އެމްޑީޕީގެ މެންބަރުން ބޭނުންވާ ގޮތް ނޫން ގޮތެއް ރާއްޖޭގައި ނުހިނގާނެ ކަމަށާއި ރައީސް ސޯލިހު އެމްޑީޕީގެ ވިންދާއި އުންމީދުތަކާއި ބޭނުންތަކާ އިދިކޮޅަށް އަދި ފުށުއަރާނެ ގޮތަކަށް ކަންކަން ނުގެންދަވާނެ ކަަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާކަން އިއުލާންކުރެއްވުމަށްފަހު، ޕާޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ނަޝީދު ވިދާޅުވީ ކޮންމެ ފަހަރަކުވެސް އެމްޑީޕީން ވެރިކަމަށް ނުކުންނަނީ ތަސައްވުރަކާ އެކުގައި ކަމަށާއި މެންބަރުންގެ މަސައްކަތުން ދެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިންބައިކުޅަދެބައި ހޯދާފައިވާ ކަމަށާއި ރައީސް ޔާމީނުގެ ދައުރުގައި ބޭއްވި ކައުންސިލް އިންތިޚާބުގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީން ހޯދާފައިވާ ކަމަށެވެ. އެމްޑީޕީގެ ކާމިޔާބީ ރައީސް ނަޝީދު ސިފަކުރެއްވީ އަބަދުވެސް ކާމިޔާބު ހޯދާ މެޝިނެއްގެ ގޮތުގައެވެ.

( މާލެ ، 18 އޮކްޓޯބަރު 2019 ) -- ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރެއްވުން -- ވީފޮޓޯ : އަހުމަދު ޝުރާއު

އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި މި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ އުންމީދުތަކެއް އެބައޮތް ކަމަށާއި އެމްޑީޕީގެ މެންބަރުން ބޭނުންވާ ގޮތް ނޫން ގޮތެއް ރާއްޖޭގައި ނުހިނގާނެ ކަމަށެވެ. ރާއްޖޭގައި ހެޔޮގޮތުގައި ކަންކަން ކުރިއަށްގެންދިއުމަށް އެއްވެސް ހުރަހެއް އެމްޑީޕީއަށް ނޯންނާނެ ކަމަށާއި ރައީސް ސޯލިހު ހިންގަވަމުން ގެންދަވަނީ އެމްޑީޕީގެ ސިޔާސަތު ކަމަށެވެ. އެގޮތުން ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފުތިތާހު ކުރެވިފައިވާ ކަމާއި ޕްރޮޖެކްޓެއް ނުހިނގާ އެއްވެސް ދާއިރާއެއް މިހާރު ނޯންނާނެކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ބޭނުންވާ ޚާއްސަ ކަންތައްތަކެއް އަދިވެސް އެބައޮތް ކަމަށެވެ.

އެއީ ސަރުކާރު، އަޅުގަނޑުމެންގެ ވިސްނުމުގައި އަޅުގަނޑުމެން ހިންގުން. އަޅުގަނޑުމެންގެ ސަރުކާރަކަށް އަޅުގަނޑުމެން މި ބޭނުންވާ، އަޅުގަނޑުމެން މި އުންމީދުކުރާ ކަންކަން. އަޅުގަނޑުމެން ހިތުއެޅި ކަމެއް، އަޅުގަނޑުމެން ކުރެހި މަންޒަރެއް، އެހެން މީހަަކަށް ގޮސް، އެހެން ބަޔަކަށް އެ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން އަޅުގަނޑުމެނަށް ދަތި. އަބަދުވެސް ފެނޭ ނުފަރިތަވެގެން އުޅުއްވާ ތަން. ވަޒީރު ބޭފުޅުންވެސް. އަޅުގަނޑު މިދަންނަވަނީ އެއްވެސް ހާލެއްގައި އެމްޑީޕީގެ ވަޒީރު ބޭފުޅުންނެއް ނޫން. މިދަންނަވަނީ ތިބޭފުޅުން އެބަ އެދެއޭ ތިބޭފުޅުން މި ސަރުކާރު ހިންގުމަށް. ތިބޭފުޅުން ބޭނުންވާ މިސްރާބަށް މި ސަރުކާރު ދިއުމަށް.
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދާނީ އެމްޑީޕީގެ މެންބަރުންގެ އުންމީދުތަކާ އެއްގޮތަށް ކަމަށާއި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އޮޅިވަޑައިނުގަންނަވާނެ ކަމަށެވެ. ރައީސް ސޯލިހު އެމްޑީޕީގެ ވިންދާއި އުންމީދުތަކާއި ބޭނުންތަކާ އިދިކޮޅަށް އަދި ފުށުއަރާނެ ގޮތަކަށް ކަންކަން ނުގެންދަވާނެ ކަަމަށެވެ.

( މާލެ ، 18 އޮކްޓޯބަރު 2019 ) -- ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރެއްވުން -- ވީފޮޓޯ : އަހުމަދު ޝުރާއު

ނަޝީދު ވަނީ ސަރުކާރު ހިންގަން އެމްޑީޕީގެ މެންބަރުން ތިބުމަކީ ޕާޓީއާއި އަދި އެމަނިކުފާނު ވެސް ބޭނުންފުޅުވާ ގޮތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެ މިސްރާބަށް ދެވޭނެކަން ފާހަގަކުރައްވައި ވިދާޅުވީ އެމްޑީޕީއަކީ ބަހާލެވޭނެ ނުވަތަ ބައިބައިކުރެވޭނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަކީ އެންމެ ގިނަ ސިޔާސީ ޕާޓީ ހަދަން އުޅޭ މީހާ ނޫން ކަމަށް ވިދާޅުވެ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ރައީސް މައުމޫނަށް ވަނީ ފާޑުވިދާޅުވެފައެވެ.

އަޅުގަނޑަކީ ހަމަ އެންމެ ސިޔާސީ ޕާޓީއެއް ހެދުމުގެ ފިކުރު އަބަދުވެސް ހުރި މީހެއް. އަޅުގަނޑަކީ ހިތުގެ އަޑިން ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ގަބޫލުކުރާ މީހެއް. އެހެންވީމަ އަޅުގަނޑަށް ވަދެވެންވެސް އޮންނާނީ އެންމެ ޕާޓީއެއް، އަޅުގަނޑަށް އުޅެވޭނީ ވެސް އެންމެ ޕާޓީއެއްގައި. އެއީ އިންސާނެއްގެ އޮންނާނީ އެންމެ ފިކުރެއް ވީމަ. މާދަމާ ގޮސް އެހެން ޕާޓީއެއް ހަދާފައި އޭގެ އަނެއް ދުވަހު އަނެއްކާ ކޮއްކޮއަށް ޕާޓީއެއް ހަދައިދީފައި، ދައްތައަށް ޕާޓީއެއް ހަދައިދީފައި، ބޭބެއަށް ޕާޓީއެއް ހަދައިދީފައި އެހެނެއް ނުދެވޭނެ. އެއީ ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ނޫން.
ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ރައީސް މައުމޫން ވެސް އަދި ރައީސް ޔާމީނަށް ވެސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިކޮށް އުޅުއްވެނީ އެމްޑީޕީއާ ހެދި ކަމަށެވެ. ވާދަވެރިން އަބަދުވެސް ވާދަކުރުމަށް ރާވާނެ ކަމަށާއި ނަމަވެސް އަބަދުވެސް އެމަނިކުފާނު ވިދާޅުވާ ފަދައިން އެމްޑީޕީ ނޫން ޕާޓީތައް އެއްބަޔަކު އަނެއްބަޔަކު ތިބޭނީ ޖެހިފައި ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެސް ފާޑުވިދާޅުވިއެވެ.

އަޅުގަނޑުމެންނާ ދިމާއަށް އަޅުގަނޑުމެންގެ ވާދަވެރިން އަންނާނެ. އަޅުގަނޑުމެންނާ ދިމާލަށް އޮނަރަބަލް ގާސިމް އިބްރާހީމް އަންނާނެ، ކިތަންމެ އެއްޗެއް ވިދާޅުވާނެ. އަޅުގަނޑުމެންނާ ދިމާލައަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވާނެ. އަޅުގަނޑުމެންނާ ދިމާލަށް އަޅުގަނޑުމެންގެ ހުރިހާ ވާދަވެރި ޕާޓީތައް އަންނާނެ. އެބޭފުޅުން މަސައްކަތް ކުރާނެ އަޅުގަނޑުމެންގެ ތެރޭގައި ޚިލާފު އުފައްދަންވެސް.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ކިތަންމެ ވަރަކަށް ބައިބައިކުރަން އުޅުނަށް އެމްޑީޕީގެ މެންބަރުންގެ ސާބިތުކަން ގުޑުވާނުލެވޭނެ ކަމަށެވެ. މި ސަރުކާރަކީ އެންމެ ކާމިޔާބު ސަރުކާރަށް އެމްޑީޕީއަށް ހެދޭނެ ކަމަށާއި ސަރުކާރު ބަދަލުވުމަށް އެމްޑީޕީ ތެރެއިން އެކަކުވެސް ނޭދޭނެ ކަމަށެވެ.

މެނިފެސްޓޯގައި އެތައް ކަމަކަށް ވައުދުވެފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެންމެ ހަރުއަޑުން ދެއްކީ އިންސާފު ގާއިމުކޮށްދޭނެ ވާހަކަ ކަމަށެވެ. އިންސާފު ގާއިމުކުރުމށްޓަކައި ގިނަ މަގާމުތަކަކަށް ބަދަލުގެންނަންޖެހޭ ކަމަށާއި ކޯޓުތަކާއި މުސްތަގިއްލު މަގާމުތަކަށް ވެސް ބަދަލުއަންނަންޖެހޭ ކަމަށެވެ. އަދި ކަންކަމާމެދު އެންމެން ވިސްނާ ގޮތްވެސް ބަދަލުކުރަންޖެހޭ ކަމަށެވެ. އެގޮތުގެ މަތިން ކަންކަން ބަދަލުވާނެ ކަމަށާއި ގާނޫނުތައް ބަދަލުކުރުމާއި އޭގެ އިތުރަށް ކުރަން ހުރި ކަންކަން ވެސް ކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.