ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް މަހާޒު އަލީ ޒާހިރުއާއި ފާތިމަތު ދިޔާނާ ސައީދުގެ ނަންފުޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް އިބްރާހީމް މުަހައްމަދު ސޯލިހު ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވީ، ޤާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރައްވާނެ ބޭފުޅެއް ކަނޑައެޅުމަށް މަޙާޒު ޢަލީ ޒާހިރު އާއި ފާޠިމަތު ދިޔާނާ ސައީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު ފޮނުއްވާފައިވާ ކަމަށެވެ.

ދިޔާނާގެ ނަންފުޅާއި މަހާޒްގެ ނަންފުޅު ސުޕްރީމް ކޯޓަށް ފޮނުވުމަށް ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކާއި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅާއެކު މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ތެރެއިން ކޮމިޝަނުން އެންމެ އިސްކަންދޭ ތަރުތީބު އެނގޭނެ ގޮތަށް ރައީސަށް ލަފާދިނުމަށް ވަނީ ފޮނުއްވާފައެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރަނީ ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކާއި ޖޭއެސްސީން ހުޅުވާލާ ފުރުސަތުގައި ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާ ކަމަށް ކަނޑައަޅާ ބޭފުޅުންގެ ނަންތައް ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުން ފާސްވެގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ރައީސް ވަނީ ޑރ. އަޒްމިރާލްދާއާއި، އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.