭގެ ނަތީޖާއާ އެކު ލީގުގައި މިހާރު ވާދަކުރާ 9 ޓީމުގެ ތެރެއިން މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ އީގަލްސް އެވެ. އީގަލްސް ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗު އެއްވަރުވިއިރު، އެ ޓީމު މޮޅުވީ ހަތަރު މެޗުންނެވެ. މި މެޗުން ބަލިވުމުން މާޒިޔާގެ ލީޑުވަނީ 5 ޕޮއިންޓަށް ކުޑަވެފަ އެވެ. ލީގުގެ އެއްވަނައިގައި މާޒިޔާ 10 މެޗުން 23 ޕޮއިންޓާ އެކު އޮތްއިރު، ދެވަނައިގައި އޮތް އީގަލްސް އަށް 10 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ 17 ޕޮއިންޓެވެ.