• ހަވާލުކުރި ރަށްތަކަކީ ރ. އިންނަމާދޫ، ބ. ހިތާދޫ، ތ. ކިނބިދޫ އަދި ނ. މިލަދޫ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ހަތަރު ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ކުންފުނިތަކަކާއި ހަވާލުކޮށްފިއެވެ.

ދަނޑު އެޅުމަށް ހަވާލުކޮށްފައިވާ ރަށްތަކަކީ ރ. އިންނަމާދޫ، ބ. ހިތާދޫ، ތ. ކިނބިދޫ އަދި ނ. މިލަދޫގެ ފުޓްސަލް ދަނޑުގެ މަސައްކަތެވެ.

މީގެތެރެއިން ރ. އިންނަމާދޫ އަދި ބ. ހިތާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކޯޕައިން އިންވެސްޓްމެންޓް އާ ހަވާލުކުރީ ކޮންމެ ދަނޑެއްގެ މަސައްކަތް ވެސް 50 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ހަމައެހެންމެ ތ. ކިނބިދޫ ދަނޑުގެ މަސައްކަތް އޭއައި އިންވެސްޓްމެންޓާ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރިއިރު ނ. މިލަދޫ ދަނޑުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ ސަން ބްރަދަރއާއެވެެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަހުލޫފްއެވެ. ކޯޕައިން އިންވެސްޓްމަންޓްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝިހާމް ސޮއިކުރެއްވިއިރު އޭއައި އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަދި ސަން ބްރަދަރގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިރުޝާދެވެ.

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން 21 ފުޓްސަލް ދަނޑުގެ މަސައްކަތް ކުރެވެމުން އަންނައިރު އޭގެ ތެރެއިން ބައެއް ދަނޑުތައް ވަނީ ނިމިފައެވެ. ހަމައެހެންމެ މިނިސްޓްރީއިން ޚަރަދުކޮށްގެން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފުޓްސަލް ދަނޑުތައް އަޅަމުންނެވެ. ރާއްޖޭގެ ކުޅިވަރު އިންފްރަސްޓްރަކްޗަރ ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ބޮޑު ވައުދެކެވެ.