ޕްރޮސެކިއުޓަރ ޖެނެރަލް މަގާމުން ވަކިކުރުމަށް މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީކޮމެޓީން ފާސް ކުރި ނިންމުން އެކޮމެޓިން މިއަދު ބާތިލްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގައި އެ ނިންމުން ބާތިލް ކުރަން ހުށަހެޅުއްވީ ހިންނަވަރުދާއިރާގެ މެމްބަރު ޖީހާން މަހުމޫދްއެވެ.

އެމައްސަލަ ކޮމެޓިއަށް އިއްޔެ ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުއެވެ.

ޕީޖީ ބިސާމް މަގާމުން ވަކިކުރުމަށް ކުރަންޖެހޭ މަސައްކަތް ބާތިލް ކުރީ އެމައްސަލަ އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމަށް މޫސާ ސިރާޖު ހުށަހަޅުއްވީ އެފަދަ މައްސަލަތަކުގައި އެމްޑީޕީން ކަންކުރާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

އެމައްސަލަ ބާތިލް ކުރުމަށް ޖީހާން ހުށަހެޅުއްވުމުން ކޮމެޓީގެ ހަތަރުމެމްބަރަކު ތާއީދު ކުރެއްވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން ބިސާމު ވަކިކުރުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް އޮގަސްޓު މަހުގެ 9 ވަނަ ދުވަހު މޫސާ ސިރާޖު ވަނީ މައްސަލަ ހުށައަޅާފައެވެ.

މޫސާ ސިރާޖު އޭރު ވިދާޅުވީ، ޕީޖީއަށް އިތުބާރު ނުކުރެވޭތީ، ޕީޖީ ވަކިކުރަން ފެންނަކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް އޭނާ ހުށައަޅުއްވާފައިވާ ކަމަށެވެ.

އަދި މިނިވަން މުއައްސަސާތަކުން މީހުން ވަކިކުރަން އޮންނަނީ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ލީޑަރުންނާއި އަދި ޕާލަމެންޓްރީ ގުރޫޕުގައި މަޝްވަރާ ކުރުމަށް ފަހު، ގޮތެއް ނިންމައިގެން ކަމުގައިވެސް މޫސާ ސިރާޖު ވަނީ ވިދާޅުވެފައެވެ.

ޕީޖީ ބިސާމްއަކީ ރައީސް ޔާމީނުގެ ސަރުކާރުގެ ދުވަސްވަރުގައި ސިޔާސީ ލީޑަރުންނަށް އަމާޒުކޮށްގެން އިންސާފުން ބޭރުން ދައުވާތައްކޮށްފައިވާ ބޭފުޅެއް ކަމަށް ބުނެ، އޭނާ މަޤާމުން ވަކި ކުރާނެ ކަމުގައި މަޖިލީހުގެ މެމްބަރުންނާއި ކޯލިޝަނުގައި ހިމެނޭ ލީޑަރުންވެސް ކުރިން ވިދާޅުވަމުން ގެންދެވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިސާމުގެ އިތުބާރުނެތްކަމުގެ މައްސަލަ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ދެ ފަހަރެއްގެ މަތިން ހުށައެޅިއެވެ. އެހެން ނަމަވެސް ދެފަހަރުވެސް އެމައްސަލަ ހުށައެޅުއްވި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވަނީ، އަނބުރާ ނަންގަވާފައެވެ.