ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް، ދ. އަތޮޅުގެ ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ މި ޚިދުމަތް ދިނުމަށް ޚާއްސަކޮށްފައިވާ ތަން ބައްލަވާލައްވައިފައެވެ.

ދ. އަތޮޅުގައި ސިއްހީ މަރުކަޒެއް ބިނާކޮށް، ސިއްހީ ޚިދުމަތް ދޭން ފެށީ 21 ޖުލައި 1969 ގައެވެ. ކުޑަހުވަދޫ ސިއްހީ މަރުކަޒު އިތުރަށް ތަރައްގީކޮށް، ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވަނީ 24 މެއި 2002 ގައެވެ.

ޑެންޓިސްޓެއްގެ ޚިދުމަތާއިއެކު، ދ. އަތޮޅު ހޮސްޕިޓަލުގައި މި ވަގުތު ފޯރުކޮށްދޭ ސްޕެޝަލިސްޓް ޚިދުމަތްތަކުގެ ތެރޭގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރަކާއި، އޮޕަރޭޝަން ޑޮކްޓަރަކާއި، އެތެރެ ހަށީގެ ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ހިމެނެއެވެ.

ދ. އަތޮޅުގެ ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފައްޓަވާދެއްވުމަށްފަހު ރައީސް ސާލިހް ވަނީ، ކުޑަހުވަދޫގެ މުއައްސަސާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ފަރާތްތަކަށް ހުރި ދަތިތަކާއި ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ދ. އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި، މުއައްސަސާތަކަށް މުވައްޒަފުން ހޯދުމާއި އިމާރާތްތަކުގެ ޖާގައިގެ ދަތިކަން ހިމެނެއެވެ.

މީގެ އިތުރުން، އެންމެ އެކަށީގެންވާ ގޮތެއްގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ހުރަސްތަކާއި، ބޭންކިންގގެ ޚިދުމަތްތައް ދިނުމުގައި ހުރި ގޮންޖެހުންތަކާއި، ދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހުރި ދަތިތަކާއި، ޞިއްހީ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ކަންތައްތަކާއިމެދު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މުއައްސަސާތަކުގެ އިސް ވެރިން ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން މިހާރުން މިހާރަށް ހައްލު ކުރެވޭނެ ކަންތައްތައް ބައްލަވައި، އެކަންކަން ހައްލު ކުރައްވަން ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.