ބަންގާޅުގައި މިހާރު ކުރިޔަށްދާ ޔުއެފާ އެސިސްޓް 16 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ފެރޯ އައިލޭންޑްސްއާއި ވާދަކޮށް ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

މި މެޗު ފެރޯ އައިލޭންޑްސް ކާމިޔާބުކުރީ 10-3 ގެ ނަތީޖާއަކުންނެވެ. ފެރޯ އައިލޭންސް މެޗު ކާމިޔާބުކުރީ ރާއްޖެއިން ތިން ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރައެވެ.

މެޗުގައި ރާއްޖެއިން ފެށި ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ހަވަނަ މިނެޓުގައި ރާއްޖޭގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ހަންނާން އާދަމްއެވެ. މެޗުގެ 20 ވަނަ މިނެޓުގައި ހަންނާން ވަނީ ރާއްޖެއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ 25 މިނެޓުގައި ފެރޯ އައިލޭންޑްސް ވަނީ އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ. އަދި 32 ވަނަ މިނެޓުގައި ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ފެރޯ އައިލޭންޑްސް ވަނީ ރާއްޖޭގެ މައްޗަށް ކުރިހޯދާފައެވެ. ދެވަނަ ހާފުގައި ރާއްޖެއާއި ހިލާފަށް ފެރޯ އައިލޭންޑްސް ފެނުނީ ފުރަތަމަ ހާފަށްވުރެ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން މި ހާފުގައި އެ ޓީމު ވަނީ ރާއްޖެ ކޮޅަށް ހަތް ގޯލު ޖަހާފައެވެ. މި ހާފުގައި ރާއްޖޭގެ ހަންނާން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މުބާރާތުގައި ރާއްޖެ އާއި ފެރޯ އައިލޭންޑްސްގެ އިތުރުން ދެން ވާދަކުރަނީ ކެމްބޯޑިއާ އާއި މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްއެވެ. ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރާނީ ކެމްބޯޑިއާ އާއެވެ. އަދި ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ މުބާރާތް ބާއްވާ ބަންގްލަދޭޝް އާއެވެ.

ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުހިފާ، ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމަށް މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖެއްސިފަހުން، ޒުވާން ޓީމުން ވަނީ ދެ މުބާރާތެއްގައި ކުޅެފައެވެ.

އެގޮތުން އޯގަސްޓް މަހު ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ 16 އަހަރުން ދަށުގެ އިންޓަނޭޝަނަލް 4 ނޭޝަންސް ކަޕްގައި ރާއްޖޭގެ ޒުވާން ޓީމު ވާދަކުރިއިރު، މިދިޔަ މަހު ޒުވާން ޓީމު ވަނީ 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 16 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފިކޭޝަނުގައިވެސް ވާދަކޮށްފައެވެ.

އަދި ޓީމުގެ ކޯޗަކަށް ނިޒާމްބެ ހަމަޖެއްސުމުގެ ކުރިން އައްޑޫ ސިޓީގައި ބޭއްވި ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައިވެސް މި ޓީމު ވަނީ ވާދަކޮށްފައެވެ.